އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން އެމެރިކާ ސަފީރާއި މަޝްވަރާ ކުރައްވާފައި ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމުގައި ރައީސް އޮފީހުން ބުނެ އެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަރިހުގައި ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، މަންޕްރީތް ސިން އާނަންދް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.