އިނގިރޭސި ކްލަބު ޗެލްސީއާއެކު އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށް ކާމިޔާބު ހޯދިދާނެ ކަމަށް އެކްލަބުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ލަމްޕާޑް މީޑިޔާއަށް މައުލޫމާތު ދެމުން ބުނީ ޗެލްސީގެ ކޯޗުކަމުގެ ވަޒީފާއަކީ އުނދަގޫ ވަޒީފާއެއް ކަމަށާއި އެކަމަކު އެކްލަބާ ކޮންޓޭ ހަވާލުވާނަމަ ކާމިޔާބީ ހޯދިދާނެ ކަމަށެވެ.

މި ސީޒަނުގައި ޗެލްސީގެ ފަރާތުން އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކްލަބުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރިއިރު، އެޓީމުގެ ވަގުތީ ކޯޗިކަމާ މިހާރު ހަވާލުވެހުރީ ކޯޗު ގޫސް ހިޑިންކް އެވެ.

ޕްރިމިއާ ލީގުގައި ބާކީ 7 މެޗު ޗެލްސީއަށް އޮތްއިރު، އެކްލަބު އޮތީ ލީގުގެ 9 ވަނައިގައެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗު ކޮންޓޭ ހޯދުމަށް ޗެލްސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި އަހަރުގެ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، އިޓަލީ ގައުމީ ޓީމު ދޫކޮށްލުމަށް ވެސް ކޮންޓޭ ވަނީ ނިންމާފައެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ 2014 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ކޮންޓޭ ވަނީ ޔުވެންޓަސްއަށް ވިދިވިދިގެން ތިން ފަހަރު އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދީފައެވެ.