ސްޕެއިންގެ ވެލެންސިއާގެ ހެޑް ކޯޗް ކަމުގެ މަގާމްގައި ހުރި އިނގިރޭސިވިލާތުގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް މަގާމުން ވަކިކޮށްފި އެވެ.

އުމުރުން 41 އަހަރުގެ ގެރީ ނެވިލް ވެލެންސިއާގެ ކޯޗް ކަމުގެ މަގާމުން ވަކިކޮށްފައި މިވަނީ، އެކުލަބުގެ ކޯޗް ކަމާ ހަވާލުވިތާ ހަތަރު މަސް ވެސް ނުވަނީސް އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނެވިލް ކޯޗް ކަމުން މިއަދު ވަކިކުރީ، އޭނަގެ ކޯޗް ކަމުގައި މިހާތަނަށް ވެލެންސިއާއަށް ރަނގަޅު ކާމިޔާބީއެއް ހޯދިފައި ނުވުމުންނެވެ. އަދި ނެވިލްގެ ކޯޗު ކަމުގައި ވެލެންސިއާ މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން މޮޅެއް ހޯދިފައި ވަނީ އެންމެ ތިން މެޗުންނެވެ. އެހެން ކަމުން އެކުލަބުގެ ސަޕޯޓަރުން ވެސް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނެވިލް ކޯޗް ކަމުން ވަކިކުރީ ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން އެ ކްލަބަށް އެންމެ ރަނގަޅު ގޮތަށް ބަލާފައި ކަމަށެވެ. އަދި ނެވިލްގެ ބަދަލުގައި ސީޒަން ނިމެންދެން އެ ކުލަބުގެ ކޯޗަކަށް މިހާރު ހަމަޖައްސާފައިވަނީ ޕާކޯ އަޔެސްޓަރަން ކަމަށް ވެސް ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސްޕެއިން ލީގުގައި ވެލެންސިއާ މިވަގުތު އޮތީ 34 ޕޮއިންޓާއެކު ލީގުގެ 14 ވަނަ މަގާމްގައެވެ. ލީގުގެ އެއް ވަނަމަގާމް ގައި 76 ޕޮއިންޓާއެކު އޮތީ ބާސާއެވެ.