މިދިޔަ ބުރާސްފަތި ދުވަހު އިޓަލީއާ ދެކޮޅަށް ސްޕެއިން ކުޅުނު ރަހުމަތެތެރި ކަމުގެ މެޗުގައި އަނިޔާވުމުގެ ސަބަބުން ސްޕެއިންގެ ސްކޮޑުން ސާޖިއޯ ރާމޯސް ބާކީކޮށްފި އެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ރާމޯސްއަށް އަނިޔާވީ އެމެޗުގެ ފުރަތަމަ ހާފުގައެވެ. އަދި އަނިޔާވީ އޭނަގެ އުނަގަނޑަށް ކަަމަށް ސްޕައިންގެ ފުޓްބޯޅަ އިދާރާއިން ބުނެފައި ވެއެވެ. ރާމޯސްއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނަ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ ދުވަހެއްގައި ކަމެއް ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އިޓަލީއާ ދެކޮޅަށް ސްޕެއިން މިދިޔަ ބްރާސްފަތި ދުވަހު ކުޅުނު އެމެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މީޑިއާ ރިޕޯޓް ތަކުން ބުނެފައި ވަނީ ރާމޯސްއަށް ލިބުނު އަނިޔާގެ ސަބަބުން ރޫމޭނިއާއާ ދެކޮޅަށް މާދަމާރޭ ސްޕެއިންއިން ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށެވެ. އަދި ރާމޯސް މިހާރުވަނީ އޭނާއަށް ލިބުނު އަނިޔާއަށް ބޭސް ކުރުމަށް އެނބުރި ސްޕެއިންއަށް ގޮސްފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ރާމޯސްއަށް އަނިޔާވިއިރު، އަންނަ ހަފްތާގައި ލީގުގައި ރެއާލް މެޑްރިޑުން ބާސެލޯނާއާ ދެކޮޅަށް ނިކުންނާނެއެވެ. އެ މެޗަކީ ލީގު ހޯދުމުގެ އުއްމީދު އާކުރުމަށް ރެއާލްއިން ކޮންމެހެން ވެސް މޮޅުވާންޖެހޭ މެޗެކެވެ.