(29 މާރޗް 2016 އާ ގުޅޭ)

ބައްޕަ މޫނު އަނބުރާލުމުން އެހިތަށް އަސަރުކުރީއެވެ. އެކަމަކު އީތަންގެ މޭ ތޮރުފާލާ ހިތުގައި ލަތްކެއް ޖެހިފަދަ އިހުސާސަކާއި ވޭނެއް ލިބިގެން ދިޔައީ ސުފިޔާނުގެ ކޯތާފަތުގައި އެޅިގެން ދިޔަ ކަރުނައިގެ ރޮނގު ހިފެހެއްޓުމަށްޓަކައި ސުފިޔާނުގެ އަތްތިލަ އަނގަމައްޗާއި ކޯތާފަތުގައި ޖައްސާލިތަން ފެނިފައެވެ.

ދުރުގައި ބަލަން ހުރި ހަމްރާގެ ހިތަށް ވެސް ފުންއަސަރެއް ކުރެވިގެން ދިޔައެވެ. ދަރިފުޅާއި ބައްޕަގެ ދެމެދުގައި ހީވެސް ނުކުރާހާ ގާތްކަމެއް އޮތްކަން ހަމްރާއަށް ޤަބޫލުކުރެވުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅެފައި ވެސް ކުއްލިއަކަށް ހަމްރާ ހުއްޓުނީ ސުފިޔާނާއި އީތަންގެ ދެމެދުގައި މިހާރު އެވާ ގާތްކަމަށް އޭނާގެ ސަބަބުން ހުރަސް އެޅިދާނޭހެން ހީވެގެންނެވެ.

"ބައްޕާ! އަޅުގަނޑަށް ބައްޕަގެ ހިތުގައި ޖެއްސުނީތީ މާފުކުރައްވާ. އަޅުގަނޑުގެ ގައިގާ ހުރި އުނި ކަމަކީ ބައްޕަގެ ސަބަބުން ލިބިފައިވާ އުނިކަމެއްނޫން. މިހާރު ހިތަށް އަރާ ބައްޕަ ދެއްވި ނަސޭޙަތުގައި ހިފުނުނަމައޭ، ޕްލީޒް ބައްޕާ. އަޅުގަނޑުގެ ސަބަބުން ބައްޕަ ރޯވަރުގެ ކަމެއް ކުރެވުނީތީ މިއަދު ވަރަށް ހިތުގައިޖެހިއްޖެ. ބައްޕަ އެދިލައްވަނީ އަޅުގަނޑު މިގެއިން ނުކުމެގެން ދާންކަމުގައި ވާނަމަ އަޅުގަނޑު އެކަން ކުރާނަން. މިއަދު މިގެއިން ނުކުމެގެން އަޅުގަނޑު ހިނގައިދާނަން... އެކަމަކު އަޅުގަނޑު ބައްޕަ ބޭނުންވެލައްވާ ފަދަ ހަރުދަނާ ޒިންމާދާރު ޒުވާނަކަށް ވާން މަސައްކަތްކުރާނަން. އަމިއްލައަށް ހެދުނު ގޯސްތައް އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން..." އީތަންގެ އަތުގައި އޮތް ފޯނު އޭނާގެ ޖިންސުގެ ޖީބަށް ލާފައި ސުފިޔާނަށް ބަލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އިތުރަށް އޭނާގެ ސަބަބުން ސުފިޔާނަށް ލިބޭނީ ހިތްދަތިކަން ކަމުގައި ޤަބޫލުކުރެވޭތީވެ އީތަން ތެދުވެގެން އެތަނުން ދިއުމަށް ގަސްދުކުރިއެވެ. ނަމަވެސް އޭނާ ތެދުވަން އުޅުމާއެކު ސުފިޔާނު އޭނާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި ވައަތުން ދެ ލޯ ފުހެލާފައި ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެ ހުރި ދަރިފުޅަށް ސުފިޔާނު ބަލާލިއެވެ.

"އެއްވެސް ކުއްޖަކަށް ނުކުރާހާ އިތުބާރު ދަރިފުޅަށް ކުރިން. މިގޭގައި އެންމެ ބޮޑު އުންމީދެއް ބައްޕަކުރީ އީތަންއާ މެދު. އާން! ބައްޕަގެ ހިތުގައި އީތަން ޖައްސައިފީމު... ދަރިފުޅު ތިކުރީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް. ބައްޕަ މިއަދު ދެރަވަނީ އީތަން އެކަމުން ސަލާމަތްނުކުރެވުނީމަ. އެ ފާފަކުރުމުން ނުހުއްޓުވުނީމަ..."

"ބައްޕާ! އަޅުގަނޑަކީ ތަންދޮރު ނޭނގޭވަރު ކުޑަކުއްޖެއްނޫން. ވީމާ ބައްޕަ ކިހިނެއްތޯ އަޅުގަނޑު ހުއްޓުވާނީ. ހިސާބަށްވުރެ މީހާއަށް މަގުއޮޅުނީމާ އެއްވެސް މީހެއްގެ ނަސޭހަތެއް ޤަބޫލެއްނުކުރެވޭނެ. އަޅުގަނޑަށް ވެސް ހުރީ މަގުއޮޅިފައި. އެހެންނޫންނަމަ އެފަދަ ނުބައިކަމެއް ނުކުރެވުނީސް. އަޅުގަނޑު ކުރިކަމަކީ ޚުދު އަޅުގަނޑުގެ އަމިއްލަ ކުށް. އެކަމުގައި ބައްޕަގެ އެއްވެސް ކުށެއްނެތް"

"އީތަންއަށް ބައްޕަ އެއްޗެހި ކިޔާކަމުގައި ހީވިޔަސް މި ބައްޕަގެ ހިތް އީތަންއަށް ސާފު. ދަރިފުޅަށްވުރެ ބޮޑަށް ބައްޕަ ލޯބިވާ ކުއްޖަކުނެތް. ރުޅި އާދެވުނީ އެހެންވެ. އީތަންއަކީ ބައްޕަގެ ދަރިއެއް. މިގޭގައި އީތަންއަށް އުޅެވޭނެ... ނުކުމެގެން ގޮސްގެން ނުވާނެ... އެހެން ވިސްނައިގެން ވެސް ނުވާނެ..." ސުފިޔާނުގެ ވާހަކަ ނުނިމެނީސް އޭނާގެ ކަކުލުގައި ދެއަތްތިލަ ޖައްސާލުމާއެކު އީތަންގެ ނިތް އަތްތިލައިގައި ޖައްސާލިއެވެ. ބައްޕަ އޭނާދެކެ އެހާ ލޯބިވާކަން ކުރިން އެނގުނުނަމައެވެ. ބައްޕަގެ ޚިޔާލަކީ މުހިންމު ޚިޔާލެއްކަމުގައި މީގެކުރިން އީތަން ނުދެކެއެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން އެންމެ ފަހަށް އީތަން ވިސްނާ މީހަކީ އަބަދުވެސް ސުފިޔާނެވެ. އެކަމަކު ސުފިޔާނުގެ ހިތް އޮތް ގޮތް އެނގުމުން މިއަދު އީތަންގެ ހިތް ރޮއްވާލައިފިއެވެ. ސުފިޔާނުގެ ކަކުލުގައި ބޯޖައްސާލައިގެން އިނދެ އޭނާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ލަދުވެތިކަން މުޅި ނަފްސުގެ ވަށައިގެން ހިޞާރެއްލައިފިއެވެ. ބައްޕައާ ހަތަރުކަޅި ހަމަކޮށްލުމަކީ އީތަންއަށް ކުޅަދާނަކަމަކަށް ނުވީއެވެ.

"މިސްކިތުގައި ދަރިފުޅު ނަމާދަށް ހުރިތަން ފެނުނު ވަގުތަކީ ބައްޕަގެ ހަޔާތުގައި ވެސް މި ދެލޮލަށް ފިނިކަން ލިބިގެން ދިޔަ މަންޒަރެއް... ބައްޕަގެ އެންމެ ލޯބިވާ ކުޑަ ދަރިފުޅު ތީ... ދަރިފުޅަށް ކިތަންމެ ފުރުޞަތެއް ވެސް ބައްޕަ ދީފާނަން. ދަރިފުޅު އަޑު ބައްޕަ އަބަދުވެސް އަހަން ބޭނުންވޭ. ކީއްވެތަ ބައްޕަ ގާތުގައި އެންމެ ފުރަތަމަ ވެސް ނުބުނީ. ހުރިހާކަމެއް އަޑު މި އިވުނީ އެހެން މީހުންގެ ފަރާތުން. ބައްޕައަކީ އެހާ ވެސް ދުރުމީހެއްތަ؟ ބަލަ ބައްޕަ ހަރުކަށިކޮށް އެއްޗެހި ބުނަނީ އީތަންއަށް ވިސްނޭތޯއޭ... ރަނގަޅުމަގުން އީތަން ހިގަން ބޭނުންވާތީ.. ކުރެވުނު ކަމެއް އެ އޮތީ ކުރެވިފައި. ދަރިފުޅު ބޭނުންނުވި ނަމަވެސް މިއަދު ބައްޕަ ދަރިފުޅުގެ ގާތުން އެދޭނަން އެ އަންހެންކުއްޖާއާ އީތަން ކައިވެނިކުރަން. ބައްޕަ ކޮންމެ އަދަބެއް ދިނަސް ޤަބޫލުކުރާނަމޭ އީތަން ބުނީމެއްނު. ބައްޕަ އީތަންއަށް ދޭނެ އަދަބަކީ އެއީ... އެ އަންހެންކުއްޖާއާ އޭނާގެ ދަރިފުޅު އީތަން ބަލައިގަތުން" ސުފިޔާނުގެ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ވަކިން ބޮޑަށް އީތަންއަށް ރޮވިއްޖެއެވެ. ސުފިޔާނު އަވަސްއަވަހަށް ދަރިފުޅުގެ ކޮނޑުގައި ނަގާ ގާތުގައި ބައިންދަމުން ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

"އައި އެމް ސޮރީ ބައްޕާ..." ރޮމުންރޮމުން އީތަން ބުނެލިއެވެ. ސުފިޔާނު ލޯތްބާއެކު އީތަންގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާގެ ދަރިފުޅު ހިތާމަކުރާކަށް އޭނާ ނޭދެއެވެ. އަދި އެ ދަރިފުޅު އޭނާގެ ލޮލަށް ނުފެންނަ ހިސާބަށް ދާކަށް ވެސް ބޭނުމެއްނުވެއެވެ. އައި ރުޅީގައި ދަރިފުޅުގެ ގައިގާ ތަޅައިގަނެ ގެއިން ނުކުމެގެން ދިއުމަށް އަމުރުކުރެވުނީއެވެ. އެހެންނަމަވެސް އެއީ އޭނާ އީތަންދެކެ ވާ ލޯތްބެވެ. މިއަދު އެކަން އީތަންއަށް ވެސް ވިސްނިއްޖެއެވެ.

އީތަން ގަޔާ ދުރުކޮށްލާފައި ނުރޮއެ ހުއްޓާލުމަށް ސުފިޔާނު ބުންޏެވެ. އެއާއެކު އީތަން އޭނާގެ ދެ ލޯ ފުހެލިއެވެ. އަދި އިސްޖަހާލައިގެން އިނެވެ.

"ދަރިފުޅު ބޭނުންވަނީ ކޮން ގޮތެއް. ބައްޕަ އާއި ޢާއިލާގެ ފަރާތުން ދަރިފުޅަށް އެހީތެރިކަން ލިބޭނެކަން އެނގެއެއްނު" ސުފިޔާނު އޮޅުންފިލުވަން ބޭނުންވީ އީތަން ވިސްނާފައި އޮތް ގޮތެވެ. އެއާއެކު އީތަން އޭނާ ބޭނުންވާ ގޮތާއި ޒޫރިން އާއި އޭނާގެ ޢާއިލާ ކަންތައް ކުރިގޮތް ސުފިޔާނަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އެ ވާހަކަތަކާ މެދު ވިސްނަން އިން ސުފިޔާނު މަޑުމަޑުން ބޯޖަހަމުން ދިޔައެވެ.

* * * *

ޓްރެފިކްލައިޓުގައި ޖެހިފައި އައިނީ އިނީ އޭނާގެ ރަޙުމަތްތެރިޔާގެ ސައިކަލު ފަހަތުގައެވެ. އެމީހުންނާ ޖެހިގެން އެއްފަރާތުގައި އޮތް ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ޒުވާނަކު އައިނީއަށް ގޮވާލުމުން އެ ދިމާއަށް ބަލާލިއިރު ކާރުގައި އިނީ ނުފައިލެވެ. އެއާއެކު ނިކަން ބޮޑަށް އައިނީއަށް ހިނިތުންވެލެވުނެވެ. ކޮންތާކަށްތޯ ދަނީ ނުފައިލު ސުވާލުކޮށްލުމުން އައިނީ އޭނާގެ އޮފީހަށް ދަނީކަމުގައި ބުނެލިއެވެ. ނުފައިލު އޭނާގެ އެޑްރެސް ކާޑު އައިނީއަށް ދިއްކޮށްލަމުން ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވާތީ އޭނާގެ ނަންބަރަށް ގުޅާލަ ދިނުމަށް އެދުނެވެ. ނުފައިލު ފެނުނީއްސުރެން އޭނާއާ މެދު ޚިޔާލުކުރެވޭ އައިނީ ނިކަން އަވަހަށް ބޯޖަހާލިއެވެ. މަގުމަތީގައި ކަމަށްވާތީ ދެ މީހުންނަށް މާގިނަ ވާހަކަތަކެއް ނުދެއްކިގެން އުޅެނިކޮށް ޓްރެފިކުލައިޓު ފެހިވެއްޖެއެވެ. އެއާއެކު ދުއްވާއެއްޗެހީގެ ބަރުގޮނުތަކުގެ އަޑުފަށްގަނޑު ގަދަވިއެވެ. އައިނީ އާއި ނުފައިލު ވެސް ދެ މީހުންގެ މިސްރާބު ބަދަލުކޮށްލަން ޖެހިގެން ވަކިވުމުގެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށް ސުފިޔާނު ވެސް ގެއިން ނުކުމެގެން ހިނގައްޖެއެވެ.ފުރުޞަތަކަށް ބަލަބަލާ އިން ހަމްރާއަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް ރާބިއާގެ ގާތަށް އައިސް ކިޔައިދިނެވެ. ލިބުނު ހިތްހަމަޖެހުމަކުން ރާބިއާ ހަމްދުއެޅިއެވެ. ސުފިޔާނަށް އެ ސިފަ ލިބުނީ އޭނާގެ ބައްޕަގެ ފަރާތުންކަމަށް ރާބިއާ ބުނެލިއެވެ. ހަމައެގޮތަށް އީތަންގެ އެ ހުރީ ސުފިޔާނުގެ ގޮތްދޫނުކުރާ ސިފަ ކަމުގައި ރާބިއާ ބުނެލީ ހިނިއައިސްފައި އިނދެއެވެ. ހަމްރާ އާއި ރާބިއާ އާ ދެމީހުން އީތަން އާއި ޒޫރިންއާ ދެކުދިން ގުޅުވަން ހަދާނޭ ގޮތަކާއި މެދު މަޝްވަރާގައި ތިއްބެވެ.

ޑިއުޓީ ނިންމާފައި ހަވީރު އޮފީހުން ނުކުންނަމުން އައިނީ އޭނާގެ އަތްދަބަހުން ނުފައިލުގެ އެޑްރެސް ކާޑުނެގިއެވެ. އަދި އޭގައިވާ ނަންބަރަށް ގުޅާލުމަށް ކާޑަށް ރަނގަޅަށް ބަލާލިއެވެ. ކާޑުގެ ފަހަތުގައި ގަލަމުން ލިޔެފައިވާ ނަންބަރު އައިނީގެ ލޮލުގައި އަޅައިގަތީ ދެނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހީނލެވުނެވެ. އަދި އެ ނަންބަރަށް ގުޅާލިއެވެ.

"ތި ކޯލަށް ވަރަށް އިންތިޒާރު ކުރެވިއްޖެ" އައިނީގެ އަޑުޖެހުމާއެކު ނުފައިލު ބުނެލިއެވެ. އެހިނދު ރަކިގޮތަކަށް އައިނީއަށް ހީނލެވުނެވެ. ދެމީހުން ބައްދަލުކޮށްލަން ރެސްޓޯރެންޓަކަށް ދިއުމަށް ނުފައިލު ދަޢުވަތު ދިނެވެ. އެ ދަޢުވަތު އައިނީ ޤަބޫލުކުރިއެވެ. އަދި ނުފައިލު އޭނާ ބަލާ އަންނަން ދެން އޮފީސް ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

ނުފައިލަށް ޚާއްޞަ ރެސްޓޯރެންޓަކަށް އޭނާ އައިނީ ގޮވައިގެން އައެވެ. ތަނުގެ ވެއިޓަރުންނަށް ނުފައިލު ފެނުމާއެކު ހިނިތުންވެލައެވެ. އަދި އޭނާއަށް ޚިދުމަތް ދިނުމަށް އެމީހުން އަވަސްވިއެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ނުފައިލު އާއި އައިނީ އައިސް އިށީނެވެ. ދެ މީހުން ވެސް އޯޑަރ ދިނުމަށްފަހު އަނގައިން ނުބުނެ އިރުކޮޅަކު ހިމޭންނުން ތިއްބެވެ. އައިނީގެ ނަޒަރު އޭނާގެ އަތުގައި އޮތް ފޯނަށް ހުއްޓާލައިގެން އިންއިރު ނުފައިލުގެ ނަޒަރު ހުރީ އައިނީއަށް ހުއްޓިފައެވެ.

"ނޯ ނިއުސް ފްރޮމް އީތަން. އޭނާގެ ހާލު ގޯހީތަ؟" ނުފައިލު އަހާލިއެވެ.

"އީތަން... އާން.. އާން..." އައިނީ އެއްޗެއް ބުނަން އުޅެފައި ވެސް ފަސްޖެހެވުނެވެ. އީތަންގެ ހަޤީޤަތް ހާމަކުރާ ވަރަށްވުރެ ނުފައިލުއަކީ ދުރުމީހެކެވެ.

"އީތަން ކޮންވެސް ކަމަކާ ވަރަށް ފިކުރުބޮޑުވެފައި ހުންނަހެން މަށަށް ހީވޭ. އޭނާގެ ލައިފްގެ މާބޮޑު ކަންތައްތަކެއް އަހަންނަކަށް ނޭނގޭ. އެކަމަކު އޭނާއަކީ ރަނގަޅު ޒުވާނެއް. އަހަރެން އޭނާ ގެންގުޅެނީ ކޮއްކޮއެއްގެ ގޮތުގައި ދެކިގެން... އެހެންނަމަވެސް އޭނާގެ އަމިއްލަ ކަންކަން އެއްގޮތަކަށް ވެސް މަޝްވަރާއެއްނުކުރާނެ. ވަރަށް ފަހުން ޗުއްޓީގައި ހުރެފައި އޮފީހަށް އެ ނުކުތީ އެކަމަކު އަދިވެސް ހިޔެއްނުވޭ އޭނާގެ ލައިފް މުޅިއަކުން ރަނގަޅުހެން. އައިނީ ތީ އޭނާގެ ސިސްޓަރ. ސޯ ޓެލްމީ... އީތަން އަހަންނާއެކު އަހަރެންގެ އޮފީހުގައި މަސައްކަތް ކުރަން ފޫހިވަނީތަ؟ ނޫނީ އޭނާ ހިތްހަމަނުޖެހޭ ކަމެއް އަހަރެންގެ އޮފީހުގައި ހިނގަނީތަ؟"

"އެކަހަލަ އެއްވެސް ކަމެއްނުވޭ. އަހަންނަށް ހީވަނީ އީތަންއަށް އޭނާގެ ލައިފް ހަމައަކަށް އެޅުވުމަށް ދުވަސްކޮޅެއް ބޭނުންވާނޭހެން"

"އެހެންވީމަ އައިނީ ވެސް ތިބުނަނީ އޭނާއަށް ކަމެއް ދިމާވެގެންނޭ އުޅެނީ"

"ނޫން!... އީތަންގެ ވާހަކަދައްކަންތަ ނުފައިލު އަހަރެން ގޮވައިގެން މިތަނަށް އައީ" އައިނީ ބޭނުންވީ ވާހަކައިގެ މިސްރާބު އަނބުރާލާށެވެ. އަދި ނުފައިލުގެ ސަމާލުކަން ވެސް ހޯދާށެވެ.

"އަރ ޔޫ މެރީޑް" ޖެހިލުމެއްނެތި އައިނީ އަހާލިއެވެ.

"މީހެއްގެ ފިރިއެއްހެން ހީވަނީތަ؟" ނުފައިލުގެ ގާތަށް ހިނިއައެވެ. އަދި ހަމައެއާއެކު އައިނީގެ ހުރި ޖެހިލުންކުޑަކަން އޭނާއަށް ކަމުދިޔައެވެ.

އައިނީ ބޭނުންވި ގޮތަށް ނުފައިލުގެ ވާހަކަތައް ދީލައިލިއެވެ. އެ ދެމެދުގައި އަމިއްލަ ވާހަކަތައް ދެކެވުނެވެ. ދެ މީހުންގެ ޚިޔާލުގައި އެއްގޮތްކަމެއް ހުރިކަން ފާހަގަކުރެވުނެވެ. އެހާ ފަސޭހައިން އެ ދެމެދުގައި އެކުވެރިކަމެއް އުފެދިދާނޭކަމަށް ހީވެފައި ނެތަސް އައިނީ އާއި ނުފައިލަށް އެކަކު އަނެކަކު ކަމުދިޔައެވެ. އެހެންނަމަވެސް ފުރަތަމަ ބައްދަލުވުމުން ހިތްހުޅުވާލުމުގެ ބަދަލުގައި ދެމީހުން ވެސް އެކަކު އަނެކަކުގެ ކަންކަން ދެނެގަންނަން މަސައްކަތްކުރިއެވެ.

ނުފައިލުގެ ކާރު އައިސް އޯކިޑުވިލާގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެ ކާރުން އައިނީ ފައިބައިގެން އައިސް ދޮރޯށި ހުޅުވާލީ އެތެރެއަށް ވަނުމަށެވެ.

"އެންމެ ރަނގަޅުތަ އަހަރެން ގުޅާލިޔަސް" ނުފައިލުގެ އަޑާއެކު އައިނީ އެނބުރި ބަލާލިއެވެ. އަދި ހިނިތުންވުމަކާއެކު ނުފައިލަށް ބަލަން ހުރެފައި ބޯޖަހާލިއެވެ.

"އީތަން ކައިރީ ބުނެލާތި ރިކަވަރ ވީހާ އަވަހަކަށް އަހަންނަށް ގުޅާލައްޗޭ. މާ ހާލު ބޮޑިއްޔާ ގޮވާލަން އަންނަން ވާނެއެއްނު"

"އީތަންއަށް ގޮވާލަން ނަޔަސް މިގެއަށް އަންނަ ހިތްވަންޏާ އަހަރެން ވެސް ދައުވަތު ދީފާނަމޭ" ހީނލާފައި އައިނީ ބުނެލިއެވެ.

"އީތަންގެ ޚިޔާލެއް ނޭނގި އަހަންނަށް ވަރަށް އުނދަގޫވާނެ ތިގެއަށް ވަންނަން" ނުފައިލުގެ ވާހަކަތަކުގައި ފޮރުވިފައިވަނީ ކީކޭކަން އައިނީ ދެނެގަތެވެ. އޭނާ ހިނިތުންވުމެއް ނުފައިލާ ބަދަލުކޮށްލާފައި ގޭތެރެއަށް ވަނެވެ.

ސިޓިންރޫމުގައި ރާބިއާ އާއި ހަމްރާ ތިއްބެވެ. އައިނީ އައިސް ވަނުމާއެކު ހަމްރާ ސުވާލުކޮށްލީ ދޮރުމަތީ ހުރީ ކޮންކުއްޖެއްތޯއެވެ. އައިނީ ރަކި ގޮތަކަށް ހީނލާފައި އެއީ އީތަންގެ އޮފީސް ބޮޑުމީހާއޭ ބުނެލިއެވެ. އަދި ދެވަނަ ސުވާލެއް ކުރިމަތި ނުވަނީ ހަލުވިކޮށް އެތެރެއަށް ހިނގައްޖެއެވެ.

ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނުކުން ގޮތަށް އައިނީ އައިސް ވަނީ އީތަންގެ ކޮޓަރިއަށެވެ. އޭރު އެނދުގެ ހުރަހަށް އޮށޯވެލައިގެން ފައިކޮޅު އެނދުން ބޭރަށް އެލުވާލައިގެން އީތަން އޮތެވެ. އޭނާގެ ގާތުގައި އައިނީ އައިސް އޮށޯވެލިއެވެ.

"ހައު ޔޫ ފީލިންގ..." އައިނީ އަހާލިއެވެ.

"ބައްޕަ އަޅުގަނޑުދެކެ ލޯބިވާކަން އެނގޭތަ" އައިނީއަށް ބަލާލުމެއްނެތި އީތަން ސުވާލުކޮށްލިއެވެ.

"އޮފްކޯސް... ހީ ކެއަރޒް އަ ލޮޓް. އައިންތަ އާއި ދޮންބެ ކޮންމެ ކަމެއް ކުރިޔަސް ބައްޕައަށް ފެނިއެއްނުލައްވާނެ. އެކަމަކު ކޮއްކޮ ނުބައިގޮތަކަށް އެނބުރިލިޔަސް ކަންތަކެއް ހުންނާނެ"

"ދެން ކީއްވެތަ އަޅުގަނޑަށް އެކަން ނޭނގުނީ"

"ކޮންއިރަކުތަ ކޮއްކޮ ޢާއިލާ ތެރޭގައި ހިނގާ ކަންކަމާ ވިސްނަންފެށީ"

"ތި ވެސް ތެދެއް. އަސްލު ވެސް އައި ޑިޑް އަ ބިގް މިސްޓޭކް"

"އެ ގާލް ކޮބާތަ؟" އުޅުންބޮށީގެ އެހީގައި ބަންޑުން އޮތް އައިނީ ތެދުވެލަމުން އަހާލިއެވެ.

"ރީންތަ؟"

"އާން! އެ އަންހެންކުއްޖެއްދެކެ އީތަން ހެޑް އޯވަރ ހީލްސް ވެގެން އުޅޭ ކުއްޖަކީ އެއީއެއްނު. އެނގޭ ފޮޓޯ ވެސް ގެންގުޅޭނެކަން. ދައްކަބާ އައިންތަ ބަލާލަން، ޔަޤީން ވަރަށް ރީތި ކުއްޖަކަށް އެ ކުއްޖާވާނީ" އައިނީގެ ވާހަކައިން އީތަންގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.

"ޔެސް. ޝީޒް ޑިފަރެންޓް... އެންމެނާ ތަފާތު... ތަފާތު ރީތިކަމެއް... އެކަމަކު މިހާރު އެ ރީތިކަން ގެއްލިއްޖެ. މުޅިން އެހެން މީހެއް ކަހަލަ..." އީތަން އޭނާގެ ފޯނު ނަގާ ޒޫރިންއާ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ އައިނީއަށް ދައްކާލިއެވެ.

"ވާއު! އަސްލު ވެސް ވަރަށް ރީތި... އީތަންއާ ވަރަށް ގުޅޭ... އީތަން ތީ ހަމަ މޮޔައެއް. ލޯބިވާ މީހުން ދޫކޮށްލާކަށް ނުވާނެ. ދެން ބުނެބަލަ، ރީން އަދިވެސް ލޯބިވޭތަ؟ ކޮބާ ބޭބީ"

"ރީން ލޯބިވޭ... އެކަމަކު މިހާރު އޭނާ ހުރީ ވަރަށް ހާޓްވެފައިކަން އަހަންނަށް އެނގޭ... މިއޮތީ ބޭބީގެ ފޮޓޮއެއް. މީ ރީން ފޮނުވި ފޮޓޮއެއް. ކިހާ ލޯބިކޮށް އެއޮތީ ނިދާލާފައި. އުރާލަން ވަރަށް ބޭނުން" އައިނީގެ އަތުގައި އޮތް ފޯނުން ދަރިފުޅުގެ ފޮޓޯ އީތަން ދައްކާލިއެވެ.

"ލޯބިލޯބި ފުށްގަނޑެއް... އައިންތަ ވެސް ބޭނުން މޮޑެލަން..."

ކޮޓަރީގެ ދޮރުކައިރީ ހުރި ހަމްރާގެ ނަޒަރު އެނދުގައި ތިބި އީތަން އާއި އައިނީއަށް ހުއްޓިފައި ހުރިކަމެއް އެމީހުންނަކަށް ނޭނގެއެވެ. ފަނޑު ހިނިތުންވުމެއް ހަމްރާގެ ތުންފަތުގައި ވިއެވެ. އޭނާގެ ކޮނޑުގައި މީހަކު އަތްލުމުން އެނބުރި ބަލާލިއިރު ދާދި ގާތުގައި ހުރީ ސުފިޔާނެވެ.

"އަހަރެންގެ މާމަ ދަރިފުޅު ދުށުމަށް ބޭނުން..." ސުފިޔާނުގެ މޭގައި އަތްތިލަ ޖައްސާލުމާއެކު ހަމްރާ ބުނެލިއެވެ.

"އީތަން އެ ދަރިފުޅު ބޭނުންކަން އަހަންނަށް ވެސް އެނގޭ. އެކަމަކު ހަމްރާ. އެމީހުން އަހަރެންގެ ދަރިފުޅަށް މާފު ދޭނެތަ؟" މޭގައިވި ހަމްރާގެ އަތްތިލާގައި ހިފާ ބާރުކޮށްލަމުން ސުފިޔާނު ބުނެލިއެވެ.

"ކީއްވެ ނުދޭންވީ. ދަރިފުޅުގެ ބައްޕައެއްނު އީތަންއަކީ... ސުފިޔާނު މަޑުކުރިޔަސް އަހަންނާއި މަންމަ ނިންމައިފިން އެގެއަށް ދާން. ރީން އާއި އޭނާގެ ޢާއިލާ މީހުންނާ އަހަރުމެން ވާހަކަދައްކަ ފާނަން"

"ހަމްރާ. އަހަރެންގެ ދަރިފުޅުގެ އުފަލައްޓަކައި އަހަރެން އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން ހުރެދާނެއޭ ހީވަނީތަ؟ އަހަރެން މީ އީތަންގެ ބައްޕަ. އެ ޢާއިލާއަށް އީތަންގެ މައްޗަށް އިތުބާރުދޭނީ އަހަރެން. އަހަރެން ވެސް ދާނަން ހަމްރާ އާއި މަންމައާއެކު. އެއީ ކޮންގެއެއްކަން އީތަންގެ ގާތުން އޮޅުން ފިލުވައި" ސުފިޔާނުގެ ވާހަކައިން ހަމްރާ ނިކަން އުފާވިއެވެ. އޭނާ އަވަސްވެގަތީ އެ ޚަބަރު ރާބިއާއަށް ދިނުމަށެވެ.

އިޝާ ނަމާދުކޮށްގެން ސުފިޔާނާއެކު އީތަން ވެސް އައީ ގެއަށެވެ. އައި މަގުމަތީ ސުފިޔާނު ނިންމާފައި އޮތް ގޮތް އީތަންއަށް ހާމަކުރިއެވެ. އީތަންގެ އުންމީދު އާވިއެވެ. ޒޫރިން އޭނާގެ ވާހަކަ ޤަބޫލުނުކުރިޔަސް އޭނާގެ ޢާއިލާ މީހުންގެ ވާހަކަ ޤަބޫލުކޮށްފާނޭކަމުގައި ހީކުރިއެވެ. (ނުނިމޭ)