އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.

އިތުބާރު ހުރި ބައެއް ފަރާތްތަކުން މިކަން ވީނިއުސް އަށް ޔަގީންކޮށްދެއްވި ނަމަވެސް ޔުމްނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށް ބޮޑުބޭބެ ވިދާޅުވާ ޔުމްނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެނގިފައިވެ އެވެ.

ޔުމްނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވީނިއުސް އަށް އެނގިފައެއް ނުވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ޔުމްނާ އައްޔަންކުރެއްވީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ޔުމްނާ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ރައީސް މައުމޫންގެ އަނެއް ދަރިކަނބަލުން ދުންޔާ މައުމޫން ހުންނެވީ އަދިވެސް ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ރައީސް މައުމޫންގެ ފިރިހެން ދެ ބޭފުޅުން ކަމުގައިވާ ގައްސާން މައުމޫން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވިއިރު ފާރިޝް މައުމޫނަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރެވެ.