ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ހަދަމުންދާ ލިންކް ރޯޑްގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލުމަށްފަހު ބޭނުން ކުރަން ފެށޭނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށްފަހު އިތުރު ސުވާލު ކުރެއްވުމަށް މެންބަރުންނަށް ދެއްވި ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މުއިއްޒު ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ހަދަމުންދާ ލިންކް ރޯޑް ނުވަަތަ ލާމް ލިންކް ރޯޑްގެ މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެތީވެ އެކަމުގެ އުފަލުގައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވާ އެ މަގު އޮގަސްޓް މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެެވެ.

ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގައި 171.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ލާމް ލިންކް ހެދުމުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ލ. ފޮނަދޫ އާއި އެއާޕޯޓް ހިންގާ ކައްދޫ އާއި މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަން ގުޅުވާލެވޭ ގޮތަށް ހަދާ މި މަގުގެ ދިނުމުގައި 15.1 ކިލޯމީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހުޅުލެއާ މާލެ ގުޅާލުމަށް ހަދަމުންދާ ބްރިޖްގެ މަސައްކަތް ޑިޒައިން ކޮށްފައިވާ ޗައިނާގެ ސީސީސީ ހައިވޭ އިން ޑިޒައިން ކޮށްފައިވާ މި މަގު ހަދަނީ އެކްސިޑެންޓްތައް ހިނގުން ވީހާވެސް މަދުވާނެ ގޮތްތަކަށް ބަލައިގެން ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓަރު އިތުރަށް ވިދާޅުވީ މަގު ހެދުމަށް މިއަހަރު ބަޖެޓް ކުރެވިފައިވާ ރަށްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ށ. ފުނަދޫ، ދ. ކުޑަހުވަދޫ، ތ. ވިލުފުށި، ގދ. ތިނަދޫ، ހއ. ދިއްދޫ، ލ. ފޮނަދޫ ލިންކް ރޯޑާއި ފޮނަދޫގެ ބައެއް އެހެން މަގުތަކާއި، ގއ. ވިލިނގިލި، ރ. މީދޫ، ރ. އުގޫފާރު، އދ. މަހިބަދޫ، ބ. އޭދަފުށި އަދި ސ. ހުޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް އެކި މަރުހަލާ ތަކުގައި ހިނގަމުންދާ ކަމަށެވެ. އަދި މަގު ހެދުމުގެ ދެވަނަ މަޝްރޫއުގައި ހިމެނޭ ރަށްތަކުގެ ތެރޭގައި ނ. މަނަދޫ ބަނދަރު މަތި މަގާއި، ފުވައްމުލަކުގެ މަގުތަކާއި، މާލޭ ސްޓްރޯންގް ވޯޓާ ފޭސް ވަން، މާލޭ ސްޓްރޯންގް ވޯޓާ ފޭސް ޓޫގެ އިތުރުން މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއު ވެސް ހިމެނޭ ކަމަށެވެ.

އުތުރުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގެ މަގުތައް 2017 ވަނަ އަހަރުގެ މެއި މަހުގެ ހިސާބުގައި ނިންމާލެވޭނެ ކަމުގައިވެސް މިނިސްޓަރު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެންމެ ދެކުނުގައިވާ އައްޑޫ ސިޓީއާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫގައި ވަރަށް އަވަހަށް 150 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށާނެ ކަމަށާއި އަދި އައްޑޫގެ ހުރިހާ ރަށެއްގެ ހުރިހާ މަގެއްވެސް ހެދުމަށް ިނިންމާފައިވާ ކަމަށެވެ.