ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗް 2-2 ލަނޑުން ދެޓީމް އެއްވަރު ވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބްރެޒިލްއިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ބްރެޒިލްއަށް ކާމިޔާބު ކޮށްދިީ ޑަގްލަސް ކޮސްޓާ އެވެ. ބްރެޒިލްގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 26 ވަނަ މިނިޓްގައި ރެނާޓޯ އޮގަސްޓޯ އެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން އުރުގުއޭއިން ވަނީ ލަމޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. އެލަނޑު އުރުގުއޭއަށް ކާމިޔާބު ކޮށްދިނީ އެޑިސަން ކަވާނީ އެވެ.

ރޭގެ މެޗުގައި އުރުގުއޭއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ޖިއޮޖިއޯ ޗިއެލީނީ ކޮނޑުގައި ދަތް އެޅުމުން ސުއަރޭޒަށް ދިން ނުވަ މެޗުގެ ސަސްޕެންޝަން ފުރިހަމަ ކުރުމަށް ފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުތަކަށް ފަހު ކޮލިފައިން ގްރޫޕްގެ އެއް ވަނައިގައި އެކުއެޑޯ އޮތީ ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އުރުގުއޭ އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިން ވަަނައިގައި ބްރެޒިލް އާއި ހަތަރު ވަނައިގައި އޮތް ޕެރަގުއޭ އާއި ފަސް ވަނައިގައި އޮތް އާޖެންޓީނާއަށް ވެސް، ޕޮއިންޓުގެ ގޮތުން އެއްވަރެއްގައެވެ. އެގޮތުން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ބްރެޒިލްއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.