ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސްމާޓް ހޯމްގެ ހިދުމަތް ޕެކޭޖެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރާގުން ތައާރަފް ކޮށްފި އެވެ.

ދިރާގުން މިއަދު ތައާރަފްކުރި ހިދުމަތާ އެކު ގޭތެރޭގައި ބޭނުންކުރާ ތަފާތު އިލެކްޓްރޯނިކް ވަސީލަތްތައް ކޮންޓްރޯލް ކުރުމުގެ ބާރު ފޯނު ނުވަތަ ސްމާޓް ޑިވައިސްއެއް ބޭނުންކޮށްގެން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ހިދުމަތަކީ ޗައިނާގެ ބްރޯޑްލިންކާއި ދިރާގު ގުޅިގެން ދޭ ހިދުމަތެކެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ މެނޭޖަރު މުހައްމަދު ފާރިހު ވިދާޅުވީ އަތުގައި އޮންނަ ފޯނަށް އެޕްލިކޭޝަނެއް އެޅުމުން ކޮންމެ ތަނެއްގައި ހުރިނަމަވެސް އިންޓަނެޓް މެދުވެރިކޮށް، އެ ގެއެއްގެ އޭސީ ނުވަތަ ލައިޓުތައް ނުވަތަ ޓީވީ ފަދަ ވަސީލަތްތައް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

"މިއީ ކުޑަ ހަރަދަކުން އާދައިގެ ގެއެއް ސްމާޓް ކޮށްލެވޭ ޚިދުމަތެއް،" ފާރިހް ވިދާޅުވި އެވެ.

ދިރާގުން މިއަދު ތައާރަފުކުރި "ސްމާޓް ހޯމް" ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ ސްމާޓް ހޯމް ބްރޯންޒް، ސްމާޓް ހޯމް ސިލްވަ، ސްމާޓް ހޯމް ގޯލްޑް، ސްމާޓް ހޯމް ޕްލެޓިނަމް އަދި ސްމާޓް ހޯމް ސެކިއުރިޓީ އެވެ.

މި ޕެކޭޖުތަކަށް ހަމަސް ދުވަހާއި 12 މަސް ދުވަސް އަދި 18 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށް ދިރާގުން ބުނެ އެވެ.