ޕާޓްނާޝިޕް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ޕާޓްނާޝިޕް ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

ޕާޓްނާޝިޕް ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ލިމިޑެޓް ލައިބިލިޓީސް ނުވަތަ ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު އިނގެން އޮންނަ ޕާޓްނާޝިޕް ކުންފުނިތަކަށް ފަންޑު ހޯދުމަށް ފަސޭހަވާ ގޮތަށެވެ. އަދި ކުންފުންޏެއްގެ ޕާޓްނަރުންނަށް ގިނަވެގެން ތިބެވޭނީ 20 މީހުންނަށް ކަމަށް ޕާޓްނާޝިޕް ގާނޫނުގައި ކުރިން ބުނެފައިވީ ނަމަވެސް ގަނޫނު މިހާރު އިސްލާހުކޮށްފައިވާ ގޮތުން ޕާޓްނާޝިޕެއްގައި ގިނަވެގެން ހިމެނޭނެ މެމްބަރުންގެ އަދަދު ކަނޑައެޅުން ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ހިމަނަން ވަނީ ފުރުސަތު ދީފަ އެވެ. މީގެ އިތުރުން ކޮންމެ ޕާޓްނާޝިޕް ކުންފުންޏެއްގައި މެނޭޖިން ޕާޓްނަރެއް ހުރުމަށާއި އަދި އެ މީހަކީ އާންމު ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.