އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ވޯލްޑް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ނިއުޒިލޭންޑް ބަލިކުރުމަށްފަހު އިންގްލޭންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެ ޓީމު ފައިނަލަށް ދަތުރުކުރީ ނިއު ދިއްލީގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިއުޒީލެންޑް އަތުން ހަތް ވިކެޓުން މެޗް ކާމިޔާބުކޮށްގެނެނެވެ.

ރޭގެ މެޗުގައި އިންގްލެންޑުން ޓޮސް ދިމާވުމުން ގަސްދުކުރީ ހޮވާށެވެ. ނިއު ޒީލެންޑް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 153 ލަނޑު ހެދިއެވެ.

ޖަވާބުގައި އިންގްލެންޑް ކުޅެން އަރައި 17.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 159 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. އިންގްލެންޑުން އެންމެ މޮޅަށް ކުޅުނީ 44 ބޯޅައިން 78 ލަނޑު ހެދި ޖޭސަން ރޯއީ އެވެ.

މިމުބާރާތުގެ ފައިނަލުގައި އިންގްލޭޑްއާ ދެކޮޅަށް ކުޅޭނެ ޓީމެއް އިނގޭނީ މިރޭ އިންޑިއާ އާއި ވެސްޓް އިންޑީސްއާ ކުޅޭ މެޗަށް ފަހު އެވެ.