ކުދި ކުށްތައް ކުރާ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހެދުމަށްޓަކައި އެފަދަ ކުށްތަކުގައި ޕްރޮސެކިއުޓް ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިކަން އިއުލާންކުރެއްވީ ފުލުހުންގެ 83 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ކުދި ކުށްތައް ކުރާ ފަރާތްތަކަށް ޕްރޮސެކިއުޓު ކުރުމުގެ ބާރު އަންނަ އަހަރުގެ ތެރޭގައި ފުލުހުންނަށް ލިބޭނެ ކަމަށެވެ. މިކަން ކުރަން ފަށާނީ ޕްރޮސެކިއުޓާ ޖެނަރަލްއާއި އެޓާނީ ޖެނަރަލްގެ މަޝްވަރާގެ މަތިން ކަމަށްވެސް ވިދާޅުވި އެވެ.

"މީގެ 40 ހަކަށް އަހަރު ކުރިއަށް ބަލާނަމަ މީހަކު ކުޑަ ކުށެއް ކުރުމުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެ މީހަކަށް އިއްވާ ހުކުމެއް އިއްވާނެ ދައުލަތުން. އަދި ހަމަ އިއްވަނީވެސް ކޯޓަކުން. އެކަމު މިހާރަށް ބަލާއިރު ބައެއް ހުކުމްތައް ވަރަށް ދިގުލައިގެންދޭ،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދި ކުށްތައް ކުރާ ފަރާތްތަކަށް އަވަހަށް އިންސާފު ނުލިބުމުން އެތައް އަހަރެއް ވަންދެން އެމީހަކު ހުންނަންޖެހޭ އަދަބު ލިބޭނެ ވަގުތު ނޭނގި ބިރެއްގެ މަތީގައި ކަމަށެވެ. އެގޮތަށް ކަންކަން ދިމާވުމުން އެމީހާއަށް ކުށަށް އަރައިގަތުމަށް ފުރުސަތު ލިބޭ ކަމަށްވެސް ވިދާޅުވި އެވެ.

"މި ނިޒާމް ގާއިމްވުމުން ކުރިން އަހަރުތަކެއް ނަގައިގެން އަމުރު އަންނަ މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި އަދުލް އިންސާފު ގާއިމްކުރެވޭނެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ނިޒާމެއް. މިކަމުން ބޮޑެތި ފައިދާތަކެއްވެސް ލިބޭ،" އުމަރު ވިދާޅުވި އެވެ.