އަންނަ ޖޫން މަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާއި ވާދަވެރި އިނގިރޭސި ވިލާތް ބައްދަލު ކުރި ރަހުމަތްތެރި ކަމުގެ މެޗް ފަހަތުން އަރާ 3-2 ލަނޑުން އިނގިރޭސި ވިލާތުން ކާމިޔާބު ކޮށްފި އެވެ.

ޖަރުމަންގައި ކުޅުނު މިމެޗުގައި އިނގިރޭސި ވިލާތުގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ޖިމީ ވާޑީ އާއި ހެރީކޭން އާއި ޑަޔާ އެވެ. އަދި ޖަރުމަންގެ ދެ ލަނޑު އެޓީމަށް ޖަހައިދިނީ ކްރޫސް އާއި ގޯމޭޒް އެވެ.

އިންގްލެންޑުގެ ކޯޗު ރޯއީ ހޮޖްސަން ބުނީ މިއީ ރަހުމަތްތެރިކަމުގެ މެޗެއް ނަމަވެސް ދުނިޔޭގެ ޗެމްޕިއަން ޓީމު އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރިހާ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށް ވެސް ކޯޗް ހޮޖްސަން ބުންޏެވެ.

"މިއީ އިންގްލެންޑުގެ ކޯޗުގެ މަގާމުގައި ހޭދަކުރި މުއްދަތުގައި އެންމެ އުފާވި ރޭ. އެކަމަކު އަދި މަޑުޖެހިލެވެން ނެތް. ވަރަށް އުފާވެއްޖެ" ހޮޖްސަން ބުންޏެވެ.