ފބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން ބޭނުންވާނަމަ މީހުންތަކެއް ހައްޔަރުކުރުމުގެ ބަދަލުގައި އެކަމާ ގުޅުންހުރި ގަވައިދުތައް އިސްލާހު ކުރަންޖެހޭ ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ފަރާތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިހެން ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ބާޒާރުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކޮށް ކޮމިޓީގެ މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ނަވާޒް ވިދާޅުވީ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަކީ ފުލުހުން ވެސް އިސްކަންދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަަމެއް ކަމަށެވެ. ނަމަވެސް މިމައްސަލައިގެ ގޮތުން މައްސަލަ ހައްލުކުރެވޭނީ ފަހަރެއްގައިވެސް ބަޔަކު ހައްޔަރުކޮށް އަދަބު ދީގެން ކަަމަށް ގަބޫލުނުކުރެއްވޭ ކަަމަށްވެސް ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ ޑޮލަރު އަގު ބޮޑުކޮށް ގަންނަން ޖެހެނީ ހަަމަ އަގުގައި ޑޮލަރު ގަންނަން ނުލިބުމުން ކަމަށް ފާހަގަވާ ކަމަށެވެ. އެހެންކަމުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ ހާލަތުގައިވެސް ގަންނަނީ އެ މުއާމަލާތުގައި އުޅޭ ދެ ފަރާތުން ކަންތައްތަކަށް އެއްބަސްވެގެން ކަަމަށްވާތީ އެފަދަ ހާލަތުގައި ގިނަ ފަހަރު އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރަނި 1987 ވަަނަ އަހަރު 10 ނުކުތާ ހިމަނައިގެން ދެ ގަނޑުގެ މައްޗަށް ހަދާފައިވާ ގަވައިދެއްގެ ދަށުން ކަމަށެވެ. ނަމަވެސް މި ގަވައިދު ހެދިތާ އެތައް އަހަރެއް ފާއިތުވެ އަދި އެތައް ކަމެއް ބަދަލުވެގެން ގޮސްފައިވާއިރު ކަމާ ގުޅުންހުރި ފަރާތްތަކުން މަޝްވަރާކޮށްގެން ގާނޫނީ އޮނިގަނޑު އިސްލާހު ހަރުދަނާ ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ހަމަ އެކަނި ފުލުހުން މަސައްކަތް ކޮށްގެން މިކަން ހައްލުވާނެ ކަަމަކަށް. އެހެންކަމުން މި ގަވައިދުތަކަށް ބަދަލުތަކެއް އަންނަން އެބަޖެހޭ. އެކަން ރެގިއުލޭޓް ކުރާ ފަރާތްތަކުން ކުރަންވެސް އެބަޖެހޭ،" ނަވާޒް ވިދާޅުވި އެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ބޮޑު ބޭރު ފައިސާ މުއާމަލާތް ކުރުމުގައި ހަމަޖައްސާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކައިގެން 2012 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ އެންމެ ތިން މައްސަލަ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި 2011 ވަަނަ އަހަރު މީހަކު 10،000 ރުފިޔާ އިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީއަށް މީގެ ކުރިން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ހާޒިރުކޮށް ޑޮލަރުގެ މައްސަލައާއި ގުޅޭގޮތުން އެކަމަނާއާ ވެސް ވަނީ ސުވާލުކުރައްވާފަ އެވެ.