(4 އެޕްރިލް 2016 އާ ގުޅޭ)

ތަހުސީނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ސުފިޔާނުގެ ވާހަކަތަކުން ލިބިގެން ދިޔައެވެ. މިއަދު އީތަންއަށް ވިސްނިއްޖެކަމުގައި އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. ސުފިޔާނުގައި ކޮނޑުގައި އަތްބާއްވާލުމާއެކު ތަހުސީނު އޭނާއަށް އީތަން އެނގޭ ގޮތް ސުފިޔާނަށް އޮޅުން ފިލުވައިދިނެވެ.

ސުފިޔާނު ހީކުރި ވަރަށްވުރެ ތަހުސީނުވީ ވިސްނުންތެރި މީހަކަށެވެ. އޭނާ ސުފިޔާނުގެ އެދުމުގައި ކޮޅުފައިން ނުޖެހިއެވެ. ތަހުސީނު ހަމައެކަނި ބޭނުންވީ ކަމަކީ އީތަންއަށް ކުރެވުނު ކުށް ވިސްނި ޒިންމާތައް ނެގުމަށް އެނބުރި އައުމެވެ. އީތަންއަކީ ރަނގަޅު ޒުވާނެއްކަން ތަހުސީނަށް މީގެ ކުރިން ވެސް އެނގޭކަމުގައި ބުނެލިއެވެ. ޝައުންއާ ދެމީހުން ފެންނައިރު އަބަދުވެސް އީތަންގެ އެ ހުންނަ ހަރުދަނާ ގޮތް ތަހުސީނަށް ކަމުދާކަމުގައި އޭނާ ބުންޏެވެ. ސުފިޔާނާއި ތަހުސީނުގެ ޚިޔާލު ވެސް ހުރީ އެއްމަންޒިލަކަށް ވާސިލުވުމަށެވެ. ދެ މީހުން ވެސް ބޭނުންވަނީ އީތަން އާއި ޒޫރިން ގުޅުމެވެ. ޒޫރިން ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް އެ ހިތުގައި އީތަންއަށްޓަކައި ލޯބިވާކަމުގައި ތަހުސީނު ޤަބޫލުކުރެއެވެ. އޭނާ އެކަން ސުފިޔާނަށް ހާމަކުރިއެވެ. ނަމަވެސް އެކަކު ވެސް ޒޫރިންއަށް މަޖުބޫރުކުރާކަށް ބޭނުމެއްނުވެއެވެ. ޒޫރިންއަށް އައި ބަދަލުތަކުގެ ވާހަކަ އިވިފައި އެކަމާ ސުފިޔާނު އިންތިހާއަށް ދެރަވިއެވެ. ތަހުސީނުގެ ގާތުން އަލުން މާފަށް އެދެވުނެވެ.

ޒޫރިންއާ ބައްދަލުނުވެ އެނބުރި ގެއަށް އަންނަންޖެހުމުން އެކަމާ އެންމެ ހިތްނުތަނަވަސްވީ އީތަންއެވެ. ގެއަށް އައިގޮތަށް އައިސް އީތަން ވަނީ އޭނާގެ ކޮޓަރިއަށެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނީ ތަހުސީނާއި ރޭޝްމާ ދެއްކި ވާހަކަތަކާ މެދު ވިސްނާށެވެ. ޒޫރިންއާ ބައްދަލުނުވާއިރު އޭނާ ބޭނުންވަނީ ކޮންގޮތެއްކަމެއް އެނގޭނީ ކިހިނެއްހެއްޔެވެ. އީތަން ބޭނުންވަނީ ޒޫރިންއާ ބައްދަލުކުރާށެވެ. ޒޫރިން ބަލިވެ އުޅުންކަން އެނގުމުން އީތަންގެ ހިތަށް ތަދުވިއެވެ. ޒޫރިންގެ ގާތުގައި ހުރުމަށް އޭނާ އެދެއެވެ. ހިތަށްލިބެމުންދިޔަ ނުތަނަވަސްކަން އިތުރުވުމާއެކު މުއްކަވާލި އަތުން އަނެއްއަތްތިލާގައި އީތަން ޖަހާލަމުން ޗުސް ކަނޑާލިއެވެ.

އީތަންގެ ޢާއިލާ ދިއުމުން ތަހުސީނާއި ރޭޝްމާ އެތައް އިރަކު ވާހަކަދެއްކިއެވެ. ސުފިޔާނުގެ ޚިޔާލަށް ތާޢިދުކުރާކަން ތަހުސީނު ހާމަކުރިއެވެ. އީތަންގެ ޢާއިލާއަކީ ރަނގަޅު ޢާއިލާއެއްކަމުގައި ރޭޝްމާ ވެސް ޤަބޫލުކުރިއެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކައެއް ޒޫރިންއާ ދެއްކުމުން ވާނޭ ގޮތަކާ މެދު އޭނާ ކަންބޮޑުވެއެވެ. ތަހުސީނު ބޭނުންވީ ޒޫރިންއާ އެ ވާހަކަދެއްކުމަށެވެ. އަންހެންދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ދިއުމުގެ ބަދަލުގައި އެ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބުމަކީ އޭނާ އެދޭގޮތެވެ. މުޅި އުމުރު ކައިވެންޏެއް ނުކޮށް ހުރުމަށްވުރެ އީތަންއަކީ ޒޫރިންއަށް އެންމެ އެކަށޭނެ ޒުވާނާކަމުގައި ތަހުސީނު ޤަބޫލުކުރެއެވެ. އަލުން ޒޫރިންއަށް ހަމަޖެހުމެއް ލިބޭނީ ވެސް އޭރުންނެވެ.

"މިރޭ އެ ސޮރު ނިންދަވާފައި ރީން ނުކުތީމާ ތި ވާހަކަދައްކާނަން" ރޭޝްމާ ބުނެލިއެވެ.

"ރީން ހިތްހަމަނުޖެހުނަސް އަހަރުމެން އެބަޖެހޭ އޭނާއަށް ވިސްނައިދޭން ވެސް" ތަހުސީނު ބުނެލިއެވެ.

ދަރިފުޅުގެ ލޯބި ހީނލުމުން ޒޫރިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދެއެވެ. އަދި އަލުން އެ ލޯބިލޯބި ހީނލުން އަޑުއަހާލުމަށް ދަރިފުޅުގެ ބަނޑުގައި ކޮއްޓާލައެވެ. ކުޑަކުޑަ ޝަމްޢާނަށް އޭނާގެ މަންމަގެ އަޑުވަކިވެއެވެ. އަޑުލައްވާލާއި ބައެއްފަހަރު އަތްތަޅުވައިލައެވެ. އުރާލާށޭ ބުނާ ކަހަލައެވެ. ޒޫރިން ގުދުވެލާފައި ދަރިފުޅުގެ މޫނުގައި ބޮސްދީފައި ތެދުވެލުމުން އަދިވަކިން ފޯރިދައްކާލައެވެ.

"ހާދަހާ ސަކަރާތްބޮޑުކޮށްލައިގެން" ޒޫރިންގެ ކޮޓަރިތެރެއަށް ވަދެގެން އައި ރޭޝްމާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. އަދި ޒޫރިންގެ ގާތުގައި ހުއްޓިލަމުން އެނދުގައި އޮތް ޝަމްއާނާ ތޮޅިލިއެވެ.

"އިރުކޮޅަކުން ގައިދޮށްވާލާފައި ނިދަން ބާއްވަންވީ" ޒޫރިން ބުނެލިއެވެ.

"މަންމައަށް މައްސަލައެއްނެތް. އެކަމަކު ރީން މިރޭ ވާނެ ތަންކޮޅެއް ރަނގަޅަށް ކާން. ހުންގަނޑު ވިހެލީ ހުސް ދިޔާތަކެތި ބޮއެގެން. ހަރު އެއްޗެއް ކެއީމާ ގައިގާ ވަރުޖެހޭނީ. އެހެންނޫނަސް މިރެއަށް މަންމަ ހުންނާނެ ފްރައިޑް ރައިސް ހަދާފައި. ރަނގަޅަށް ނުކައިފިއްޔާ ޝަމްޢާނަށް ކާންދޭހެން ރީންއަށް ވެސް ކާންދޭނީ... ދޯ މާމަގެ ދޮންކޮޅޫ... މަންމައަށް ވެސް ކާންދޭން މިޖެހެނީ ދޮންކޮޅުއަށް ކާންދޭން ގޮތަށޭ... ދޯ.... ދޯ ދޫނީ" ރޭޝްމާގެ އަޑަށް ޝަމްޢާނު ހަތަރެސްފައި ތަޅުވައިގަތުމުން ރޭޝްމާގެ ސަމާލުކަން މާމަދަރިފުޅަށް ހުއްޓާލިއެވެ.

"މާމަގެ ބަސްއަހައިގެން އޮވެބަލަ. ބަލާބަލަ މާމަގެ އަޑުއިވުނީމާ ތެޅިފޮޅޭވަރު..." ޒޫރިންއަށް ވެސް ދަރިފުޅުގެ ހަރަކާތްތަކުން މަޖާވިއެވެ.

ޝަމްޢާނަށް ގާތުންދީފައި އެކުއްޖާ ގޮވައިގެން އައިސް އުނދޯލިގޮނޑީގައި ބާއްވާފައި ޒޫރިން ކާމޭޒުދޮށުގައި އިށީނެވެ. އޭރު ތަހުސީނާއި ރޭޝްމާ ވެސް ކާން އިށީނދެއްޖެއެވެ. ޒޫރިންގެ ހަމަޖެހުމާއި އޭނާގެ ވުޖޫދަށް އައިސްދާނޭ ބަދަލަކާމެދު ތަހުސީނު ވިސްނަން އިން ކަހަލައެވެ. އީތަންގެ ޢާއިލާ އެގެއަށް އައިކަން އެނގުމުން ޒޫރިން ކަންތައްކުރާނޭ ގޮތެއް ހަމަ އެއްގޮތަކަށް ވެސް އެނގެނީއެއްނޫނެވެ. ދަރިފުޅުގެ ޒަހަމްވެފައިވާ ހިތުގެ ފާރުތައް ފަސޭހަކުރުމުގެ ބަދަލުގައި އަލުން ލޭކޮށާލެވިދާނޭތީވެ އެކަމާ ތަހުސީނު ނުހަނު ކަންބޮޑުވެއެވެ. އެހެންނަމަވެސް އޭނާގެ ނިންމުމުގައި އޭނާ ދެމިހުއްޓެވެ.

ރޭގަނޑުގެ ކެއުމަށްފަހު މޭޒުމަތީގައި އަތުރާފައިވާ ތަށިތައް ނަގާ ބަދިގެ ފަރާތް ހަމައަކަށް އަޅުވާފައި ރޭޝްމާ ހިނގައިގަތީ ޒޫރިންގެ ކޮޓަރިއަށް ދިއުމަށެވެ. އޭނާ ސިޑިން އަރައިގެން އައިސް ޒޫރިންގެ ކޮޓަރިއަށް ވަންއިރު ދަރިފުޅު ފެންވަރުވަން ތައްޔާރުކޮށްލައިގެން އިނެވެ. ރޭޝްމާ ވަދެފައި ޝަމްޢާނު އުރާލައިގެން ފާޚާނާއަށް ވަނެވެ. އޭނާގެ ފަހަތުން ޒޫރިން ވެސް ވަނެވެ. ދަރިފުޅު ފެންވަރުވާތަން ބަލަން އޭނާ ހުއްޓެވެ. އަދި ފެންވަރުވާ ނިމުމުން އޭނާގެ އަތުގައި އޮތް ކުޑަ ތުވާލިކޮޅު ފަތުރާލާފައި ރޭޝްމާގެ އަތުން ޝަމްޢާނު ނަގާ އެކުއްޖާގެ ވަށައިގެން ތުވާލި އޮޅާލިއެވެ.

"ރީން... ދަރިފުޅު އުފަލުންތަ ތިހުންނަނީ" ޒޫރިން ރީތިކޮށްލާފައި އޮތް ޝަމްޢާނު ކުޑައެނދަށްލާފައި ހިންދެމިލި ވަގުތު ރޭޝްމާ އަހާލިއެވެ. އެ ހުރިހާ އިރު ޒޫރިންގެ ހަރަކާތްތަކަށް ރޭޝްމާ ބަލަން އިން ކަހަލައެވެ.

"ކީއްވެގެން މަންމަ ތިހެން ތިބުނީ" ޒޫރިން ހައިރާންވިއެވެ.

"ހިނގާބަލަ ބޭރަށް. މަންމަ ދަރިފުޅުގެ ގާތުގައި ދައްކަންވެފައި ހުރި ވާހަކަތަކެއް އެބަހުރި. މިތަނުގައި ތިބެ ވާހަކަދައްކަންޏާ އަހަރުމެންގެ އަޑަށް ޝަމްމު ނުނިދާނެ" ރޭޝްމާ ބުނެލިއެވެ. ޝަމްޢާނު ނިންދަވަން މީހަކު މާބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. ރޭގަނޑަށް ބުއްދީފައި ފެންވަރުވާލާފައި ގެނެސް އެނދަށް ލުމުން އެކުއްޖާ އަމިއްލައަށް ނިދާނެއެވެ. ޒޫރިން ކޮޓަރީގެ އަލި ފަނޑުކޮށްލާފައި ދޮރު ލައްޕާލާފައި ރޭޝްމާއާއެކު ނުކުތީ ބޭބީ މޮނީޓަރ ހިފައިގެންނެވެ.

ޓެރެސްގައި ހުރި ސަރަންފީގައި ހަށިގަނޑު ދަމާލައިގެން ތަހުސީނު އިނެވެ. އެތަނަށް ޒޫރިން ގޮވައިގެން ރޭޝްމާ ނުކުތެވެ. އަދި ގޮނޑިތައް ކައިރިކޮށްލާފައި ޒޫރިންއަށް އިށީނުމަށް ބުނެފައި އޭނާ ވެސް އިށީނެވެ.

"ރީން، މިއަދު މިގެއަށް އީތަން އާއި އޭނާގެ ޢާއިލާ މީހުން އައި" ރޭޝްމާ ހިމޭންވެފައި އިރުކޮޅަކު އިނުމުން އޭނާއަށް ބަލާލާފައި ތަހުސީނު ބުނެލިއެވެ. ދުރުދުރުން ވާހަކަފެށުމުގެ ބަދަލުގައި ސީދާ ބުނަން ބޭނުންވާ ކަންތައް ތަހުސީނު ހާމަކުރީއެވެ. އެހިނދު ޒޫރިންގެ ލޮލުން ފާޅުވެގެން ދިޔަ ހައިރާންކަން އޭނާ ފޮރުވާލީ އިސްޖަހާލައިގެންނެވެ.

"އީތަންގެ މައިންބަފައިންގެ ގާތުގައި ރީންގެ ވާހަކަ އޭނާ ބުނެފި. އަދި އެމީހުންގެ ގާތުގައި އީތަން ވަނީ ބުނެފައި ރީންއާ ނޫން މީހަކާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަންކަމުގައި. ރީންއަށް ލިބުނު ދަރިއަކީ އޭނާގެ ވެސް ދަރިއެއްކަމުގައި ޤަބޫލުކުރާކަން. އެހެންވެ އީތަން ބޭނުންވަނީ ރީންއާ ކައިވެނިކުރަން.... އީތަންގެ ޢާއިލާއިން ވެސް ދަރިފުޅު ބަލައިގަންނަން އެމީހުން ތިބީ ތައްޔާރަށް. އީތަންއަށް ކަންތައްކުރެވުނު ގޮތާއިމެދު އޭނާ ހުރީ ވަރަށް ދެރަވެފައި... މިހާރު ދަރިފުޅެކޭ އޭނާއެކޭ ތަފާތެއްނެތް. ތި ދެ ކުދިންނަށް ބަލާލި ނަމަވެސް ބައްޕައަށް ސިފަވަނީ އެއްހާލެއްގައި އެއްކަހަލަ ވޭންތަކެއް އުފުލަމުންދާ ދެ ޒުވާނުންގެ ގޮތުގައި. ދަރިފުޅު ބޭނުންވެގެން އީތަން ރޮނީ.... މިކޮޅުން އީތަން ކަންތައްކުރި ގޮތާއިމެދު ދަރިފުޅު ކަރުނައަޅަނީ... ތިޔައިގެ ދެ ކުދިންނަށް އެކަކު އަނެކަކާ ވަކިން އުޅެވިދާނޭހެން ހީވަނީތަ؟..."

"ބައްޕަ އަޅުގަނޑުގެ ޚިޔާލެއް ނުހޯދާ ހުރިހާ ކަމެއް ނިންމީތަ؟ އެހެންވެއްޖެއްޔާ ތި ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ؟" ޒޫރިން ކުއްލިއަކަށް ތެދުވިއެވެ.

"ނޫން! ނޫން! ފަހަރެއްގައި ވެސް އަދި ގޮތެއް ނުނިންމަން. ބައްޕަ އާއި މަންމަ ވެސް ގޮތް ނިންމުމަށް ދޫކޮށްލީ ރީންގެ އަތްމައްޗަށް. އީތަންއާ ގުޅެން ނިންމާނީ ވެސް ދަރިފުޅު އަދި އެކަމުން މަނާވެ ގަންނާނީ ވެސް ދަރިފުޅު. ކޮންމެ ގޮތެއް ވެސް ބައްޕަމެން ޤަބޫލުކުރާނަން. އެކަމަކު ދަރިފުޅު ހިތާމަކުރާތަން ދުށުމަކަށް އެއްގޮތަކަށް ވެސް ބޭނުމެއްނޫން. ދިރުމެނެތް ފަދައިން ދިރިއުޅުން ވެއަތުކުރާކަށް ބައްޕައަކަށް ހުއްދައެއްނުދެވޭނެ... ކޮންދުވަހަކުތަ ދަރިފުޅު އަމިއްލަ ލޯގަނޑުން ތި ސޫރަ ދުށީ. ކުރިން ފެނުނު ރީން އަލުން ދެކެން ބައްޕަމެން ބޭނުން"

ތަހުސީނުގެ ވާހަކަތައް އަޑުއަހަން ހުރެފައި ޒޫރިން އައިސް ޓެރެސްގެ ވަށައިގެންވާ ފާރުގައި ހަރުކޮށްފައިވާ ހޮޅީގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ދުރަށް ނަޒަރު ހިންގާލިއެވެ. އީތަން އޭނާގެ ޢާއިލާ ގޮވައިގެން އެގެއަށް އައިސްދާނޭ ކަމަށް ޒޫރިންއަށް ކުޑަކޮށް ވެސް ހީވެފައެއްނެތެވެ. އީތަންގެ ވާހަކަތަކަށް އިތުބާރުކުރަން އޭނާ ފަސްޖެހެނީ އެހިތަށް ލިބިފައިވާ ހިތްދަތިކަމާއި ބަރުދާސްކުރަން ދަތިވެފައިވާ ވޭނުގެ ސަބަބުންނެވެ. ފިރުމާލާފައި ހަމަ އެ ދެއަތުން ޒޫރިންގެ ހިތް ދެފަޅިއަށް އިރާލާފައި ހިނގައިދާނޭކަމަށް ހީވަނީއެވެ. މިހާތަނަށް އީތަންގެ ފަރާތުން ޒޫރިންއަށް ފެނުނީ ވެސް އެފަދަ ޝުއޫރެކެވެ. ލޯބިވެވުނީ ހަމައެކަނި ޒޫރިންއަށެވެ. އެ ލޯބީގެ ފައިދާ ނެގީ އީތަންއެވެ. އެހެންނަމަވެސް އެ ޚިޔާލުތަކުން ޒޫރިންއަށް ހަމަޖެހުމެއްނުލިބެއެވެ. ރުޅި އަންނަން މަސައްކަތްކުރި ނަމަވެސް ރުޅީގެ ބަދަލުގައި އެހިތަށް ކުރާ އަސަރު މާ ބޮޑެވެ. ހިތުގައި އުދާސްތައް ބޭރުވެގެންދަނީ އޭނާގެ ދެ ލޮލުންނެވެ. އަމިއްލަ ހިތުގެ އަޑުއެހުމުގެ ބަދަލުގައި ސިކުނޑިއަށް އެއްބާރުލުން ދިނެވެ.

ރޭޝްމާ އައިސް މަޑުމަޑުން ޒޫރިންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެއާއެކު ނިކަން އަވަހަށް ޒޫރިން އޭނާގެ ދެ ލޯ ފުހެލިތަން ރޭޝްމާއަށް ފެނުނެވެ.

"ދަރިފުޅު ތި ހިތާމަ ކިހާ ދުވަހަކު ކުރާނަންތަ؟ މިއަދު ޝަމްޢާނަށް ވެސް ރަނގަޅުވާނީ އީތަންއާ ދަރިފުޅު ކައިވެނި ކުރީމަ. އެ ދަރިފުޅު ބޮޑުވެގެން ރީންއާ ސުވާލުކުރާނެ، އެ ދުވަހުން ޖަވާބުދޭން ވެސް ފަސޭހަވާނީ އޭރުން.... މަންމަ ހީކުރީ ދަރިފުޅު ވެސް ބޭނުންވަނީ އީތަންއަށް ވިސްނެންހެން. އަދި އެނބުރި ދަރިފުޅުގެ ގާތަށް އަންނަންކަމަށް... ބައެއް ދުވަސްދަވަހު ހަވީރަށް މަންމަ ދުށީމު އީތަން މިގޭ ދޮށުގައި އައިސް އިންނަންތަން. އޭނާ އިރުއޮއްސި އަނދިރިވަންދެން މިގޭ މަގުގެ އަނެއްފަރާތުގައި ސައިކަލުމަތީ އިށީނދެގެން އިނދޭ.... މިގެއަށް ވަނުން މަނާކުރީތީވެ އޭނާއަށް ދަރިފުޅުގެ ގާތަށް ނާދެވިފައި ހުރީ. އެހެންނުނީ މަންމައަށް ޔަޤީން....." ރޭޝްމާގެ ވާހަކަތައް އިތުރަށް އަޑު ނާހަންވެގެން ޒޫރިން ދުއްވައިގަތެވެ.

"ރީން..." ތަހުސީނު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެހެންނަމަވެސް ހުއްޓުމެއްނެތި ޒޫރިން ދުވެފައި އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ހަޝަމްބަނދެލައިގެން ހުރިހެން ދެއަތް ހުރަސްކޮށްލައިގެން ހުރެ ކޮޓަރިތެރޭ ދެކޮޅަށް ޒޫރިން ހިނގިއެވެ. އޭނާގެ ސިކުނޑިއަށް ބާރުބޮޑުވުމުން ކަނާތުން ނިތްކުރިއާއެކު ބޮލުގައި ހިފަހައްޓާލިއެވެ. ނުރޯން މަސައްކަތް ކުރަމުން ދެބުމަ ގޮށްޖަހަމުން ދިޔަ ނަމަވެސް ދެލޮލުން ކަރުނައެއް ނުހިފޭއްޓުނެވެ. ކޯތާފަތުން ފައިބައިގެން ދިއުމުގެ ކުރިން ޒޫރިން ކަރުނަ ފުހެލައެވެ. އެތައް އިރަކު އޭނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އެންމެ ފަހުން އައިސް ކުޑަދޮރުގެ ފަރުދާ ކުޑަކޮށް އެއްފަރާތްކޮށްލުމާއެކު އެތަނުގައި މަޑުކޮށްލިއެވެ. ކުޑަދޮރުގެ ދާރާގައި ބޯޖައްސާލައިގެން ތުނިތުނި ލޭސް ފަރުދާގެ ތެރެއިން ފެންނަމުން ދިޔަ ޓެރެސްއަށް ޒޫރިންގެ ނަޒަރު ހުއްޓާލިއެވެ. އޭނާ ދެކޮޅަށް ހިނގާ ހިނގާ ވަރުބަލިވީ ކަންނޭނގެއެވެ. އަމިއްލަ ހިތުގެ ވަށައިގެން ރާނަމުން ދިޔަ ފާރު އުސްކުރަން އުޅެއުޅެ އެކަމެއް ވެސް ޒޫރިންއަކަށް ނުވިއެވެ. ސިކުނޑީގެ އެތައް ޚިޔާލަކާ އެ ހިތް ގޮންޖަހާލައެވެ. އެހިތާ އޭނާގެ ޟަމީރު އެއްބަސްވެއެވެ. ނަފްސު ބަލިކަށިވެގެން ދަނީ އެހެންވެއެވެ.

ތުނިފާރުދާގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ޒޫރިންގެ ކަންފަތުގައި އީތަންގެ ފިރިހެން ވަންތަ ހީނލުމުގެ އަޑު އައިސް ޖެހުނެވެ. އެހިނދު ދެ ލޯ މަޑުމަޑުން މެރިގެން ދިޔައެވެ. އެއާއެކު އޭނާގެ ޚިޔާލުގެ ލޯގަނޑުން ސިފަވެގެން ދިޔައީ ޓެރެސްގައި އިނދެފައި ގިޓާ ހިފައިގެން ފުންމައިގެން ތެދުވެ ފަހަތުގައި ހުރި މީހަކު ބެލުމަށް އެނބުރިލި ވަގުތު ކުރިމަތީ ހުއްޓިގެން ހުރި ފުރިހަމަ ޒުވާނާއެވެ. އެއީ ޒޫރިންއާއި އީތަންގެ ފުރަތަމަ ބައްދަލުވުމެވެ. ދެ ލޯ މަރާލައިގެން ހުރެ ވެސް އަމިއްލަ ހިތުގައި ޒޫރިންގެ އަތްތިލަ ޖައްސާލިއެވެ. އެހިނދު އަނެއްކާ ވެސް ލޯމަތިން ފަރުދާ ބަދަލުކޮށްލި ކަހަލައެވެ. އޭނާއަށް ދެން ފެނުނީ މިހާރު އޭނާ ހުއްޓިލައިގެން ހުރި ކުޑަދޮރުން ކޮޓަރިތެރެއަށް ޒޫރިން އާއި އީތަން ހެމުންހެމުން ފުންމާލިތަނެވެ. އަދި ޒޫރިން އައިސް އެނދުގައި އިށީނުމުން ކުޑަދޮރު ކައިރީ އީތަން މަޑުކޮށްލައިގެން ބަލަން ހުރި މަސްތީ ގޮތެވެ. ޒޫރިން ދެބުމަ ހިއްލާލާފައި އިޝާރާތެއްކޮށްލުމުން ލުއި ހީނލުމަކާއެކު އީތަން ދެ ފަރާތަށް ބޯހޫރާލިއެވެ. ޒޫރިން ތެދުވެގެން އައިސް އީތަންގެ ކުރިމަތީ ހުއްޓިލުމާއެކު އޭނާގެ ދެއަތުގައި ހިފާލަމުން އިހުނަށްވުރެ ގާތަށް ދަމާލާފައި އީތަން ވާހަކަދެއްކިއެވެ.

"ޤުދުރަތުގެ ރީތިކަން އެންމެ ދީލަތިކަމާއެކު ރީންއަށް ހަދިޔާކުރައްވާފައިވޭ... ރީތިރީތި ދެ ލޯ... އަހަރެންގެ ބުއްދި މޮޔަކޮށްލާހާ ލޫޅާފަތި ހަށިގަނޑެއް... ހުދުހުދު ދޮންކަމާއި އޮމާން ހަންގަނޑެއް... ވިއްސާރަވިލާގަނޑެއްހާ ކަޅު، ފިނި މޫސުމުގެ ރޭގަނޑެއްހާ ދިގު އިސްތަށިގަނޑެއް... ގަނޑުކޮށްލާ ފަދަ ސިހުރުވެރި މޫނެއް... އޮހިގެންދާ މާމުއިގެ ކަންވާރަކަށްވުރެ ފޮނި ތިޔަ ހުނުމުގެ އަޑު.... ހިތުގެ އެންމެ ފުނަށް އަސަރުކުރާ ވަރުގެ މިއުޒިކެއް ކުޅެލާ ކަހަލަ..."

ޒޫރިންގެ ދެއަތާއި ކޯތާފަތުގައި އީތަންގެ ބީހިލުން އިހުސާސްވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ޒޫރިންއަށް އޭނާގެ އަތް އެ ތަންތަނުގައި ހާކާލެވުނެވެ. އަދި ކޯތާފަތުގައި އަތްޖައްސާލައިގެން ހުރެ މަޑުމަޑުން ޒޫރިން ލޯ ހުޅުވާލީ އޭނާގެ ހުވަފެނީ ދުނިޔެއިން ނުކުންނަން ބޭނުންވެގެން ކަހަލައެވެ. މަޑުމަޑުން އައިސް ކޮޓަރީގައި ހުރި ރީތިވާ މޭޒުގެ ކުރިމަތީ ހުއްޓިލުމާއެކު ލޯގަނޑުން އޭނާގެ އަމިއްލަ ސޫރާ ބަލާލިއެވެ. މޫނުގައި ދެއަތްތިލަ ހިންގާލެވުނެވެ. ޒޫރިންއަށް ލިބިފައިވާ ރީތިރީތި ދެ ލޯ ކޮބާ ހެއްޔެވެ؟ ދެ ކޮލާ ނޭފަތުގެ ކޮޅަށް ލޭޖަމާވެ ޖަންބުކުލައެއް ނޭރިއެވެ. ހުޅި ޖަހާލާފައި އޮތް އިސްތަށިގަނޑު ނިއުޅާލުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ސޮހިގެންދިޔަ ފަށުވިކޮޅެއްހެން ފައިބައިގެން ދިޔައެވެ. ދެން ވެސް ޒޫރިންއަށް ލޯގަނޑުގެ ތެރެއިން އޭނާގެ އަމިއްލަ ނަފްސެއް ނުފެނުނެވެ. ވަޅުވަދެފައިވާ ދެ ލޮލާއި އަޑިވެފައިވާ ދެ ކޮލުގައި ފިރުމާލިއެވެ. މޭގައި ހިންގާލި އަތްތިލަ ގެނެސް އުނަގަނޑާ ހިސާބުގައި މަޑުކޮށްލިއެވެ. އެ އުނަގަނޑުގައި ހިފާ އީތަން އޭނާ އުރާލީ ކިތައް ރޭ ހެއްޔެވެ. ލޯގަނޑުގެ ކުރިމަތީ ހުރެ ޒޫރިން އޭނާ ލައިގެން ހުރި ދޫޓީޝާޓު ގަޔާ ވަކިކޮށްލިއެވެ. އެހިނދު ލޯގަނޑުން ފެނިގެން ދިޔަ ސޫރަ ދެކެ އޭނާ ވެސް ބިރުގަތެވެ. މޭކަށިގަނޑު ނުކުމެ ބަނޑު އެތެރެއަށް ވަދެފައި ވެއެވެ. އުނަގަނޑު ހިމަވެ ބިންދައިގެން ހިނގައިދާނޭ ހެން ހީވެއެވެ. އުކުޅުކަށިގަނޑު ވެސް ހުރީ ބޭރަށް ނުކުމެފައި ހުރި ހެންނެވެ. އުނުގައި ހަރުވާޅު ހަރުލާފައި ހުރީ ވާކޮޅަކުން އައްސާފައި އޮތީމައެވެ. ފަލަމަސްގަނޑުގައި މަހެއްނެތެވެ. ކުޑަކަޅުވާގެ އެއްވެސް ބައްޓަމެއްނެތެވެ. އޭނާގެ އެ ރީތި ލޫޅާފަތި ހަށިގަނޑު ކޮބައި ހެއްޔެވެ. ޒޫރިންއަށް އަމިއްލަ ސިފަ ފެންނަމުން ދިޔަ ވަރަކަށް އަނގައިން ނުކުންނަމުން ދިޔަ އާހުގެ އަޑު ގަދަވެ މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. މޫނުގައި ދެއަތް އެޅުމާއެކު ލޯގަނޑަށް ފުރަގަސްދެމުން ޒޫރިން އެނބުރިލިއެވެ. އަދި ހުރި ދިމާ ތިރިއަށް ކާޕެޓުމައްޗަށް ތިރިވެގެން ދިޔައީ އެއްވެސް ބާރެއް ނެތް ފަދައިންނެވެ. ތެދެކެވެ. އޭނާގެ އަމިއްލަ ނަފްސު ލޯގަނޑުން ނުދެކޭތާ ވީ ދުވަހެއް ވެސް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ސިފަ ހުތުރުވެއްޖެއެވެ. ޒުވާން އުމުރުގައި ވެސް މުސްކުޅިވެއްޖެ ކަހަލައެވެ. އޭނާގެ ރީތިކަން ގެންދިޔައީ އީތަންއެވެ. އަލުން އީތަން އަންނަން ގަސްތުކުރީ ކޯޗެއްގެ ބޭނުމުގައި ހެއްޔެވެ. ކާޕެޓުމަތީ އަރިއަކަށް އޮވެ މުއްކަވާލި އަތުން ޒޫރިން ތަޅައިގަތެވެ. އަމިއްލަ ހިތާ އޭނާ ސުވާލުކުރިއެވެ. މިއަދުގެ ރީތިކަން ގެއްލިއްޖެއެވެ. އީތަންއަށް އޭނާގެ އެ ސޫރައެއް ކަމަކު ނުދާނެއެވެ. އޭނާ ފަދަ ފުރިހަމަ ޒުވާނަކާ މިހާރު ޒޫރިން އެކަށީގެނެއްނުވެއެވެ. އޭނާ ޕަރީއެއްހާ ރީތި އިރުގައި އީތަންގެ ލޯބި ނުހޯދުނުއިރު މިހާރު އީތަން އޭނާދެކެ ލޯބިވާނީ ކިހިނެއްހެއްޔެވެ.

ރޭގަނޑުގެ ހަތަރުދަމު ހުސްވެގެން ދިޔައީ ރުއިމާއި ފިކުރު ކުރުމުގައެވެ. އަމިއްލަ ހިތާ ޝަކުވާތައް ކުރުމުގައެވެ. ޒޫރިންގެ ހިތްދަތިކަން މިހާރު އެވަނީ ބައްޔަކަށް ވާންފަށައިފއެވެ. ރަނގަޅަށް ނުނިދެއެވެ. ނުއެއް ކެވެއެވެ. ދިވާނާވެފައިވާ މޮޔައަކުހެން ޚިޔާލުތަކަށް ގެއްލިފައި ހުރެއެވެ. ދަރިފުޅު ފެނުމުން ވަކިން ހިތަށް އަސަރުކުރެއެވެ. އެއީ އީތަން ދެކެ އޭނާވީ ފުރިހަމަ ލޯތްބެވެ. އެއާއެކު ހަޔާތުގައި ކުރެވުނު އެންމެ ބޮޑު ފާފައެވެ.

ނިދިފައި އޮތް ޒޫރިންއަށް ހޭލެވުނީ މީހާ ތުރުތުރު އަޅާވަރުންނެވެ. ދެއަތުން ހަށިގަނޑު ވަށާލަން މަސައްކަތް ކުރަމުން ތެދުވެ ކާޕެޓުމަތީ އިށީނެވެ. އެހިނދު ފައިކައިރީގައި އޮތް ޒޫރިންގެ ޓީޝާޓު ފެނިގެން އަވަސް އަވަހަށް އެ ނަގާ ގަޔަށް ހެޔޮވަރުކޮށްލިއެވެ. ކުޑަދޮރުން ފަނޑުއަލިކަމެއް ފެންނަން ހުއްޓެވެ. އެހެންވެ ޒޫރިން ތެދުވެގެން އައިސް ކުޑަދޮރު ކައިރީ ހުއްޓި ބޭރު ބަލާލިއެވެ. އިރު އަރަނީއެވެ. ޒޫރިންގެ ނަފްސު ހޭލީ ދެނެވެ. ތެޅި ފޮޅިގެންފައި ލޭސްފަރުދާގެ ބޭރުން ހުރި ބޯ ފަރުދާ ދަމާލުމާއެކު ފާޚާނާއަށް އައިސް އޭނާ ވަނެވެ. (ނުނިމޭ)