އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމުގައި ލެސްޓާ ސިޓީއިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.

ލެސްޓާ ސިޓީއިން ހަތް ޕޮއިންޓުގެ ލީޑެއް ނެގީ ރޭ ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކޮށެވެ.

ލެސްޓާގެ އަމިއްލަ ދަނޑު، ކިންގު ޕަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ 38 ވަނަ މިނެޓުގައި އިނގިރޭސި ޑިފެންޑަރު، ވެސް މޯގަން އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއް ވަނައިގައި ކުޅުނު 32 މެޗުން ލެސްޓާއަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް 32 މެޗުން 62 ޕޮއިންޓު ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އާސެނަލަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.