ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގައި ދެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލުން ތިއްބަވާ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ހުށަހެޅު އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއިސްލާހު ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މިއިސްލާހު ފާސްވީ 50 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 18 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލް ހުށަހެޅުއްވީ ވިލިގިނލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނު މިހާރު އޮންނަ ގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނަވަނީ އެންމެ ބޭފުޅެކެވެ.

މިވަގުތު އެ މަގާމުގައި ހުންނެވީ މަހްމޫދު ސަލީމް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން އެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް އަކީ ޕްރޮސެކިއުޓާ ޖެނަރަލް ނެތް ހާލަތުގައި އެ މަގާމުގެ ޒިންމާ އަދާކުރައްވަން ހުންނަވާ ފަރާތެވެ.

މީގެ ކުރިން ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުން މުހުތާޒު މުހުސިން ވަކިކުރެއްވުމާއި ގުޅިގެން އެވަގުތު ތިއްބެވި ޑެޕިއުޓީ ޕީޖީން ވަނީ ވަގުތީ ގޮތުން ޕީޖީގެ މަގާމު އަދާކުރައްވާފަ އެވެ.

ޕީޖީ ކަމުން މުއިއްޒު އިސްތިއުފާ ދެއްވުމުން އޭރު ޑެޕިއުޓީ ޕީޖީ އަކަށް ހުންނެވި ހުސައިން ޝަމީމް ދުވަސް ކޮޅަކު މަގާމުގައި ހުންނެވުމަށްފަހު ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވަނީސް މަގާމުން އިސްތިއުފާ ދެއްވުމުން ޖިނާއީ މައްސަލަތަކަށް ދުވަސްކޮޅަކު ހުއްޓުމެއް އައެވެ. ނަމަވެސް ޑެޕިއުޓީ ޕީޖީއަކު ނެތަސް ޕީޖީ އޮފީހުގައި އެންމެ އިސްކޮށް ހުރި ބޭފުޅެއްގެ ބެލުމުގެ ދަށުން ޖިނާއީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.