މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރަން ހަ ބޭފުޅަކަށް ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މިހާރުގެ ރައީސް ހ. ރީތިގަސްދޮށުގެ މުހައްމަދު ޝަހީބް އަށާއި ވީމީޑީއާ ގުރޫޕްގައި މަސައްކަތް ކޮށްފައިވާ ޅ. ހިންނަވަރު، ފަހަލަ އިސްމާއިލް ސޮފްވާނާއި ކ. ދިއްފުށީ ހުވަނދުމާގޭ ފާތިމަތު ޒައިނާ އާއި ގދ. ގައްދޫ އަތިރީގޭ ޒީނާ ޒާހިރުގެ އިތުރުން ވ. ވެރޯނިކާ ހަސަން ނަބާހް އާއި ގ. ގޮފި، އާމިނަތު ސަރާހަތު އިއްޒަތަށެވެ.

ޝަހީބަށް ތާއީދުކޮށް 55 މެންބަރުން ވޯޓް ދެއްވާފައިވާއިރު އޭނާއާ ދެކޮޅަށް ހަތް މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވާ ތިން މެންބަރުން އިންނެވި އެވެ. ޒީނާ އަށް ތާއީދުކޮށް 50 މެންބަރުން ވޯޓް ދެއްވާފައިވާއިރު އޭނާއާ ދެކޮޅަށް 10 މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވާ ހަ މެންބަރުން އިންނެވި އެވެ. ސަރާހަތަށް ތާއީދުކޮށް 58 މެންބަރުން ވޯޓް ދެއްވާފައިވާއިރު އޭނާއާ ދެކޮޅަށް ތިން މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވާ ތިން މެންބަރުން އިންނެވި އެވެ. ޒީނާއަށް ތާއީދުކޮށް 53 މެންބަރުން ވޯޓް ދެއްވާފައިވާއިރު އޭނާއާ ދެކޮޅަށް 10 މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރުން އިންނެވި އެވެ. ސޮފްވާނަށް ތާއީދުކޮށް 54 މެންބަރުން ވޯޓް ދެއްވާފައިވާއިރު އޭނާއާ ދެކޮޅަށް ތިން މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވާ އަށް މެންބަރުން އިންނެވި އެވެ. ނަބާހަށް ތާއީދުކޮށް 55 މެންބަރުން ވޯޓް ދެއްވާފައިވާއިރު އޭނާއާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން މިއަދު މަޖިލީހުން ރުހުން ދިން ހަ ބޭފުޅުންނަކީ އެ ކޮމިޝަނަށް އައްޔަންކުރަން ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ހަ ނަމެވެ.

މި ހަ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ނަން ވެސް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި އެވެ. އަދި މިމައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހުރިހާ ބޭފުޅުންނާ އިންޓަވިއުކުރުމުން އެންމެ މަތިން މާކްސް ހޯއްދެވީ މީޑިއާ ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ ގ. ހިލްމަން މަރިޔަމް ވަހީދާ އެވެ. މިއަދު އެންމެ ފުރަތަމަ ވޯޓަށް އެހީވެސް މަރީގެ ނަމަށެވެ. އެކަމަކު މަޖިލީހުގެ ގިނަ މެންބަރުން ވޯޓް ދެއްވީ މަރީއާ ދެކޮޅަށް ކަމަށް ވާތީ ކޮމިޝަނަށް އައްޔަންކުރަން މަރީގެ ނަން ފާސްވާ ގޮތް ވަނީ ނުވެފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަންގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ މަގާމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާތީ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.