ރާއްޖޭގެ ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.

ސްވަޔާ މިހެން ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

ސްވަޔާ ވިދާޅުވީ އިއްޔެ މުޒާހަރާގެ ތެރެއިން 16 ނޫސްވެރިޔަކު ހައްޔަރުކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ސްވަޔާ އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ހައްޔަރުކުރި ނޫސްވެރިން ފުލުހުންގެ ބަންދުގައި 10 ވަރަކަށް ގަޑިއިރު ބޭތިއްބުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. އަދި ނޫސްވެރިން ދޫކުރީ މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރުމަށްފަހު އެވެ.