މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލާގައި މުއައްސަސާތަކުގެ ބަސްމަގާއި އަމަލުތައް ހުރި ގޮތުން މިނިވަން ތަހުގީގެއް ކުރިއަށް ގެންދަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓްތަކެއްގައި މިއަދު ބުނެފައިވަނީ ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލާގައި މުއައްސަސާތަކުގެ ބަސްމަގާއި އަމަލުތައް ހުރިގޮތުން ސުވާލު އުފެދޭ ސީރިއަސް އެތައް ކަމެއް އެބަހުރި ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ރިލްވާން މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފިލައިގެން ދިއުމުގައި ބާރުވެރި ބައެއްގެ މަދަދު ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ވަކި ބައެއްގެ ނަން ފާހަަގަކޮށްފައެއް ނުވެ އެވެ.

ރިލްވާން ގެއްލުނު ރޭ އޭނާއަށް ފާރަލީ މީހާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނީ ރިލްވާން މައްސަލައިގެ ސީރިއަސް ކަން އެތައް ގުނައެއް އިތުރުވެފައިވާ މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނައަށް ފާރަލާފައިވާތީ ރިލްވާންގެ މައްސަލައަކީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަަމެއް ކަމަށެވެ.

ފުލުހުންގެ ފަރާތުންނަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލާގައި ބަލާ ފާސްކޮށްފައިވާ ކާރަކީ ހ. ހިލްޓަން އާލިފް ރައުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ކާރެއް ކަމަށެވެ. އަދި ރިލްވާން ގެއްލުނު ރޭ މާލޭގައި ރިލްވާން ސައިކަލް ދުއްވި އިރު، އޭނަގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވާ ކަމަށް ތަހުގީގަށް މިހާރު އެނގިފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

"ރިލްވާން ގެއްލުނު ރޭ މާލޭގައި އޭނަ ސައިކަލް ދުއްވި އިރު، ފަސް ފަހަތުން އޭނާގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވޭ. ރިލްވާން ފަހަތުން އެރޭ އޭނާ ފަސް ފަހަތުން ބަޔަކު އުޅުނުކަން ސީސީޓީވީ ފްޓޭޖްތަކުން އިނގޭ. ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ ކަމަށް ބުނެ އަދި މީހަކު ހަޅޭލަވާކަމަށް ބުނެ ބަޔަކު ރިޕޯޓްކުރި، ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކާރެއް ނެތް، ފަހުން ވަނީ އެ ކާރު ބަލާ ފާސްކޮށްފައި، ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް، މިހާރު ކާރު ދުއްވަނީ މާލޭގައި" ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިލްވާން މިހާރު ދިރިހުރިކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ބުނަން ނޭނގޭ ކަމަށާއި ރިލްވާން ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް ދައްކަން ފޭކް ޕާސްޕޯޓެއް ހެދުމަށްވެސް ބަޔަކު މަސައްކަތްކުރި ކަމަށާއި އެމައްސަލަވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލުަމުން އަންނަ ކަމަށެވެ. އަދި މައްސަލާގައި ބަލައި ފާސްކުރި ކާރު ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އެ ޑީއެންއޭ ލިބިފައިވަނީ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަަމަށްވެސް ވިދާޅުވި އެވެ.