ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރައްވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅިގެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

މި ބިލަކީ ޓްރާންސްޕޯޓް އޮތޯރިޓީގައި ޚިދުމަތް ދޭ ފަރާތްތަކުގެ ބާރުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅައިދޭ ބިލެކެވެ. މި ބިލުން ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ކަންތައް މިހާރަށް ވުރެ ހަރުދަނާ ނިޒާމަކުން ހިންގައި ބެލެހެއްޓުމަށް ވަކި އިދާރާއެއް އުފެދޭނެއެވެ.

ބިލުގެ މައިގަނޑު ބޭނުމަކީ ޓްރާންސްޕޯޓް އޮތޯރިޓީން ކުރާ ކަންތައް ގާނޫނެއްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖެއްސުމެވެ. އެ އޮތޯރިޓީ ހިންގާ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނީ ޑިރެކްޓަރ ޖެނެރަލެވެ. އަދި އޮތޯރިޓީ ހިނގާނީ މިނިވަން ބޯޑެއްގެ ލަފާގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.

ގާނޫނު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާތާ 30 ދުވަހުގެ ތެރޭގައި ބޯޑަށް ހަތް މެމްބަރުން އައްޔަން ކުރަން ޖެހެއެވެ.

ރައީސް އޮފީހުން ބުނީ މި ބިލު ގާނޫނަކަށް ވެފައިވާތީ ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓޭނެ ކަމަށެވެ.