މިނިވަން ނޫސްވެރިކަމަށް ގޮވާލާ ރާއްޖޭގެ ނޫސްވެރިން ރައީސް އޮފީސް ދޮށުގައި މިއަދުކުރި އިހުތިޖާޖުގައި ބައެއް ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިން ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފައިވަނީ ނޫސްވެރިން ހައްޔަރުކުރި ސަބަބު ބަޔާންކޮށް ގާނޫނީ ވަކީލުންނަށް ދީފައިވާ ލިޔުމުގައެވެ.

ވަކީލުންނަށް ފުލުހުން ދީފައިވާ ލިޔުމުގައި ބުނެފައިވަނީ ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ނޫސް، ހަވީރު ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެންނާއި، ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާއާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާއްމުކޮށްފައި ނުވާ ކަމަށް ބުނެ ނޫސްވެރިން މިއަދު އިހްތިޖާޖްކުރުމުން އެކި އިދާރާތަކަށް ނިސްބަތްވާ 16 ނޫސްވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މިވަގުތު ހުއްޓާލާފައިވާ ހަވީރު ނޫހުގެ 7 ނޫސްވެރިއަކާއި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިއެއްގެ އިތުރަށް ސަންގު ޓީވީގެ ދެ ނޫސްވެރިއަކާއި، އިންޑިޕެންޑެންޓް ނޫހުގެ 4 ނޫސްވެރިއެއްގެ އިތުރަށް ވީ އޮންލައިންގެ ނޫސްވެރިއެކެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު މުޒާހަރާ ފެށީ 11 ޖަހާ އެހާކަންހާއިރުއެވެ.