ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނައަށް ފާރަލާފައިވާ ކަމަށް ތަހުގީގަށް މިހާރު އެނގިފައިވާ ކަމަށާއި އަދި މިމައްސަލައާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ފުލުހުންނަށް މިހާރު ލިބިފައިވާ ކަަމަށްވެސް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ މިއަދު މިމައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލާގައި ބަލާ ފާސްކޮށްފައިވާ ކާރަކީ ހ. ހިލްޓަން އާލިފް ރައުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ކާރެއް ކަމަށެވެ. އަދި ރިލްވާން ގެއްލުނު ރޭ މާލޭގައި ރިލްވާން ސައިކަލް ދުއްވި އިރު، އޭނަގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވާ ކަމަށް ތަހުގީގަ މިހާރު އެނގިފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

"ރިލްވާން ގެއްލުނު ރޭ މާލޭގައި އޭނަ ސައިކަލް ދުއްވި އިރު، ފަސް ފަހަތުން އޭނާގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވޭ. ރިލްވާން ފަހަތުން އެރޭ އޭނާ ފަސް ފަހަތުން ބަޔަކު އުޅުނުކަން ސީސީޓީވީ ފްޓޭޖްތަކުން އިނގޭ. ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ ކަމަށް ބުނެ އަދި މީހަކު ހަޅޭލަވާކަމަށް ބުނެ ބަޔަކު ރިޕޯޓްކުރި، ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކާރެއް ނެތް، ފަހުން ވަނީ އެ ކާރު ބަލާ ފާސްކޮށްފައި، ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް، މިހާރު ކާރު ދުއްވަނީ މާލޭގައި" ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިލްވާން މިހާރު ދިރިހުރިކަން ނުވަތަ ނޫންކަން ކަށަވަރުކަން ބުނަން ނޭނގޭ ކަމަށާއި ރިލްވާން ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް ދައްކަން ފޭކް ޕާސްޕޯޓެއް ހެދުމަށްވެސް ބަޔަކު މަސައްކަތްކުރި ކަމަށާއި އެމައްސަލަވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުަމުން އަންނަ ކަމަށެވެ. އަދި މައްސަލާގައި ބަލައި ފާސްކުރި ކާރު ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އެ ޑީއެންއޭ ލިބިފައިވަނީ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަަމަށްވެސް ވިދާޅުވި އެވެ.

"ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރަކުން ފެނުނު ފަސް އިސްތައްޓެއްގެ ޑީއެންއޭ ޗެކުކުރުމުން، އޭގެ ތެރެއިން އިސްތައްޓެއް ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވޭ" ޝަތީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިލްވާންގެ ފޯނުން އެންމެ ފަހުން މުއާމަލާތްކޮށްފައި ވަނީ 8 އޮގަސްޓް 2014ގެ ދަންވަރު 1:15 ގައި ކަަމަށްވެސް ތަހުގީގަށް އެނގިފައިވާ ކަަމށެވެ.

"ރިލްވާން ގެއްލުނުފަހުން އޭނާ ގެންގުޅުނު ފޯނުގެ ނެޓްވޯކް އެންމެފަހުން ހިޓްވެފައިވަނީ ފުލް މޫން ރިސޯޓުގެ ޓަވަރަށް. ރިލްވާން ގެއްލުނު މައްސަލާގައި ވިލިނގިލީގެ ހުސްބިމާއި މޫދާއެކު ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވޭ، ރިލްވާން ދިރިއުޅޭ އެޕާމެންޓް ހިމެނޭ ސަރަހައްދުގެ 77 އެޕާޓްމެންޓެއް ބަލާ ފާސްކޮށްފައިވޭ، 134 މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވޭ" ޝަތީހް ވިދާޅުވި އެވެ.

"މިމައްސަލާގައި މާލެއިން 14 ގެއެއް ބަލާ ފާސްކޮށް، ބައެއް ރަށްރަށުގެ ގެސްޓް ހައުސް ބަލާފައިވޭ، ހުޅުމާލޭގެ ގޮނޑުދޮށާއި ހުސްބިންތައް އަދި ފަރުކޮޅުފުށި ވެސް ބަލާފާސްކޮށްފައިވޭ، 84 ކަނޑު އުޅަނދު ބަލާފާސްކޮށްފައިވޭ." ޝަތީހް ވިދާޅުވި އެެ.

އޭނާ ވިދާޅުވީ ރިލްވާންއަށް ފަރާލަމުން ދިޔައީ ސ.ހުޅުދޫ އަތިޔާގެ މުހައްމަދު ސުއައިދު ނަމަކަށް ކިޔާ މީހެއް ކަމަށާއި އަދި އޭނާ މިހާރު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށެވެ.

"ކުރިން މިމައްސަލައިގެ ތަހްގީގަށް ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފައިވޭ. ނަމަވެސް ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައި. ސުއައިދު ކުރިން ހައްޔަރުކުރި، އޭނާ ވެސް އެފަސް މީހުންގެ ތެރޭގައި ހިމެނޭ. އޭނާވެސް ދޫކޮށްލީ ކޯޓުން، މި މައްސަލާގައި ކާރުގެ ވެރިޔާ އާލިފު ހައްޔަރުކޮށްފައެއް ނުވޭ. ނަމަވެސް އާލިފްއާ ސުވާލު ކުރެވިފައިވޭ. އަނެއް ހަތަރު މީހުންގެ ފަރާތުން ތަހްގީގަށް އެއްބާރުލުން ލިބުނެކޭ ނުދެންނެވޭނެ." ޝަތީހް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ ރިލްވާން ގެއްލުނު ރޭގެ ސީސީޓީވީ ފުޓޭޖްތަކެއް ވެސް އާންމުކޮށްފަ އެވެ. އަދި ފްޓޭޖްތަކުން ފެންނަނީ ފުލުހުން އެބުނާ ސުއައިދު ނަމަކަށް ކިޔާ މީހެއް ރިލްވާންގެ ހަރަކާތްތައް ބަލަމުން އޭނައަށް ފާރަލަމުންދާ ތަނެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް މިވަނީ 603 ދުވަސް ވެފަ އެވެ. ރިލްވާނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި އެއްވެސް މީހަކު ނެތެވެ.