ކްރިސްޓަލް އެންޓަޓެއިންމަންޓުގެ ފަރާތުން ފާތިމަތު ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމް ފޯރފޯރޓޫސިކްސް އިފްތިތާހުކޮށްފި އެވެ.

ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި ރޭ ބޭއްވި ހަފްލާއެއްގައި މި ފިލްމް އިފްތިތާހުކޮށްދެއްވީ މި ފިލްމުގެ ދެ ޑައިރެކްޓަރުން ކަަމަށްވާ ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން އެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ނަހުލާ ބުނީ 4426 އިފްތިތާހު ކުރުމާއެކު މި ފިލްމުގެ އަމަލީ މަސައްކަތް މިހާރު ފެށުނީ ކަމށެވެ.

ނަހުލާ ބުނީ 4426 އަކީ ފިލްމެއް ފެށުމުގެ ކުރިން އެންމެ ބުރަ މަސައްކަތަކާއި ހަރަދެއް ކުރެވިފައިވާ އެއް ފިލްމު ކަމަށެވެ.

ފިލްމުގެ ބޮޑުބައެއް ޝޫޓު ކުރުމަށް 4 ބުރީގެ އިމާރާތެއް ހަމަޖައްސައި، އެ އިމާރާތަކީ ފިލްމުގެ މަންޒަރުތަކަށް އެންމެ ބޭނުންވާ ގޮތަށް ހުރި އިމާރާތަކަށް ވަނީ ހަދާފައެވެ.

ނަހުލާ ބުނީ ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި އަހުމަދު ސައީދު މަސައްކަތް ކުރަމުންދާއިރު ފާހަގަ ކޮށްލެވޭ އަދަދަކަށް ރާއްޖޭގެ ފިލްމީ ތަރިން ވެސް މި ފިލްމުގައި ބައިވެރިވާ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތަށް ތަފާތު ފަންނީ މީހުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި، ފިލްމުގައި ދައްކާލެވޭ ބައެއް މަންޒަރުތަކަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވަ ކަމަށް ނަހުލާ ބުންޏެވެ.