މިއަހަރު ރާއްޖޭގައި އަސްކަރީ ކޯޓެއް ގާއިމުކޮށް ރާއްޖޭގައި ހެދުމަށް ނިންމާފައިވާ އާބިޓްރޭޝަން ސެންޓަރުގައި ގިނަ ބަޔަކަށް ގަބޫލުކުރެވޭ ފެންވަރުގެ ބޭރުގެ ފަނޑިޔާރުން ވެސް ތިއްބަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ފުލުހުންގެ 83 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ތެރޭގައި އުފެދޭ މައްސަލަތަކުގައި ކަންކަން ނިންމުމަށް އަސްކަރީ ކޯޓެއް ރާއްޖޭގައިވެސް ހުންނަންޖެހޭ ކަމަށެވެ. އެގޮތުން އެފަދަ ކޯޓެއް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ގާއިމުކުރާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަސްކަރީ ކޯޓް ހެދުމާއި ބެހޭ ގާނޫނު މިހާރު ޑްރާފްޓް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ހެދުމަށް ނިންމާފައިވާ އާބިޓްރޭޝަން ސެންޓަރާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މިފަދަ ސެންޓަރެއް ރާއްޖޭގައި ހަދަނީ ރާއްޖޭގައި މިހާރު ހިންގަމުން ގެންދާ މަދަނީ ކޯޓުތައް ގޯސްވެގެން ނޫން ކަމަށެވެ. ނަމަވެސް ރާއްޖެއަށް އިގްތިސޯދީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ހިނގަމުންދާ ވަގުތެއްގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖޭގައި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރެވޭނެ އަދި ވިޔަފާރިއާ ސީދާ ގުޅޭ ކޯޓެއް ހުންނަންޖެހޭ ކަމަށާއި އާބިޓްރޭޝަން ސެންޓަރެއް ގާއިމުކުރަނީ އެ ސަބަބަށްޓަކައި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާބިޓްރޭޝަން ސެންޓަރު ގާއިމުކުރުމަށް ސިންގަޕޫރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. އަދި މި ސެންޓަރުގައި ރާއްޖޭގެ އިތުރުން ގިނަ ބަޔަކަށް ބަލައިގަނެވޭ ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ފަނޑިޔާރުކަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ސިންގަޕޫރުގެ ލީ ކުއާން ޔުނިވަސިޓީއާއި އެތަނުގެ ފަންނީ ބޭފުޅުންނާ ގުޅިގެންވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާ އެކަމާ ގުޅޭ ގައުމީ ޕްލޭނެއް އެކުލަވާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ދާއިރާ ހަރުދަނާކޮށް ރަނގަޅުކުރުމަށްވެސް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވިދާޅުވީ އެކަމާ ގުޅޭ ބޭރުގެ ފަންނީ މާހިރަކު ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގައި އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ބޭފުޅަކު މަސައްކަތް ކުރައްވާނީ ބަންޑާރަނައިބްގެ އޮފީހުގައި ކަމަށާއި މިމަސައްކަތުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިހާރު ހުރި ގާނޫނުތައް އިސްލާހު ކުރަންޖެހޭ ކަމަށްވާނަމަ އެކަން ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފުލުހުންނަށް އިލްތިމާސް ކުރައްވާ ވިދާޅުވީ ފުލުހުންގެ މަސައްކަތް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްދޭއިރު އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާ ގޮތަށް ހަމަހަމަ ކަމާއި އެކު ހިދުމަތް ދިނުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.