އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިބައްދަލުވުން ސިއްރުކުރަން ޕީޕީއެމްގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ހުށަހެޅުއްވުމުން ޕީޕީއެމްގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ތާއީދުކުރެއްވި ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ ކޮމިޓީގެ މުގައްރިރު ވަނީ ކޮމިޓީ ސިއްރުކޮށްފަ އެވެ.

މި ދެ ބޭފުޅުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމީ މިދިޔަ ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ކޮމިޓީގެ ސަމާލުކަމަށް ގެނައި މައްސަލައަކާއި ގުޅިގެންނެވެ.

ޣަފޫރު ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތް ކުރަންވާނީ އަދި އެމަސައްކަތް ނިމުމަށްފަހު އެ ނިޒާމު ބަލަހައްޓަން ވާނީ އެކަން ކުރަން އިނގޭ ވަރުގެ ކުންފުންޏަކުން ކަމަށެވެ. މިހާރު އެކަން ކުރެވޭ ގޮތް ރަނގަޅު ނޫން ކަން ފާހަގަކުރައްވާ ޣަފޫރު ވަނީ އެފަަދަ ކުންފުންޏެއް އުފެއްދުމަށްވެސް އެދިވަޑައިގެންފަ އެވެ.

ކޮމިޓީގައި ހިމެނޭ ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވެސް ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތް މިހާރު ކުރާ ކުންފުނިތަކުން އެކަން ކުރަނީ އެ މަސައްކަތް ކުރެވޭނެ އަސްލު އަގުތަކަށް ވުރެ މާބޮޑު ކޮށް ކަމަށެވެ.

މިބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރުމަށް 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން އެމަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރިއަށް ގެންދަން އެއްބަސްވެފަ އެވެ.