ޑާކް ރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" ރޭ އޮލިމްޕަހުގައި އަޅުވައިފި އެވެ.

ވާށޭ މަށާ އެކީ އަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އަށްވަނަ ފިލްމެވެ.

މި ފިލްމްގެ ލީޑް ރޯލް ކުޅެފައިވަނީ ކުރިއަރަމުން އަންނަ ދެތަރިން ކަމުގައިވާ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ބޭރުގެ ދެ ބަތަލާއިންނާއި މަޝްހޫރު މިއުޒިކް ބޭންޑް ސްކޯސް އޮފް ފްލެއާޒްގެ ލަވަ ކިއުންތެރިޔާ ފުބޫ އާއި ކޮމޭޑިއަން އަހުމަދު ސުނީ އާއި ފައިސަލް ވެސް މި ފިލްމުން ފެނިގެންދެ އެވެ.

ކުޑަކުދިން ދެކެ އިންތިހާ އަށް ލޯބިވާ އަންބެކާއި ދަރިން ހޯދަން ފޫހިވާ ފިރިއެއްގެ ދެމެދު ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މަހުދީ އަހުމަދު ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ މި ފިލްމްގައި ހިމެނޭ ހަ ލަވައަކީ ވެސް އަމިއްލަ ރާގުގެ ލަވަތަކެކެވެ.

ހުޅުމާލެ، ވިލިމާލެ އަދި މާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމް ވަރަށް ރީތި ކަމަށް ބުނެ ރޭ ޝޯ ބެލި މީހުން ވަނީ ފިލްމަށް ތައުރީފް ކޮށްފަ އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓުން ބުނީ މި ފިލްމް ވަރަށް އަވަހަށް އަތޮޅު ތެރޭގައި އަޅުވަން ފަށާނެ ކަމަށެވެ.