މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފިލްމް އެވޯޑްސް ހަފްލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޕީއެސްއެމްގައި މިއަދު މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި ފިލްމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު އެވެ.

އެއްބަސްވުމުަގއި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހައްމާ ވިދާޅުވީ މި އެއްބަސްވުމަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކުރިއަށް ދިއުމަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނެ ފަދަ އެއްބަސްވުމެއް ކަމަށެވެ. އަދި ޕްރޮޑިއުސަރުން ބޭނުންވާ ކަހަލަ ތަރިން ނެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އަދި ފިލްމީ އެވޯޑް ހަފްލާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބޭ ފަދަ ވަރުގަދަ ހަފްލާއަކަށް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޝާޔަން ވިދާޅުވީ މިއަދު ސޮއިކުރެވުނު ފަދަ އެއްބަސްވުންތައް މީގެ ކުރިންވެސް ޕީއެސްއެމް އިން އެކިއެކި ފަރާތްތަކާއި އެކު ހަދާފައިވާ ކަމަށެވެ. ޕީއެސްއެމް އިން ފިލްމީ ދައިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރާނެ ކަން ފާހަގަކުރައްވާ ޝާޔަން ވިދާޅުވީ މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާ އެކު އަދިވެސް އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުންތަކުން "ސަޕްރައިޒެއް" ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން ދޭ ފިލްމް އެވޯޑް ހަފްލާ މީގެ ކުރިން އިންތިޒާމު ކުރީ ހައިރައިޒްގެ ފަރާތުންނެވެ.