(27 މާޗް 2016 އާ ގުޅޭ)

ސުފިޔާނުގެ ކުރެހިފައިވާ އަޑު އިވިފައި ހަމްރާގެ ހިތް މަޑުވެގެންދިޔައެވެ. ލޯތްބާއިއެކު ހަޔާތުގެ ބައިވެރިޔާގެ މޭގައި އަނެއްކާ ވެސް ފިރުމާލިއެވެ. ސުފިޔާނުގެ ހިތްހަމަޖައްސައި ދިނުމަށް ބުނާނީ ކީކޭކަމެއް ހަމްރާގެ ވިސްނުމަކަށް ނައެވެ. މި ނޫނީ ސުފިޔާނު އެހާ ބަލިކަށި މީހެއްގެ ގޮތުގައި ހަމްރާ ނުދެކެއެވެ.

އެންމެން އެމީހެއްގެ ކޮޓަރިއަށް ވަދެ ގޭތެރެ ހިމޭންވިއެވެ. އެހެންނަމަވެސް ވެރިވެފައިވާ ތޫފާނުގެ ހަޤީޤަތް އެނގޭ އެކަކުގެ ލޮލަކަށް ވެސް ނިންޖެއްނައެވެ. ފިކުރު ކުރުމުގައި އޮވެވުނީއެވެ.

އީތަން ވެސް ފޯނު ހިފައިގެން އެނދުގައި އޮށޯވެލައިގެން އޮތީ ޒޫރިންނާއި އޭނާއާއެކުގައި ނަގާފައިވާ ފޮޓޯއަށް ބަލާށެވެ. އެހެންއޮއްވާ ޝައުންގެ ކޯލެއް އައެވެ. އެކުވެރިޔާ ހުރީ އީތަންއަށް ކަންތައްވީގޮތް އޮޅުންފިލުވަން ކެތްމަދުވެފައެވެ. އެހެންވެ އީތަން އެއްވެސް ކަމެއް ފޮރުވުމެއްނެތި ކަންތައްވީގޮތް ޝައުންއަށް ކިޔައިދިނެވެ. ގޭތެރޭގައި ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެކަމެވެ. އީތަންގެ މޫނު ވެސް ދުށުމަށް ސުފިޔާނު ނޭދޭކަމެވެ. މާމަ ރާބިއާ ނުހިފެއްޓިނަމަ ސުފިޔާނު އޭނާ ގެއިން ވެސް ބޭރުކޮށްލީހެވެ.

"އަހަރެން ވެސް އެންމެ ކަންތައްބޮޑުވީ އީތަންގެ ބައްޕައަށް ތިކަން އެނގުނީމަ ވާނޭ ގޮތަކާއި މެދު... ދުވަސްކޮޅަކަށް އީތަން އަންނަންވީނު މިގެއަށް. ނޫނީ އަހަރެން ސުފިޔާނު ދޮންބެއާ ވާހަކަދައްކަންތަ؟ އަހަރެން ސުފިޔާނު ދޮންބެގެ ގާތުގައި އީތަން ބަދަލުވެއްޖެކަން ޔަޤީންކޮށްދޭނަން" ފޯނުން ޝައުން ބުނެލިއެވެ.

"ނޫން. އޭރުން ހައްތަހާ މައްސަލަ ގޯސްވާނީ. އަހަރެން ބޭނުމެއްނޫން އިތުރު މީހަކު މިދޭތެރެއަށް ވަންނާކަށް. ބައްޕަ ބޭނުންވެލައްވާ ގޮތަކަށް ކަންތައްކުރުމުގެ އިޚުތިޔާރު އެބައޮތް. އަހަރެން އެކަން ޤަބޫލުކުރާނަން... އައި ޑިޒާވް ހިޒް ރޭޖް. ރީންއާ ކުރިމަތިލާނީ ވެސް އަހަރެން. ސުފިޔާނުބޭބެގެ ކުރިމައްޗަށް ދާނީ ވެސް އަހަރެން. މިހާ ދުވަހު ފިނޑިއެއްހެން ހޮރަށްވަދެ ފިލާ އޮތީ. އެކަމުން އަހަންނަށް ކުޑަ ވެސް ހިތްހަމަޖެހުމެއް ނުލިބުނު. ރީން ބޭނުންވަނީ އެކަހަލަ މީހެއްނޫން. ރީން ބޭނުންވަނީ އޭނާދެކެ ލޯބިވާކަން ކެރިހުރެގެން ހާމަކުރަން ކެރޭވަރުގެ މީހެއް. އޭނާގެ ދަރިފުޅުގެ ބައްޕައަކީ އަހަރެންކަން އެންމެން ކައިރީ ބުނަން ކެރުން"

"އީތަން. އައި އެމް ރިއަލީ ވެރީ ވެރީ ސޮރީ... ހަމައަސްލު ވެސް އަހަރެން މިއަދު ވަރަށް ދެރަވޭ. ހިތަށް އަރާ އީތަން ގޮވައިގެން އެގެއަށް ނުދެވުނު ނަމައޭ. އަނެއްކޮޅުން އަހަރެން ބޭނުންވޭ އީތަންއަށް ރީން ލިބެން ވެސް... މި ހުރިހާ ދުވަހު އަހަންނަށް ރީންއާ މެދު ގެންގުޅެވުނު ޚިޔާލު މުޅިން ގޯސް. އޭނާ ހަޤީޤަތުގައި އީތަންދެކެ ލޯބިވާކަން އަހަންނަށް ވެސް ޤަބޫލުކުރެވޭ. ބްރަދަރ... ދެން އިރާދަކުރެއްވިއްޔާ އެފަދަ ނުބައިކަމަކަށް ދުވަހަކު ވެސް ގޮވައެއްނުލާނަން. އަހަރެން ވެސް އެފަދަ ކަމެއް ނުކުރާނަން. މިއަދު އަހަރެންގެ ހިތާއި ސިކުނޑިއަށް ވެސް ހަމަޖެހުމެއް ނުލިބޭ. އަބަދު ވިސްނެނީ ކުރެވުނު ކަންތައްތަކާ މެދު... އުޅެވުނު ގޯސް އުޅުމާމެދު... އީތަން އަހަރެންގެ ފަރާތުން އެހީއެއް ބޭނުންވާނަމަ ނުބުނެ ނުހުންނައްޗޭ. އީތަން ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން"

"ޝޯން. އަހަންނަށް ކެތްތެރިވުން މިއަދު އޮތީ. ތި އެކުވެރިޔާގެ ހިތްވަރުގެ ބަސްތަކާއި ހެޔޮ ދުޢާ ފިޔަވައި މިއަދު އަހަންނަށް ބޭނުންވާ އެހެންއެއްޗެއްނެތް. އަހަރެން ނަގާ ކޮންމެ ފިޔަވަޅެއްގައި އަހަންނާއެކު އެއްވެސް މީހަކު ނެތަސް ޝޯން ހުރެދެއްޗޭ"

"އިރާދަކުރެއްވިއްޔާ އަބަދުވެސް ތި އެކުވެރިޔާގެ އެންމެ ގާތުގައި ހުންނާނަން"

އީތަން އާއި ޝައުންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ނިމުނު އިރު އީތަންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ. ޒޫރިންގެ މަތިން މާބޮޑަށް ހަނދާންވީއެވެ. މޭމަތީ ފޯނު ބާއްވާލައިގެން އިރުކޮޅަކު އޮތުމަށްފަހު ދެ ލޯ ފުހެލިއެވެ. އަރިއަކަށް އެނބުރިލާ އެކަނިވެރިކަން ކަނޑުވާލުމަށް ބާލީސްގެނެސް މޭގައި ޖައްސާ ބާރުކޮށްލައިގެން އޮވެ ފޯނުން އަނެއްކާ ވެސް ޒޫރިންގެ ފޮޓޯއަށް ބަލަން ފެށިއެވެ.

އޯކިޑުވިލާގެއަށް އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވެފައި އޮންނަތާ ތިން ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ސުފިޔާނު އޭނާގެ ހަގު ދަރިފުޅާ ވާހަކަ ނުދައްކައެވެ. ފެނުނަސް ބަލާ ވެސް ނުލަނީއެވެ. އައިނީ އާއި އައިދަންއަށް ވެސް ކޮއްކޮ އީތަންގެ ވާހަކަތައް ސިއްރެއްނުވިއެވެ. އެހެންނަމަވެސް ސުފިޔާނާއި އެ ކުދިންގެ ފަރާތުން ފެނުނު އަސަރުތައް މުޅިން ތަފާތެވެ. އައިނީ ހަޤީޤަތް ހޯދީ ޚުދު އީތަންގެ ގާތުގައި އަހައިގެންނެވެ. އީތަންދެކެ ޢާއިލާގެ ހުރިހާ އެންމެން ވެސް ޚާއްޞަ ލޯތްބެއްވެއެވެ. އީތަން ހިތާމަކުރުމަކީ އެމީހުން އެދޭ ގޮތެއް ނޫނެވެ. އައިދަން އޭނާގެ ބައްޕައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެ އަޑު ސުފިޔާނު ނޭހިއެވެ. އީތަން މިހާރު އެންމެ ދެރަވަނީ އެކަމާއެވެ. ސުފިޔާނު އޭނާއަށް ދެވަނަ ފުރުޞަތެއް ދޭން ބޭނުންނުވަނީ ކީއްވެކަމެއް ނުވިސްނޭތީއެވެ.

އީތަންގެ ފޯނުން އެތައް މެސެޖެއް ޒޫރިންއަށް ފޮނުވިއްޖެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ. އެގޭ ދޮށަށް އީތަން ދިޔަ ނަމަވެސް އެގޭ ދޮރޯށިވަނީ އޭނާއަށްޓަކައި ބަންދުވެފައެވެ. ދޮރުމަތީގަ އާއި މަގުގެ އަނެއްފަރާތުގައި އެތައް އިރަކު އީތަން މަޑުކުރެއެވެ. ފަހަރެއްގައި ޓެރެސްއަށް ޒޫރިން ދަރިފުޅު ގޮވައިގެން ނުކުމެދާނޭކަމުގެ އުންމީދުގައެވެ. ނަމަވެސް އެނބުރި ގެއަށް އަންނަންޖެހެނީ ނާއުންމީދުވެގެންނެވެ. ހިތަށް ކެތްނުކުރެވޭހާ ވޭން އިހުސާސްކުރަމުންނެވެ. އަމިއްލަ ނަފްސަށް އަޅާލުމަށްވުރެ އާވާރާއެއް ފަދައިން ޒޫރިންގެ ޚަބަރު ބަލަން އީތަންއަށް ދެވެއެވެ. އެކަމާ ޢާއިލާގެ މެންބަރުން ކަންބޮޑުވެއެވެ.

"ކޮއްކޯ... އީތަން... ދެން އެއްޗެއް ކާން ތެދުވޭ... ކޮއްކޮ ތިހެން އުޅޭތީ މާމަ ވެސް ރޮނީ. ކޮއްކޮއަށް އެނގޭނެ މާމަގެ ހަށިގަނޑުގައި އަބަދު ރޮއެ ހިތާމަކުރާހާ ވަރެއްނުހުންނާނޭކަން. ދެން ތެދުވޭ... މިހާރު ބަލާބަލަ ތިހިރަ ތުނބުޅިއެއް. ނުބޭލިޔަސް ތުނިކޮށް ކޮށާލެވިދާނެއެއްނު. ތިގޮތަށް އަމިއްލައަށް އަނިޔާނުދީ..." އައިދަން އައިސް އީތަންގެ އެނދުގެ މަގަތުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ. އީތަން އަނގައިން ނުބުނުމުން ވެސް އޭނާ ދުލެއް ނުކުރިއެވެ. އީތަންއެކޭ އެއްގޮތަށް އައިދަންއަކީ ވެސް ބޮޑު ހަށިގަނޑެއް ލިބިފައިވާ ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ކަސްރަތުކުރުމަށް ޖަލާލުއާއެކު ޤަވާޢިދުން ދާތީވޭ އޭނާގެ މުލަށްދަނޑީގައި ބާރު އެބަހުއްޓެވެ. ހަރަކާތެއްކޮށްނުލާ އޮތް އީތަންގެ ދެކޮނޑުގައި ހިފާ އައިދަން އޭނާ ނަގައިފިއެވެ.

"ދޮންބޭ..."

"ކޮން ދޮންބޭއެއް ކިޔާކަށް.... އަހަރެންގެ ސިކުނޑި ފަޅައިގެން ހިނގައިދާހާވޭ. އެއްކޮޅުން މާމަ ރޮނީ. ބައްޕަގެ ރުޅިއެއް މަޑުވަނީއެއްނޫން. އީތަން މިތަނުގައި މަރަށް ދަޢުވަތުދީގެން އޮންނަނީ... އަހަންނަކަށް މި ހުރިހާ ސަކަރާތެއް ބަލާކަށް ކެތެއްނުވާނެ. ތީ ފިރިހެނެކޭ ނިކަން ފިރިހެނެއްހެން އުޅެބަލަ. ހިތާމަ ވެސް ކުރަންޖެހޭނެ. އެކަމަކު ތީ ބޮޑުވަރު. ނަމާދުކޮށް ނިކަން ﷲއަށް ތަޤުވާވެރިކަމާއެކު ދަންނަވަބަލަ. ރޯމިއޯ ހެދުނީމާ ހަމައެކަނި ލޯބިވެވުނީއެއްނޫނޭ... ހިނގާ މަށާއެކު..." ހިތްހަމަނުޖެހުމާއިއެކު ވެސް އައިދަންގެ އަޑުގައި އޯގާތެރިކަން ވިއެވެ. ކޮއްކޮ އާއި ޢާއިލާގެ މަސްލަހަތު ގެއްލެމުންދާތީވެ އެކަމާ އިންތިހާއަށް އޭނާ ކަންބޮޑުވާކަން އެނގެއެވެ.

އީތަން ފާޚާނާއަށް ވައްދައި ފާޚާނާ ތަށީގެ މަތިގަނޑުމަތީ އޭނާ ބޭންދުމާއެކު ލޯގަނޑު ހަރުކޮށްފައި ހުރި ކަބަޑު ހުޅުވާލާފައި އޭގެތެރެއިން ޓްރިމާ ނަގާ އީތަންގެ ތުނބުޅި ހެދުމަށް އައިދަން އުޅުނެވެ. ކުޑަކުއްޖަކު ބަސްއަހައިގެން އިންހެން އީތަން އިނެވެ. އައިދަން އޭނާގެ ކޮއްކޮގެ ތުނބުޅި މަތިމަސް ތުނިކޮށްލުމާއެކު މާގަނޑުގެ ދަށަށް އޭނާ ގެންގޮސްލާފައި ފެންވަރައިގެން ނުކުންނަން ބުނެ ފާޚާނާއިން ނުކުމެ ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

ރާބިއާގެ ގާތުގައި އިން އައިނީ މާމައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ސުފިޔާނު ނުރުހުނަސް ޢާއިލާގެ ފަރާތުން ކޮންމެވެސް ގޮތެއް ނިންމަންވެއްޖެ ކަމުގައެވެ. އެހެންނަމަވެސް ސުފިޔާނަށް ކުރާ ޤަދަރަށް އުނިކަމެއް އަންނާކަށް ރާބިއާ ބޭނުމެއްނުވެއެވެ. އީތަންގެ ލޯބި ހޯދުމަށް އޭނާ ސަލާން ޖަހަން ވެސް ހުރީ ތައްޔާރަށެވެ. އެކަމަކު އެކަން ކުރަން ސުފިޔާނާ ދެކޮޅަށް ތެދުވަންޖެހޭތީ ފަސްޖެހެވެނީއެވެ. ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ ހިތުގައި ޖެއްސުމަށް ރާބިއާއަށް ފިޔަޅެއް އަޅަން ނުކެރެނީއެވެ.

އައިދަންގެ ނަޞޭޙަތުގައި އީތަން ހިފިއެވެ. އޭނާގެ އާވާރާ ދިރިއުޅުން ދޫކޮށްލާ ހިތުގެ އުދާސްތައް އަމިއްލަ ނަފްސަށް ނޫނީ ނޭނގޭނޭހެން ސިއްރުކުރިއެވެ. އެހެންނަމަވެސް އެ މޫނުމަތިން އެންމެ ފުރިހަމަ އުފާވެރިކަމެއް ނުފެނުނެވެ. އުޅެއުޅެ ވެސް އީތަންއަށް އުފާވެރިކަމާއި ހިނިތުންވެލަން ފަސޭހަކަމަކަށް ނުވިއެވެ. އޭނާގެ ހުރިހާ އިހުސާސެއް ބަންޑުންކޮށްލަމުން ދިޔައީ ހެއްދެވި ފަރާތަށް ކުރިމަތިލާ ވަގުތުތަކުގައެވެ.

ރޭގަނޑުގެ ވަގުތެވެ. ޒޫރިންގެ ލޮލާ ނިދިވަކިވިތާ ކިތަންމެ ރެޔެއް ފާއިތުވެ ހިނގައްޖެއެވެ. ފޯނު ހިފައިގެން އޮތް އިރު އޭނާގެ ފޯނަށް އީތަންގެ މެސެޖުތައް ލިބެމުންދިޔައެވެ. އިންސާނަކަށް އަނެއްސާނާއަށް އާދޭސްކުރެވޭނީ އެފަދަ ވަރަކަށެވެ. ދަރިފުޅު ބަލާލުމަށް އެދޭވަރު އީތަން ހާމަކުރަމުން ދިޔައެވެ. އީތަންގެ މެސެޖުތައް ކިޔައި ޒޫރިންގެ ލޮލުން ކަރުނަ އޮހޮރަމުން ދިޔައީ އެކަމަށް ނިމުމެއްނެތް ފަދައަކުންނެވެ. ބޭއިޚްތިޔާރުގައި ޒޫރިން އެނދުން ތެދުވެގެން އައިސް ކުޑައެނދުގެ ކައިރީ ހުއްޓިލިއެވެ. ނިދިފައި އޮތް ދަރިފުޅުގެ މޫނަށް އޭނާ ބަލަމުން ދިޔައެވެ. ދެ ލޮލުން ކަރުނަ ފުހެމުން ދަރިފުޅުގެ ސޫރައިގެތެރެއިން އީތަން ހޯދިއެވެ. އެނދުގެ މަގަތުފަޑި ތިރިކޮށްލާފައި ދަރިފުޅުގެ އެނދުކައިރީ ޒޫރިން އިށީނެވެ. އަދި ލޯބިން ފުރިގެންވީ ފަދަ ގޮތަކަށް ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. މަޑުމަޑުން ފޯނު ދަރިފުޅާ އަމާޒުކޮށްލާފައި ޒޫރިން ފޮޓޮއެއް ނެގިއެވެ. އޭނާގެ އެ ޢަމަލު ޚުދު އޭނާއަށް ވެސް ދެނެގަންނާކަށް ނޭނގެއެވެ. އެހެންނަމަވެސް ދަރިފުޅުގެ ފޮޓޯ ވައިބަރ މެދުވެރިކޮށް އީތަންއަށް ފޮނުވާލައިފިއެވެ. އީތަންގެ ފަރާތުން ޖަވާބު އައީ ވަރަށް ވެސް އަވަހަށެވެ. އެއާއެކު ޒޫރިން އަވަސްއަވަހަށް އޭނާގެ ފޯނު ނިއްވާލިއެވެ. ކުއްލިއަކަށް ތެދުވެ ކުޑަދަރިފުޅަށް ބަލާލާފައި އެނދުގެ ފަޑި އުސްކޮށްލާ ތަންޑުއަޅުވާލުމަށްފަހު ފޯނު އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބާއްވާލިއެވެ. އަދި އައިސް އެނދުގައި އިށީނދެގެން އިނީ އޭނާއަށް ކުރެވުނު ކަންތަކާ މެދު ވިސްނާށެވެ. އީތަންއަށް ދަރިފުޅުގެ ފޮޓޯ ފޮނުވުމުން އީތަން ހިތަށް އަރާނޭ އެއްޗަކާމެދު ވިސްނާށެވެ. އަދި އެހެން ޒޫރިން ކަންތައްކުރީ ކީއްވެތޯ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ.

މުޅި ރޭ ހޭދަވެގެން ދިޔަ ގޮތް ވެސް އީތަންއަށް ނޭނގެއެވެ. ރޮއެރޮއެފައި ފޯނުން ފެންނަމުން ދިޔަ ދަރިފުޅުގެ ފޮޓޯގައި ފިރުމިއެވެ. ދޭތެރެއަކުން ތުންފަތުގައި ގެނެސް ފޯނުޖައްސާލުމާއެކު އިސްކުރީނުގައި ބޮސްދެއެވެ. މޮޔައަކު ފަދައިން "ދަރިފުޅާއޭ" ނޫނީ "ރީންއޭ" ގޮވާލައެވެ. އެހާލުގައި އުޅެނިކޮށް ފަތިސްނަމާދަށް ގޮވައިފިއެވެ. އީތަން އެނދުން ތެދުވީ ޝުކުރުވެރިވާ ހާލުއެވެ. ޒޫރިން އޭނާގެ ދަރިފުޅު ދައްކާލުމުން އިތުރު ހިތްވަރެއް އީތަންއަށް ލިބިއްޖެއެވެ. ބަޔާންކުރަން ދަތި ދިރުމެއް ހިތަށް ލިބުނު ކަހަލައެވެ. އެހެންޏާ ނުތެޅޭހާ ބާރުމިނުގައި އީތަންގެ ހިތް ތެޅެމުންދިޔައެވެ. ލޭހޮޅިތަކުން އެހިތަށް ލޭފޮނުވައިދޭ މިންވަރު އިތުރުވެފައިވާ ކަހަލައެވެ.

ފަތިސް ނަމާދަށް އައިސް ޖަމާއަތުގައި ބައިވެރިވެ ސަފުގައި ހުސްޖާގަ ނުބެހެއްޓުމަށް ކުރިއަށް އޮތް ސަފަށް އީތަން އެރިއެވެ. ޖެހިގެން ހުރީ ސުފިޔާނުކަން އެނގުނީ ދެނެވެ. ހިތްއަވަސްވެ ހަދާނޭ ގޮތެއް ނޭނގުނެއްކަމަކު އެވަގުތު އޭނާގެ ހިތާއި ރޫޙަށް ސާބިތުކަން ލިބިގެން ދިޔައެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އީތަން ނުކުންނަން ވާއިރަށް ސުފިޔާނު މިސްކިތުން ނުކުމެއްޖެއެވެ. މީހުންތަކުގެ ތެރެއިން އީތަން އޭނާގެ ފައިވާނަށް އަރައިގެން ދުވެފައި މިސްކިތުން ނުކުތީ ސުފިޔާނު ހޯދުމަށެވެ. ކުރިއަށް ދެވެން އޮތް މަގުގެ އެއްފަރާތުން ސުފިޔާނު ހިނގާފައި ދާތަން އީތަންއަށް ފެނުނެވެ.

"ބައްޕާ..." ބާރަށް ހިނގާފައި އައިސް ސުފިޔާނާ އެއްވަރު ކުރަމުން އީތަން ގޮވާލިއެވެ. އޭނާގެ އަޑު އިވުނު ކަމަކަށް ސުފިޔާނު ނުހަދައެވެ. އީތަން އަނެއްކާ ވެސް ގޮވާލިއެވެ. ދެން ވެސް ސުފިޔާނު ޚިޔާރުކުރީ ހިމޭންކަމެވެ. ޖިންސުގެ ދެ ޖީބަށް އަތްތިލަކޮށްޕާލައިގެން ހުރެ ސުފިޔާނާ އެއްވަރަށް ހިނގާފައި އައިސް އީތަން ގެއަށް ވަނެވެ.

އެހެންޏާ ފަތިސް ނަމާދުކޮށްލައިގެން އައިސް ސިޓިންރޫމުގައި މަޑުކޮށްލާ ސުފިޔާނު މަޑެއް ނުކުރިއެވެ. ހަލުވި ފިޔަވަލުތަކެއްގައި އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ކަރުއެލުވާލި އީތަން އައިސް ސޯފާގައި އިށީނެވެ. ނިތްކުރީގައި ފިރުމަމުން އޭނާ އެކި ކަންކަމާ ފިކުރު ހިންގިއެވެ. ކޮންމެވެސް ގޮތެއް ވިސްނުނީ ކަންނޭނގެއެވެ. އީތަން ކުއްލިއަކަށް ތެދުވެގެން އައިސް އޭނާގެ މައިންބަފައިން ނިދާ ކޮޓަރީގައި ޓަކިދިނެވެ.

"ދަރިފުޅުތަ؟ ކިހިނެއްވީ؟" ނަމާދު ދޮޅި އަޅައިގެން ހުރި ހަމްރާ ކޮޓަރީގެ ދޮރުމަތީ އީތަން ހުރިތަން ފެނުމުން ހައިރާންވެފައި އަހާލިއެވެ.

"ބައްޕައާ ބައްދަލުކޮށްލަން... މަންމާ. ޕްލީޒް... ބައްޕަ ގާތުގައި ނަންގަނެދެއްވާ ހަމަ އެންމެ ފަހަރަކު މި ދަރިފުޅު ބުނަން އުޅޭ އެއްޗެއް އަޑުއައްސަވާ ބައްލަވާށޭ.... ޕްލީޒް މަންމާ..." އީތަން އާދޭހުގެ ގޮތަކަށް ބުނެލިއެވެ. އެއާއާއެކު އީތަންގެ ކޮނޑުގައި ހަމްރާ ފިރުމާލާފައި ބޯޖަހާލިއެވެ.

"އަޅުގަނޑު މި އިނީ ސިޓިންރޫމުގައި" އީތަން ބުނެލިއެވެ. ދެން ވެސް ހަމްރާ ބޯޖަހާލީއެވެ.

އީތަން އެނބުރި ދިއުމުން ދޮރުލައްޕާފައި ހަމްރާ ކޮޓަރިއަށް ވަނެވެ. އަދި ނަމާދު ދޮޅި ބޮލުން ނަގަމުން ލޮލުގެ ހިމަކޮޅުން އެނދުގެ ހެޑުބޯޑުގައި ލެނގިލައިގެން އިން ސުފިޔާނަށް ބަލާލިއެވެ. އީތަންގެ އަޑު ސުފިޔާނަށް އިވޭނޭކަން ހަމްރާ ޔަޤީންކުރިއެވެ. އެހެންވެ އެއްޗެއް ބުނަން މަޑުކޮށްލީ ސުފިޔާނު އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ހަމްރާ ނަމާދު އެއްޗެހި ނަގާ އަލަމާރިއަށް ލީއިރު ވެސް ސުފިޔާނު ހިމޭނުން އިނުމުން އެގޮތް ހަމްރާއަކަށް ކަމަކު ނުދިޔައެވެ.

"އީތަން އިސްވެ ސުފިޔާނާ ވާހަކަދައްކަން އައި ދުވަހެއް ހަނދާން އެބަހުރިތަ. އެކުއްޖާ ބޮޑުވެ ޒުވާނަކަށްވީ ފަހުން ސުފިޔާނާ ވީހާ ވެސް ދުރުދުރުން އުޅެވޭތޯ ބެލީ... އެކަމަކު މިއަދު އޭނާ އިސްވެ އެގޮތަށް އައުމުން ސުފިޔާނު ކީއްވެ ތިއިންނަނީ. ދޭބަލަ އޭނާ ބުނާ އެއްޗެއް އަޑުއަހަން. ކިތަންމެ ރުޅިއެއް އަޔަސް އެއީ ސުފިޔާނުގެ ދަރިއެއްނޫން ކަމަކަށްނުވާނެ. މިއަދު އެ ދަރިފުޅު އާދޭސްކޮށްފައި އެ ދިޔައީ ސުފިޔާނު އޭނާގެ ވާހަކަ އެއްފަހަރު ވިޔަސް އަޑުއެހުމަށް. އެ ފުރުޞަތު ސުފިޔާނު ޖެހޭނީ އެ ދަރިފުޅަށް ދޭން... އަހަރެން ދެކެ ސުފިޔާނު ވާ ލޯބީގެ ހައްޤުގައި ވިޔަސް ސުފިޔާނު ޖެހޭނީ އީތަންގެ ވާހަކަ އަޑުއަހަން. ތިގޮތަށް އެ ދަރިފުޅު އެއްފަރާތްކޮށްފައި ބަހައްޓާނީ ކިހާ ދުވަހަކުތަ؟ އޭނާއަށް ކުރެވުނު ކަންތައް އިހުސާސްކުރެވުނީތީ އަހަރުމެން ﷲއަށް ޝުކުރުވެރިވާން ޖެހޭނެ. ތިގޮތަށް އޭނާ ބާކީކޮށްލުމުން އިތުރަށް ސުފިޔާނުދެކެ އޭނާ ފޫހިވާނީ.... އަހަރެން މިދައްކާ ވާހަކަ ސުފިޔާނަށް އެބައިވޭތަ..." އަނގައިން ނުބުނެ އެއްދިމާއަކަށް ނަޒަރު ހުއްޓާލި ގޮތަށް ސުފިޔާނު އިނުމުން ހަމްރާއަށް އުނދަގޫވިއެވެ. ސުފިޔާނުގެ އަތުގައި ހިފާ ތަޅުވައިގަތެވެ. އެއާއެކު އަނގައިން ނުބުނެ ސުފިޔާނު އެނދުން ތެދުވިއެވެ.

"ނޫން ސުފިޔާނު. އޭނާގެ ވާހަކަތައް އަޑުއަހަންނޫން ގޮތަށް މިކޮޓަރިން ނުކުމެގެން ނުވާނެ..." ހިތްބިރުގެންފައި ހުރި ހަމްރާ އޭނާގެ ދެއަތުން ސުފިޔާނުގެ އަތުގައި ހިފަހައްޓާލިއެވެ. އެހިނދު ސުފިޔާނު ބަލާލީ ވަރަށް ވެސް ފުން ބަލާލުމަކުންނެވެ. އަދި ހަމްރާގެ ކޮނޑުގައި ހިފާ އެއްފަރާތްކޮށްލިއެވެ. އެ ދެލޮލަށް ބަލާލަމުން މަޑުމަޑުން ބޯޖަހާލިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ދާން ނުދާން ހުރެފައި ހަމްރާ ކޮޓަރިން ނުކުތެވެ. ކަންބޮޑުވެފައި ހުރެ ޖޯޑުކޮށްލެވުނު ދެއަތްތިލަ މޭގައި ޖައްސާލައިގެން ހުރެ ސުފިޔާނުގެ ހަރަކާތްތަކަށް ފާރަލިއެވެ.

އިސްޖަހާލައިގެން އިން އީތަންއަށް ސުފިޔާނުގެ ހިޔަނިވިއެވެ. އެއާއެކު އިންތަނުން ނިކަން އަވަހަށް ތެދުވެ ސުފިޔާނަށް އިށީންނަން އިޝާރާތްކޮށްލިއެވެ. އީތަންއަށް ބަލާލާފައި ސުފިޔާނު ދިގު ސޯފާގެ މެދެއްހާ ހިސާބުގައި އިށީދެއްޖެއެވެ. އީތަން ކުރިން ވެސް އިން ގޮނޑީގައި އިށީނެވެ. ހަސްކަމާއެކު ދެއަތް ދެއަތާ ހާކާލުމާއެކު އޭނާ ކަރުކެހިލިއެވެ. ބައްޕަގެ ކުރިމަތީގައި އޭނާ ހިތްވަރު ނެރެން މަސައްކަތްކުރަނީއެވެ.

"އަޅުގަނޑަށް... އަޅުގަނޑަށް މާފުދެއްވާ ބައްޕާ. ﷲ ގަންދީ ހުވާކުރަން ދުވަހަކު ވެސް ދެން އެފަދަ ކަމެއް ނުކުރާނަން. އެކަމަކު އަޅުގަނޑަށް ރީން އެކަނިވާން ދޫކޮށެއް ނުލެވޭނެ. ބައްޕަގެ ލޭ އަޅުގަނޑުގެ ހަށިގަނޑުގައި ހިނގާއިރު. ރީންއަށް ލިބުނު ދަރިފުޅުގެ ގައިގާ ހިނގަނީ އަޅުގަނޑުގެ ލޭ... މި ޢައިލާއާ އެކުއްޖާއާ ގުޅުން ކަނޑައެއްނުލެވޭނެ... އަނތްބެއްގެ މަޤާމު ރީންއަށް ދޭން އަޅުގަނޑު ބޭނުން. ބައްޕާ! އަޅުގަނޑަށް ތިޔަހާ ނަފުރަތުނުކުރައްވާ. އަޅުގަނޑުގެ ސަބަބުން މުޅި ޢައިލާގެ އުފާވެރިކަން ގެއްލިއްޖެ. ބައްޕަގެ ހަމަޖެހުން ނަގާލެވިއްޖެ. ބައްޕަ އަބަދުވެސް އެދިލަވަމުންދިޔައީ ހަރުދަނާ މީހަކަށް އަޅުގަނޑުވުމަށް. އެ ސިފަ އަޅުގަނޑުގެ ފަރާތުން ނުދެއްކުނީތީ މާފުކުރައްވާ.... ބައްޕާ! ނިކަން ބައްލަވާ... މޮ ފޮޓޯގައި އެވަނީ އަޅުގަނޑުގެ ދަރިފުޅު... އެ ކުއްޖާގެ ކުށަކީ ކޮބައިތޯ...." އީތަން އައިސް ސުފިޔާނުގެ ގާތުގައި ދެ ކަކޫ މައްޗަށް ތިރިވެ ފޯނުން ޒޫރިން ފޮނުވި ދަރިފުޅުގެ ފޮޓޯ ސުފިޔާނަށް ދައްކާލިއެވެ. ނުބަލަން އިނދެފައި ވެސް ސުފިޔާނުގެ ނަޒަރު އީތަންގެ ފޯނުގެ ސްކީރީނަށް ހުއްޓުނެވެ. ލޯބިކޮށް ނިދާފައި އޮތް ދޮންދޮން ކުއްޖެކެވެ. ލައްވާފައި އޮތް ހެދުމުގެ ކުލައިން އެއީ ފިރިހެންކުއްޖެއްކަން ސުފިޔާނަށް ވެސް އެނގުނެވެ. އެއްވެސް އެނގުމަކާ ނުލާ ސުފިޔާނުގެ ދެ ލޯ ކަރުނުން ފުރުނެވެ. އަވަސް އަވަހަށް އީތަންއާ ދުރަށް މޫނު އަނބުރާލިއެވެ. އޭނާއަކީ މީހުން ހީކުރާހާ ހިތް ހަރު މީހެއްނޫނެވެ. އީތަންއަށް އަވަސްއަވަހަށް ސުފިޔާނަށް ބަލާލެވުނެވެ. ބައްޕަ މޫނު އަނބުރާލުމުން އެހިތަށް އަސަރުކުރީއެވެ. އެކަމަކު އީތަންގެ މޭ ތޮރުފާލާ ހިތުގައި ލަތްކެއް ޖެހިފަދަ އިހުސާސަކާއި ވޭނެއް ލިބިގެން ދިޔައީ ސުފިޔާނުގެ ކޯތާފަތުގައި އެޅިގެން ދިޔަ ކަރުނައިގެ ރޮނގު ހިފެހެއްޓުމަށްޓަކައި ސުފިޔާނުގެ އަތްތިލަ އަނގަމައްޗާއި ކޯތާފަތުގައި ޖައްސާލިތަން ފެނިފައެވެ. (ނުނިމޭ)