(26 މާރޗް 2016 އާ ގުޅޭ)

"ޖަޒްލާ... ކަމަކުތަ؟" ވަންނާށޭ ބުނުމުގެ ކުރިން ވެސް ހަމްރާއަށް ސުވާލުކޮށްލެވުނެވެ. ސިޓިންރޫމު ދޮރުމަތީ ކުޑަކޮށް ހިނިތުންވެލައިގެން ހުރި ޖަޒްލާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

"އީތަން... އެބައުޅޭތޯ" ޖަޒްލާ އަހާލިއެވެ. ދެން ވެސް ހަމްރާއަށް ފަސްއެނބުރި ބަލާލެވުނީ ރާބިއާއަށެވެ. އެހިނދު ރާބިއާ އަވަސް އަވަހަށް ތެދުވެއްޖެއެވެ.

"ހަމްރާ، އެމަންޖެ އެތެރެއަށް ވައްދާ ބައިންދަބަލަ" ރާބިއާ އެންގި ގޮތަށް ހަމްރާ ކަންތައްކުރިއެވެ. ޖަޒްލާއަށް ހިނިތުންވެލަން މަސައްކަތް ކުރަމުން އެތެރެއަށް އައުމަށް ބޮލުން އިޝާރާތްކޮށްލިއެވެ. އެއާއެކު ޖަޒްލާ އެތެރެއަށް ވަދެ ހަމްރާ އަތުން އިޝާރާތްކޮށްލި ސޯފާގައި އިށީނދެއްޖެއެވެ. ރާބިއާ މަސައްކަތްކުރީ ގޭތެރޭގެ ޙާލަތު ޖަޒްލާއަށް ސިއްރުކުރުމަށެވެ.

"އީތަން ނޫޅެނީތޯ؟" ސުވާލު ތަފާތު ވިޔަސް ޖަޒްލާ އެނގެން ބޭނުންވީ އެއްކަމެކެވެ.

"އެބައުޅޭ... ހަމްރާ ދޭބަލަ ޖަޒްލާ އެބައިންކަން އީތަންއަށް އަންގާލަން" ހައިރާންކަން ލިބިފައިވެފައި ހުރެ ވެސް ހަމްރާ ހިނގައިގަތީ އެތެރެއަށެވެ. އެއާއެކު ރާބިއާ ހިނިތުންވެލަމުން ޖަޒްލާއާ ވާހަކަދައްކަން ފެށިއެވެ.

"އީތަން ގޭގައި އުޅޭކަން އެނގިގެން ހެން ހާދަ ހީވެޔޭ ޖަޒްލާ ތިއައީ... އެހެންނޫނީ މީ އީތަން އޮފީހުގައި އުޅޭ ގަޑިއެއްނު"

"އަޅުގަނޑު އޮފީހަށް ގުޅާލުމުން އެނގުނީ އީތަން އޮފީހަށް ނުނިކުންނަކަން. އެހެންވެ ގެއަށް މިއައީ... އީތަން ބަލީތޯ" ޖަޒްލާއިނީ ރާބިއާގެ ކުރިމަތީ ވާހަކަދައްކަން ޖެހިލުންވެފައެވެ.

"އާން! އޭނާ އުޅެނީ ބޮލެއްގައި ރިއްސާތީ... ފަހަރެއްގައި ނުނިކުމެވެސް ދާނެ" ރާބިއާއަށް ހީވީ އީތަން މިހާރު ހުރި ހާލުގައި ޖަޒްލާއާ ބައްދަލުކުރަން ބޭނުންނުވާނޭ ކަމަށެވެ. ޚުދު އޭނާ ވެސް ބޭނުންވަނީ މިވަގުތު އީތަންއާ ބައްދަލުނުކޮށް ޖަޒްލާ އެނބުރި ދާށެވެ. އެހެންނަމަވެސް އެ ނިންމުން ނިންމާނެ ބާރެއް ރާބިއާގެ އަތަކުނެތެވެ. އޭނާ ޖަޒްލާއާ ވާހަކަދައްކަން އިންދާ ހަމްރާ އެނބުރި އައީ ސިހޭވަރުގެ ޚަބަރެއް ހިފައިގެންނެވެ.

"އީތަން... އީތަން އެދުނީ ޖަޒްލާ އޭނާގެ ގާތަށް އައިސް ދިނުމަށް" ހަމްރާގެ އުޅުމާމެދު ޖަޒްލާ ވެސް ހައިރާންވިއެވެ. މީގެ ކުރިން އޭނާ އެގެއަށް އައެއްކަމަކު ހަމްރާ އެހާ ދުރުދުރުންނެއް ނޫޅެއެވެ. ހަމްރާގެ އެ ޢަމަލުން ޖަޒްލާއަށް ވިސްނުނީ އީތަންގެ މައިންބަފައިންނަށް ވެސް އެ ދެމެދުގައި މިހާރު ގުޅުމެއްނެތްކަން އީތަން ހާމަކުރީ ކަމެވެ. ބޭއިޚްތިޔާރުގައި އޭނާގެ ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލެވުނެވެ. އިސްޖަހާލައިގެން ހުރެ އީތަންގެ ކޮޓަރިއާ ދިމާއަށް ޖަޒްލާ ހިނގައިގަތީ ފަރިތަކަމާއެކު ދާންވީ މިސްރާބު އެނގިހުރެއެވެ. އީތަންގެ ކޮޓަރިއަށް އޭނާ ވަންނަން ދިޔައީ އަލަކަށް ނޫނެވެ. އެހެންވެ އެ ކޮޓަރި ހުންނަ ދިމާ ވަރަށް ރަނގަޅަށް ޖަޒްލާއަށް އެނގެއެވެ.

"ވަދޭ..." ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އީތަން ބުނެލިއެވެ. އަދި އެނދުގައި އިށީނދެގެން އިނދެފައި ތެދުވިއެވެ. އޭރު ޖަޒްލާ އެ ކޮޓަރިއަށް ވަންނަނީއެވެ.

ކޮޓަރީއަށް ވެރިވެފައި އޮތް އޮރެންޖު ކުލައިގެ ފަނޑު އަލީގެ ތެރެއަށް ޖަޒްލާގެ ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. ކުރިމަތީ ހުރީ އީތަންކަން އެނގޭތީ ވެސް ޖަޒްލާގެ ހިތަށް ގޮތްތަކެއް ވެގެން ދިޔައެވެ. ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގެ ވާގަނޑައި ކުޅެލާފައި ދެއަތް ދެއަތާއި މޮޑެން ފެށުނެވެ. އޭނާ އެތަނަށް އައީ ވަރަށް ހިތްވަރުކޮށްފައެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު އީތަންއާ ބައްދަލުވުމުން ޖަޒްލާގެ ހިތުގައިވާ ލޯބި އުތުރިގަންނަން އުޅޭ ކަހަލައެވެ. އީތަންގެ ނޭވާ އިހުސާސްވާހާ ގާތުގައި ހުރުމަށް ހިތް ގޮވާލި ކަހަލައެވެ.

"އަހަންނަށް މާފުކުރޭ ޖަޒްލާ..." އީތަންގެ އަޑުގައި ހުރި މޮޅިވެރިކަން ޖަޒްލާއަށް ނަގައިގަނެވުމުގެ ކުރިން އޭނާ ސިހުނީ އީތަންގެ ދުލުން ޖަޒަލްއޭ ބުނެލީމައެވެ. އިސްއުފުލާލާ އީތަންއަށް ބަލާލިއެވެ. ހަމަ އެހިނދު އީތަންއާ ގާތަށް ޖަޒްލާއަށް ޖެހިލެވުނެވެ.

"އީތަން. ކިހިނެއްވެފައި ތިހިރީ؟ މާބޮޑަށް ބަލިވީތަ؟ އެހެންވެއްޖެއްޔާ ފަހުން ވެސް މިވާހަކަދެއްކިދާނެ... އީތަން އަރާމުކޮށްލަންވީނު"

"ނޫން... އަހަރެން ބައްޔެއްނޫން. އަހަރެން ބުނަން އުޅޭ އެއްޗެއް ޖަޒްލާ އަޑުއަހާބަލަ. އަހަރެން... އަހަރެން ވަރަށް މަސައްކަތްކުރިން ޖަޒްލާދެކެ ލޯބިވޭތޯ އެކަމަކު ރީންގެ މައްޗަށް ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް މާ ވަރުގަދަ. ޖަޒްލާއަށް އޮޅުވާލާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ރީންދެކެ ލޯބިވޭ... ވަރަށް ލޯބިވޭ... އެހަންނަށް ޖަޒްލާ ދެކެ ލޯބި ނުވެވުނީ ޖަޒްލާގެ އުނިކަމެއް ހުރެގެނެއްނޫން. ޕްލީޒް ޖަޒްލާ... އަހަންނާ ހެދި ޖަޒްލާގެ ލައިފް ނަގާނުލާ.. މިހާރު އަހަރުމެން ދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް. އަހަރެން ބޭނުންވަނީ ރީންއަށް އަނތްބެއްގެ މަޤާމުދޭން. އޭނާ ވިހޭ ދަރިއަކީ އަހަރެންގެ ދަރިއެއް. އަހަރެން އެ ދެމީހުން ވެސް ބޭނުން... ސޯ ޕްލީޒް ޖަޒްލާ... ތިގޮތަށް އަހަރެން ހޯދަން މިގެއައުން ރަނގަޅެއްނުވާނެ"

"އަހަރެން އީތަންދެކެ ވަރަށް ލޯބިވޭ. މިގޮތަށް މިގެއަށް އަންނަންޖެހުނީ ވެސް އެހެންވެ... އީތަންއާ ވަކިވާން އަހަރެން ބޭނުންނުވާތީ. އަހަރެން ރީން އާއި އީތަންގެ ދެމެދުގައި ހިނގައިފައިވާ ކަންތައްތަކަށް މާފު ވެސް ކުރަން ނިންމީ އެހެންވެ. އީތަންއާ ދުރުގައި އުޅުން އަހަންނަށް ފަސޭހަކަމަށް ނުވީމަ.... އެކަމަކު މިހާރު އެނގިއްޖެ އީތަން ތިހާ ބަދަލުވީ ކީއްވެކަން. އަހަރެން ކިތަންމެ ލޯބިވިޔަސް އީތަން އަހަރެން ދެކެ ލޯބިނުވާނޭކަން ވެސް އެނގިއްޖެ..." ޖަޒްލާގެ ދެ ލޯ ކަރުނުން ތެމެމުންދިޔައެވެ. އެތަން ބަލަން ހުރި އީތަން ފުންނޭވާއެއްލުމާއެކު ޖަޒްލާގެ އަތުގައި ހިފާލިއެވެ.

"ޖަޒްލާ... އަހަރެން ޖަޒްލާދެކެ ލޯބި ނުވިޔަސް ޖަޒްލާ ދެކެ ފޫއްސެއްނުވޭ. ޖަޒްލާއަށް ރަނގަޅުގޮތް މެދުވެރިވުން އެއީ އަހަރެން އެދޭ ގޮތް. ޖަޒްލާއަށް މި ލޯތްބަށްވުރެ ފުރިހަމަ ލޯތްބެއް ލިބޭނެ... އޭނާ ޖަޒްލާދެކެ ވަރަށް ލޯބިވޭ. އަހަންނަށް ޔަޤީންވާ ކަމަކީ، ޖަޒްލާ އުފަލުގައި އޭނާ ބަހައްޓާނޭކަން"

"ކާކު... ކާކުގެ ވާހަކަތައް އީތަން ތި ދައްކަނީ... އަހަރެން ބޭނުންވަނީ ހަމައެކަނި އީތަންގެ ލޯބި. އަހަރެން ލޯބިވަނީ ވެސް އީތަންދެކެ" ރޮވިފައި ހުރި ޖަޒްލާ ބުންޏެވެ.

"ޖަޒްލާ ވިސްނާލަބަލަ... އަހަރުމެން ދެމީހުންގެ ދެމެދުގައި ލޯތްބަށްވުރެ އޮތީ އެކުވެރިކަމެއް. އަހަރުމެން ދެމީހުންގެ ދެމެދުގައި ދެބަސްވާލެއް ކިހާ ގިނަ. ބައެއްފަހަރު އަހަންނަށް ޖަޒްލާ އެއްގޮތަކަށް ވެސް ނޭނގޭ. އެ ސިފަތައްދެކެ ފޫހި ވެސް ވެވޭ... އެކަމަކު އެ ހުރިހާ ވަގުތަކު ޖަޒްލާއަށް އެހީވަނީ ކާކު؟ ޖަޒްލާ އެދޭ ކޮންމެކަމެއް ކޮށްދޭން ތައްޔާރަށް ހުންނަނީ ކާކު؟ މިހާ ދުވަސްވީއިރު ވެސް ޖަޒްލާއާ ވަކިނުވެ އޭނާ އެ ހުންނަނީ ކީއްވެ؟"

"ކައިލަންތަ؟ އެއީ... އެއީ... އަހަރެންގެ..."

"ނޫން. އެއީ ޖަޒްލާގެ ބެސްޓްފްރެންޑެއްނޫން. ޖަޒްލާދެކެ މި ދުނިޔެ މަތީ އެންމެ ލޯބިވާ މީހާ އެއީ. އަހަރެން ކުރިން ރުޅި އަންނަނީ އެހެންވެ. އެކަން އަހަންނަށް އެނގޭތީވެ. އެކަމަކު މިއަދު އަހަރެންގެ ހިތުގައި ކައިލަންއަށް އެއްވެސް ޝަކުވާއެއްނެތް. އޭނާ ކޮންމެ ހާލެއްގައި ވެސް ޖަޒްލާއަށް އެހީވާނެ. ޖަޒްލާއާއެކު ވާނެ... އޭނާއަށް މުހިންމީ ޖަޒްލާގެ އުފާވެރިކަން. އެއީ އެނާ ޖަޒްލާދެކެ ލޯބިވާތީ. ޖަޒްލާގެ ހިތުގައި ވެސް އޭނާގެ މައްޗަށް ޖަޒުބާތުތަކެއް ނުވާނަމަ ކިރިޔާކަމެއް ވާއިރަށް ދުވެފައި ކައިލަންގެ ގާތަކަށް ނުދެވުނީސް.... އެ ލޯބި ހޭލައިގަންނަން ފުރުޞަތު ބޭނުންވޭ. އެ ފުރުޞަތު މިހާތަނަށް ނުލިބި އޮތީ އަހަރެންގެ ސަބަބުން. ޖަޒްލާ... ޤަބޫލުކުރޭ.... ތި ދެ މީހުންނަކީ ފެށުނީއްސުރެން ވެސް އެކަކު އަނެކަކާ ނުހަނު ގުޅޭ ދެ ބައިވެރިން. ކައިލަންގެ ދިގު އިންތިޒާރަށް ނިމުން ގެނެސްދީ... ޖަޒްލާގެ ހިތް ތިގޮތަށް ބަންދުކޮށްގެން ހުރުމުގެ ބަދަލުގައި ހުޅުވާލާ. އެ ހިތުގެ ހަޤީޤީ އަޑު އަހާބަލަ... ކޮންމެ ހިތާމައަކާއި ކޮންމެ އުފާވެރިކަމެއްގައި ތިމާއާ ބައިވެރިވާނީ ތިމާދެކެ ލޯބިވާ އިންސާނަކު. އެ މީހަކީ ކައިލަން... އަހަންނާ ވަކިވެގެން ޖަޒްލާ ދާއިރު އަހަރެން ބޭނުންވަނީ އެކަން ޖަޒްލާއަށް އެނގިފައި އޮތުން. މިހާ ދުވަސްވީއިރު ކައިލަން ކުއްޖަކާ ރައްޓެހިނުވެ އެހުންނަނީ ކީއްވެ؟ އޭނާ މީހަކު ދެކެ ލޯބިވާނަމަ އެ މީހަކީ ކާކުކަން ޖަޒްލާ ގާތު ނުބުނަނީ ކީއްވެ؟ އެންމެ ގާތް އެކުވެރިޔާނަމަ މި ކަހަލަ ވާހަކަތަކަކީ ޚިއްސާކުރާނޭ ވާހަކަތައް" އީތަންގެ ވާހަކަތައް އިވިފައި ޖަޒްލާއަށް ވަރަށް އަސަރުކުރިއެވެ. އޭނާއަށް ހަމަރަނގަޅަށް ވެސް ރޮވުނީއެވެ. ހަދާނޭ ގޮތެއް ނޭނގިފައި ހުރެފައި އީތަން މަޑުމަޑުން ޖަޒްލާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި ބޮލުގައި ފިރުމާލިއެވެ.

"އައި ވިލް ނެވޭ ފޮގެޓް ޔޫ..." އިރުކޮޅަކު ރުއިމަށްފަހު އީތަންއާ ދުރަށް ޖެހިލާފައި ޖަޒްލާ ބުނެލިއެވެ. އަދި އަތްދަބަހުން ނެގި ޓިޝޫކޮޅަކުން ރީތިކޮށް ލޯ ކައިރި ފުހެލިއެވެ.

"އަހަރެން ވެސް ޖޭޒް މަތިން ހަނދާނެއްނުނެތޭނެ" ޖަޒްލާއަށް ހިނިތުންވުމެއް ބަދަލުކުރަމުން އީތަން ބުނެލިއެވެ.

"ޔޫ ހާޓް ހަރ މޯ ދެން މީ... އަހަރެން ޤަބޫލުކުރަން ބޭނުންނުވިޔަސް އެނގޭ ރީން ވަރަށް ލޯބިވާކަން އީތަންދެކެ، އެންޑް ޝީ އިޒް ސްޕެޝަލް. އެހެންނޫންނަމަ އީތަންއަށް އެހިސާބަށް ރިލޭޝަންއެއް ނުގެންދާނެ. ރުޅި އާދެވެނީ އެހެންވެ. އެކަމަކު ދެން އޯކޭ... އަހަރެން ކައިރީ މީހަކު ބުނި ލޯބިވުމަކީ އޭނާގެ މިލްކަކަށް އެ ލޯބި ވުމެއްނޫނޭ. ލޯބިވުމަކީ އެ ލޯބި އުފަލުގައި ހުރުމަށް ދޫކޮށްލުމޭ. ހުރިހާ ފަހަރަކު ތިމާ ލޯބިވާ މީހާ ތިމާއަކަށް ނުލިބޭނެ..."

"އަހަރެންގެ ސަބަބުން ރީންއަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައި އެވަނީ. އަހަންނަށް ހެދުނު ގޯސް ރަނގަޅުކުރަން މިހާރު ބޭނުންވަނީ. ޖޭޒް ވެސް އަހަންނަށް މާފުކުރޭ. އަހަންނަށް ރީން ލިބުނަސް އަދި ނުލިބުނަސް އަންހެންކުއްޖެއްގެ ދިރިއުޅުމަކާ ނުކުޅޭނަން... އަހަންނަށް ރީން ނޫން މީހަކުދެކެ ލޯތްބެއް ވެސް ނުވެވޭނެ.."

"އީތަން...." ޖަޒްލާއަށް ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. އޭނާގެ ހިތަށް ކިތަންމެ ތަދުވިޔަސް އީތަން ދެއްކި ވާހަކަތައް އޭނާ ޤަބޫލުކުރިއެވެ. އެހެންނަމަވެސް އީތަންއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. އީތަން ހީވަނީ އެތައް ދުވަހެއްވަންދެން ހިތާމަކުރަމުން އަންނަ މީހަކުހެންނެވެ. ރުއިމުގެ އަސަރުތައް އެ ދެ ލޮލުން ފާޅުވޭވޭ ހުއްޓެވެ.

ޖަޒްލާ އައިސް އީތަންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި އީތަންއަށް މާފުކުރުމާއެކު ޒޫރިންއަށް ވެސް އޭނާގެ ހިތްހެޔޮ ކަމުގައި ބުނެލިއެވެ. އީތަންގެ މޫނު ފެނި އޭނާގެ ވާހަކަތައް އަޑުއިވިފައި މިއަދު ޖަޒްލާގެ ރުޅި ދިޔައީ ކޮންތާކަށްކަމެއް ވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. ހިތުގައި ހަމްދަރުދީގެ އޮއެވަރެއް އުފެދިފައިވެއެވެ. އީތަންގެ ގާތުން ޒޫރިންގެ ވާހަކަތައް ޖަޒްލާ އޮޅުން ފިލުވަންފެށިއެވެ. އެގޮތުން ކަންތައްވެފައި އޮތް ގޮތް ޖަޒްލާއަށް އޮޅުން ފިލިއެވެ. އޭނާއަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ޖަޒްލާ ސުވާލުކުރިއެވެ. މިހާރު އޭނާ ވެސް ބޭނުންވަނީ އީތަން އުފަލުގައި ހުރުމަށް ކަހަލައެވެ. އީތަންގެ އުފަލަކީ ޒޫރިންނެވެ. އީތަންއަށް ޒޫރިން ހޯދައިދޭން ޖަޒްލާއަށް ކޮށްދެވޭނެކަމެއް ނެތްކަމުގައި އީތަން ބުނެލިއެވެ.

"އަހަރެންގެ އަމިއްލަ ހިތަށާއި އެ ހިތުގައިވާ ލޯތްބަށް އޮތް އިތުބާރު ދުވަހަކު ވެސް ނުގެއްލޭނެ. ރީން ހޯދަން މަސައްކަތް ކުރާނީ އަހަރެން. އޭނާއަށް އެ ހިތްދަތިކަން ދިން މީހަކީ ވެސް އަހަރެން. އިރާދަކުރެއްވިއްޔާ އަލުން އެހިތް އަދި އަހަރެން ހޯދާނަން" ސާބިތުކަމާއެކު އީތަން ބުނެލިއެވެ. އަޑުއަހަން ކިތަންމެ އުނދަގުލަސް ޖަޒްލާ އެ އަޑު އެހިއެވެ. އޭނާ އީތަންއާ ވަކިވެގެން ދިޔައީ އެކުވެރިކަމަށް ދޮރުހުޅުވާލާފައެވެ.

ރާބިއާ އާއި ހަމްރާއާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ގޭގެ ދޮރޯށިން ނުކުންނަން ޖަޒްލާ ދިޔައެވެ. އެހިނދު ހަމްރާ ބަލާލީ ރާބިއާއަށެވެ. އަދި އިންތަނުން ތެދުވެގެން އެތެރެއަށް ހިނގައިގަތެވެ.

"އީތަން..." ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ހަމްރާ އެތެރެއަށް ވަންނަމުން ގޮވާލިއެވެ. އޭނާއަށް ފެނުނީ އެނދުގައި އީތަން އިށީނދެގެން އިންތަނެވެ. ފިކުރަކަށް ގެއްލިފައި އިންހެނެވެ. ނަމަވެސް ހަމްރާ ގޮވާލުމުން އޭނާއަށް އީތަން ބަލާލިއެވެ.

"ޖަޒްލާ އާއި އީތަންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ކުރިއަށް ދަނީތަ؟"

"ނޫން މަންމާ. އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި އެކަހަލަ އެއްވެސް ގުޅުމެއްނެތް. ޖަޒްލާއަށް ވެސް އެނގޭނެ ރީން. އަޅުގަނޑު ގުޅެން ބޭނުންވަނީ ރީންއާކަން ވެސް... މަންމާ. އަޅުގަނޑަށް މާފުކުރޭ..." އީތަން އެނދުން ތެދުވެ ހަމްރާއާ ވާހަކަދެއްކިއެވެ. އެއާއެކު ހަމްރާ އައިސް އީތަންގެ އަތުގައި ހިފާ އެނދުގައި ބޭންދިއެވެ. އަދި އޭނާގެ ގާތުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

"ދަރިފުޅު ދުވަހަކު ވެސް ދެން ތިޔަފަދަ ހުތުރު ޢަމަލެއް ނުކުރާނަންކަމަށް ހުވާކުރޭ" ހަމްރާ މިހެން ބުނުމާއެކު އީތަން އަތާއަތް ޖެހުމާއެކު މާތް ﷲ ގަންދީ ހުވާކުރިއެވެ.

"ދަރިފުޅުގެ ބައްޕަ ކަންތައްކުރާނޭ ގޮތެއް އެއްގޮތަކަށް ވެސް މަންމައަކަށް ނޭނގެ. އެ ދިޔައީ ވަރަށް ނުރުހުންވެފައިހުރެ. ގުޅީމަ ފޯނެއް ވެސް ނުނަގާ..."

"މަންމާ... ބައްޕަ އެދިލައްވަނީ އަޅުގަނޑު މިގެއިން ނުކުންނަން ކަމަށްވަންޏާ އެކަން ވެސް އަޅުގަނޑުކޮށްފާނަން. އެކަމަކު އަޅުގަނޑު ރީންއާ ކައިވެނިކުރަން ބޭނުން. އޭނާ ނޫން އެހެން މީހަކާ ނީންނާނަން"

"ދަރިފުޅާ. މަންމަ އެ ޢާއިލާގެ ގާތަށް ދާނީ ކޮން މޫނަކައިގެން. އެ އަންހެންކުއްޖާގެ ގާތުގައި ބުނާނީ ކީކޭ. ދަރިއަކުނެތްނަމަ ވެސް މަންމަމެންނަށް ކައިވެނީގެ ވާހަކަދައްކަން ދާން ކެރުނީސް"

"އައި އެމް ސޮރީ މަންމާ..."

ހަމްރާ އާއި އީތަންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އީތަންގެ ކޮޓަރި ކައިރީ މަޑުކޮށްލައިގެން ހުރި ރާބިއާއަށް އިވެމުންދިޔައެވެ. އޭނާގެ ސިކުނޑި އެ ވާހަކަތަކަށް މަސައްކަތްކުރަމުން ދިޔައެވެ. ޒޫރިންއާ ބައްދަލުކުރުމަށް ރާބިއާގެ ޝައުގުވެރިކަން އުފެދުނެވެ. މާމަ ދަރިފުޅަށް ކުށެއްކުރެވުނީތީ އެ ދަރިފުޅު ބާކީވެގެން ނުވާނޭކަމުގައި ރާބިއާއަށް ވިސްނުނެވެ. ދެވަނަ ފުރުޞަތެއް ކޮންމެ މީހަކަށް ލިބެންވާނޭކަމެވެ. އީތަން ހިތާމަކުރާ ތަން ދުށުމަކީ ރާބިއާއަށް ބަލަން ކެތްވާނޭ މަންޒަރެއްނޫނެވެ. ޒޫރިންގެ ހާލު އެނގެން ބޭނުންވަނީ އެހެންވެއެވެ. އަންހެންކުއްޖަކު އޭނާގެ ހުރިހާ އެއްޗެއް ފިރިހެންކުއްޖަކަށް ޤުރުބާންކުރާއިރު އެއީ ހަނދާނުން ފޮހެލަން ފަސޭހަވާނޭ ކަމެއްނޫނެވެ. މަޑުމަޑުން ބޯޖަހާލާފައި ރާބިއާ ކޮޓަރިތެރެއަށް ވަނެވެ. އީތަން ހަމައަކަށް އެޅުވުމަށް އޭނާ ވެސް ވާހަކަދެއްކިއެވެ.

ހެނދުނު ނުކުމެގެން ދިޔަ ސުފިޔާނު ގެއަށް އައިސް ވަނީ އިޝާ ނަމާދުގެ ފަހުންނެވެ. ގެއަށް ވަން ގޮތަށް އޭނާ އައީ ކޮޓަރިއަށެވެ. އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. ރޭގަނޑު ކެއުމުގައި ބައިވެރިވިއިރު އެތަނުން އީތަންއެއް ނުފެނުނެވެ. އެހެންނަމަވެސް އައިނީ އާއި އައިދަންއަށް އެންގީ އީތަން ބުނާ އެއްވެސް ކަމެއް ކޮށްދީގެން ނުވާނެކަމަށެވެ. އަދި އީތަން އެގޭގައި ހުއްޓަސް އެއީ އެ ޢާއިލާ މީހެއްނޫންކަމެވެ. ސުފިޔާނު ހުރީ އިންތިހާއަށް ރުޅިއައިސްފައިކަން އައިނީ އާއި އައިދަންއަށް އެނގޭތީ ކާމޭޒުމަތީ އެއްވެސް ސުވާލެއް ކުރާކަށް އެކަކަށް ވެސް ނުކެރުނެވެ. އެ ނިންމުމާ ދެކޮޅަށް ވާހަކަދެއްކީ ރާބިއާއެވެ. އީތަންއަކީ އެހެންކުދިންނެކޭ އެއްފަދައިން އޭނާގެ މާމަދަރިއެއްކަމުގައި ބުންޏެވެ. އަދި އެގެއިން އީތަން ނެރޭނަމަ ރާބިއާ ވެސް ނެރެލުމަށް ބުނެލިއެވެ. މައްސަލައިގެ ހޫނުކަން އައިނީ އާއި އައިދަންއަށް ވިސްނުނީ ދެނެވެ. ޔަޤީނުން ވެސް ބޮޑުކަމެއްވެއްޖެކަން އެ ދެމީހުންއަށް ރެއަކާލީ ދެނެވެ.

އައިސްފައި ހުރި ރުޅީގައި ސުފިޔާނަށް ރަނގަޅަށް ނުވެސް ކެވުނެވެ. އޭނާ މޭޒު ދޮށުން ތެދުވެގެން އައިސް ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެ އިނުމަށްފަހު އޭނާ އޮށޯތެވެ. އައިސްފައި ހުރި ރުޅިއާ ކުރިމަތިލާން އޭނާ މަސައްކަތް ކުރަނީ ކަހަލައެވެ. އުއްޑުން އޮށޯވެލައިގެން ނިތުގައި ވައަތް އަތްބާއްވާލައިގެން ކަނާތް މޭމަތީ ބާއްވާލައިގެން ސުފިޔާނު އޮތެވެ. އެހެން އޮއްވާ އެ ކޮޓަރިއަށް ހަމްރާ ވަން އަޑު އިވިފައި އޭނާ ކަނާތް ހިއްލާލާ ވައަތުން ފޮރުވިފައިވާ ލޮލުގެ ހިމަކޮޅު ފުހެލިއެވެ. ސުފިޔާނުގެ އެ ޢަމަލު ހަމްރާއަށް ސިއްރެއްނުވިއެވެ. އަވަސް އަވަހަށް އައިސް ސުފިޔާނުގެ މަގަތުން އިށީނދެ އޭނާގެ މޭގައި ފިރުމާލިއެވެ.

"ހުރިހާ ކުދިންނަށްވުރެ ބޮޑަށް އަހަރެން އީތަންދެކެ ލޯބިވޭ. އަހަރުމެންގެ އެންމެ ކުޑަ ދަރިފުޅު އެއީ... އެންމެން ވެސް ބުނޭ އަހަރެންގެ ޅައިރުގެ ފޮޓޯއެކޭ އީތަންއަކީ... މަންމަ ހީކުރަނީ އަހަރެން އީތަންދެކެ ލޯބިނުވަނީ ކަމަށްތަ؟" ސުފިޔާނުގެ ކުރެހިފައިވާ އަޑު އިވިފައި ހަމްރާގެ ހިތް މަޑުވެގެންދިޔައެވެ. ލޯތްބާއިއެކު ހަޔާތުގެ ބައިވެރިޔާގެ މޭގައި އަނެއްކާ ވެސް ފިރުމާލިއެވެ. ސުފިޔާނުގެ ހިތްހަމަޖައްސައި ދިނުމަށް ބުނާނީ ކީކޭކަމެއް ހަމްރާގެ ވިސްނުމަކަށް ނައެވެ. މި ނޫނީ ސުފިޔާނު އެހާ ބަލިކަށި މީހެއްގެ ގޮތުގައި ހަމްރާ ނުދެކެއެވެ. (ނުނިމޭ)