ހުޅުލެއާ މާލެއާއި ދެމެދު ބްރިޖު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައި އޮތް އުރީދޫ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އެހެން ދިމާލަކަށް ބަދަލުކޮށްފި ކޮށްފި އެވެ.

އުރީދޫ އިން ބުނީ ސަބްމެރިން ކޭބަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަށް އެެއްވެސް ބުރުލެއް ނާރާ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށްފަހު ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އެދުމަކަށް އުރީދޫގެ ސަބްމެރިން ކޭބަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އުރީދޫ އިން ފެށީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.

އުރީދޫ އިން މުޅި ރާއްޖޭގެ އުތުރުން ދެކުނަށް މުޅި ރާއްޖެ ގުޅާލެވޭ ގޮތަށް ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތް ކުރާއިރު މިމަސައްކަތް ނިމުމުން އެކުންފުނިން ދޭ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރާ ސްޕީޑް ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ރާއްޖޭގައި އިންޓަނެޓް ސާވިސް ޕްރޮވައިޑަ އެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ލައިސަންސް މިހާރު ލިބިފައިވާއިރު އެކުންފުނިން ބުނީ ކައިރި މުސްތަގްބަލެއްގެ ތެރޭގައި ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.