ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރައްވައި، ސަރުކާރުން ޢައްޔަންކުރައްވާ ގަވަރނިންގ ބޯޑެއްގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލް ހިނގަމުންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދުން ފެށިގެން ހަމަޖައްސަވަފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިއަދު އެކަން ހާމަކުރައްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުންޏާއި ހަވާލްކުރުމުން އެތަނަށް ބޮޑު ބަދަލެއް ގެނެސް ހިދުމަތްތައް ތަރައްގީކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހާއްސަކޮށް ހުޅުމާލޭ ހޮސްޕިޓަލަކީ ރާއްޖެ ބައްޔަށް ފަރުވާދޭ ވަރަށް ހާއްސަ ތަަނަކަށް ވާނެކަމަށާ އަދި މުހިއްމު ބަލިތަކުގައި ސްޕަ ސްޕެޝަލިސްޓުންގެ ހިދުމަތްތައް ދެވޭ ހޮސްޕިޓަލަކަށް އެތަން ވާނެކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

އަދި ކަރުން މަތީގެ ބަލިތަކާއި ކަށީގެ އޮޕަރޭޝަންތަކާއި ކެންސަރުގެ އޮޕަރޭޝަންތަކަށްފަހު ދޭ ކީމޯ ތެރަޕީގެ ހިދުމަތް ދިނުމަށް މަަސައްކަތް ކުރާނެކަމަށްވެސް އާސަންދަ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުންޏާއި ހަވާލުކުރަން ނިންމީ ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ އާސަންދަ ކުންފުންޏާއި ހުޅުމާލެ ހޮސްޕިޓަލްގެ ހިންގުން ހަވާލްކުރިއިރު އަލްޓްރާ ސައުންޑް ސްކޭން ކުރުމުގެ ހިދުމަތާއި އެހެނިހެން ގިނަ ޓެސްޓުތައްވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުން ހެދޭނެ ކަމަށެވެ.

އަދި މުހިއްމު ބަލިތަކުގައި ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތްތަކާއި ކަށީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތްވެސް ހުޅުމާލެ ހޮސްޕިޓަލުން މިހާރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު 30،000 މީހުން ދިރިއުޅޭ އިރު ހުޅުމާލެ ހޮސްޕިޓަލުން އެކަށީގެންވާ ގޮތަކަށް ހިދުމަތް ދެވެމުން ނުދާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.