މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ އައު އެއްބަސްވުން، ޕެރިސް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ޕެރިސް އެގްރިމެންޓަށް ރާއްޖެއިން އަމަލުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވީ މާޗު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޕެރިސް އެގްރިމެންޓަށް ރާއްޖެއިން އަމަލުކުރުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕެރިސް އެގްރިމެންޓުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށާއި އެއްބަސްވުމަށް އަމުލުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދަވަން ހުށަހަޅުއްވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ބައިވެރިވުމަށް އެންވަޔަރުމަންޓް މިނިސްޓްރީން ތައްޔާރުކުރި ކަރުދާހުގެ ކޮޕީވެސް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މި މައްސަލަ ދިރާސާކުރުމަށް ފޮނުވުމުން އެއްބަސްވުމުގައި ބައިވެރިވުމަށް ނިންމީ ކޮމިޓީގެ އިއްތިފާގުންނެވެ.

ކޮމިޓީން ވަނީ މައިގަނޑު ނުވަ ކަމަކަށް ރިއާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ޕެރިސް އެގްރިމެންޓަށް އަމަލީ ސިފަ އަންނާނީ ޔޫއެންއެފްސީސީގެ ބައިވެރިންގެ ތެރެއިން މަދުވެގެން 55 ބައިވެރިން އެއްބަސްވުން ތަސްދީގުކުރުމާއެކު، މުޅި ދުނިޔެއިން ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ހިއްސާކުރާ މިންވަރަށް އެއްބަސްވުމުގައި ބައިވެރިން ހިމެނިގެންކަން ފާހަގަކޮށްފައެވެ.

ޕެރިސް އެގްރިމެންޓް އެކުލަވާލުމުގެ މަރުހަލާގައި ހިނގާދިޔަ ހުރިހާ މަޝްވަރާއެއްގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވެ އިސް ދައުރެއް އަދާކޮށްފައި ވުމާއި، އެއްބަސްވުން ރާއްޖެއިން ތަސްދީގުކުރުމާ ގުޅިގެން އެކަމުގެ ސީދާ އަސަރެއް ބަޖެޓަށް ނުފޯރާނެކަން ކޮމިޓީން ފާހަގަކޮށްފައި ވެއެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ސަރުކާރުން ރާވާފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ތަފާތު އެހީތައް ލިބުމުގައި އިތުރަށް މަގުފަހިވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައަށް ބަންޑާރަ ނާއިބުގެ ލަފާ ހޯދާފައިވާ ކަމަށާއި މި އެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށް ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވާ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.

ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު އެ މަޖިލީހުން ނިންމާގޮތުގެ މަތީން ކަމަށެވެ.