މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ އާ އެއްބަސްވުން، ޕެރިސް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއެއްބަސްވުމުގައި ބައިވެރިވުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލީ މި އެއްބަސްވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ތާއީދުކުރައްވާ 67 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. މި އެއްބަސްވުމުގައި ބައިވެރިވުމާ ދެކޮޅަށް އެއް މެންބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ.

މިމައްސަލަ ދިރާސާކުރި ގައުމީ ސަލަމަތުގެ ކޮމިޓީގައި ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވެސް ނިންމާފައިވަނީ ޕެރިސް އެއްބަސްވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށެވެ. ކޮމިޓީއަށް މިމައްސަލަ ފޮނުވީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ކޮމިޓީގައި މިމައްސަލާގައި ވަނީ މައިގަނޑު ނުވަ ކަމަކަށް ރިއާޔަތްކޮށްފަ އެވެ. އޭގެ ތެރޭގައި ޕެރިސް އެގްރިމެންޓަށް އަމަލީ ސިފަ އަންނާނީ ޔޫއެންއެފްސީސީގެ ބައިވެރިންގެ ތެރެއިން މަދުވެގެން 55 ބައިވެރިން އެއްބަސްވުން ތަސްދީގުކުރުމާއެކު، މުޅި ދުނިޔެއިން ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ހިއްސާކުރާ މިންވަރަށް އެއްބަސްވުމުގައި ބައިވެރިން ހިމެނިގެންކަން ފާހަގަކޮށްފައިވެ އެވެ.

ޕެރިސް އެގްރިމެންޓް އެކުލަވާލުމުގެ މަރުހަލާގައި ހިނގާދިޔަ ހުރިހާ މަޝްވަރާއެއްގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވެ އިސް ދައުރެއް އަދާކޮށްފައި ވުމާއި، އެއްބަސްވުން ރާއްޖެއިން ތަސްދީގުކުރުމާ ގުޅިގެން އެކަމުގެ ސީދާ އަސަރެއް ބަޖެޓަށް ނުފޯރާނެކަން ކޮމިޓީން ފާހަގަކޮށްފައިވެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ސަރުކާރުން ރާވާފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ތަފާތު އެހީތައް ލިބުމުގައި އިތުރަށް މަގުފަހިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލައަށް ބަންޑާރަނާއިބުގެ ލަފާ ހޯދާފައިވާ ކަމަށާއި މި އެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށް ބަންޑާރަނާއިބު ލަފާ ދެއްވާފައިވާ ކަމަށް ވެސް ކޮމިޓީން ދިރާސާކުރި މައްސަލާގައިވެ އެވެ.

ޕެރިސް އެގްރިމެންޓަށް ރާއްޖެއިން އަމަލުކުރުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕެރިސް އެގްރިމެންޓުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށާއި އެއްބަސްވުމަށް އަމުލުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދަވަން ހުށަހަޅުއްވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ބައިވެރިވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ތައްޔާރުކުރި ކަރުދާހުގެ ކޮޕީވެސް މަޖިލީހަށް ވަނީ ހުށަހަޅުއްވާފަ އެވެ.

ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު އެ މަޖިލީހުން ނިންމާގޮތުގެ މަތީން ކަމަށެވެ.