އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ގޭބަންދަށް ބަދަލުކުރި މަސައްކަތް ފަށައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.

އުމަރު ވިދާޅުވީ ޝައިހް އިމްރާން އާއި ތޮލްހަތު ގޭބަންދަށް ވަގުތީ ގޮތުން ބަދަލުކުރަނީ އައްސޭރި ޖަލުގައި މި ދެ ބޭފުޅުންނާއި އެހެންވެސް ސިޔާސީ ބޭފުޅުން ތިއްބަވާ ހާއްސަ ޖަލު ގޮޅި މަރާމާތަށް ބަންދުކުރާތީ ކަމަށެވެ. އަދި މި ދެ ބޭފުޅުން ގެއަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް މިހާރު އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސް އިން ވެސް މިއަދު ބުނީ މި ދެ ބޭފުޅުން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ގެއަށް ބަދަލުކުރަނީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ބުނެފައެއް ނުވެ އެވެ.