އާސެނަލްއަކީ އެންމެ ލޯބިވާ ކުލަބް ކަމަށާއި އެހެން ކަމުން ކުލަބް ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ބުނީ، މިސީޒަންގައި އަދި އާސެނަލްއަށް ތައްޓެއް ނުލިބުނެއް ކަމަކު ކުލަބް ދޫކޮށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ގަބޫލް ކުރާ ކަމަށެވެ.

"ޗެމްޕިއަންސް ލީގުންނާއި އެފްއޭކަޕުން އާސެނަލް ކެޓިއެއް ކަމަކު އަހަރެން އަދިވެސް ބޭނުމީ ކުލަބުގައި މަޑު ކުރަން. ކުލަބުގެ ސަޕޯޓަރުން އަހަރެންގެ އިސްތިއުފާއަށް ގޮވިޔަސް، އެހަރެން އެކަމާ އެއްވެސް ހިތްބުރަކަމެއް ނެތް. އަހަރެން އަދި ވެސް މިހުރީ ކުލަބަށް ކާމިޔާބު ހޯދަދޭން. އަދި ލީގުވެސް އޮބޮތް" ވެންގާ ބުންޏެވެ.

ތަށްޓެއް ނުލިބި އާސެނަލްއިން މި ސީޒަން ނިންމާލާނެ ކަމަށް ބެލެވެން ފަށާފައިވާއިރު، އެ ކްލަބުގެ ސަޕޯޓަރުންގެ ފާޑުކިޔުން ވެންގާއަށް އަމާޒުވެފައި ވާއިރު، ވެންގާ އަމިއްލައަށް އިސްތިއުފާ ދިނުމަށް ވެސް ބައެއް ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ.

ވެންގާ ބުނީ، ކްލަބުގައި ހުރެ ކަންތައްތައް ކުރަމުންދަނީ އޭނާ ކުރެވެން އޮތް އެންމެ ފުރިހަމައަށް ކަމަށާއި ލިބިފަ ހުރި ހުރިހާ ތަޖުރިބާއެއް ވެސް ކަންކަން ރަނގަޅު ކުރުމަށް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިވަގުތު ތިން ވަނަ މަގާމުގައި 55 ޕޮއިންޓާއެކު އޮތްއިރު، ލީގުގެ އެއްވަނައިގައި އޮތް ލެސްޓަ ސިޓީއާ އާސެނަލްއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި ލީގުގައި ބާކީ އާސެނަލްއަށް އަދި ހަތް މެޗް އެބައޮތެވެ.