ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗުގައި ބާސާގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އުރުގުއޭ ތަރި ލުއިސް ސުއަރޭޒެވެ. އަދި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އެތުލެޓިކޯ މެޑްރިޑުން ބާސާކޮޅަށް ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް އެވެ.

ރޭގެ މެޗުގައި ރަތް ކާދު ދެއްކީ ވެސް ޓޮރޭސްއަށެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މެޗުގެ 35 ވަނަ މިނެޓުގައި ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްއަށް ކުރި ފައުލަކާ ގުޅިގެން ނެވެ.

މީގެއިތުރުން ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ބެންފިކާ އަތުން ޖަރުމަނުގެ ބަޔާން މިއުނިކް މޮޅުވީ 1-0 ލަނޑުންނެވެ. ބަޔާންގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޗިލީ މިޑްފީލްޑަރު އާޓުރޯ ވިޑާލް އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ ދެ މެޗެއް މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީ ނުކުންނައިރު، ރެއާލް މެޑްރިޑް ނުކުންނާނީ ވޮލްފްސްބާގާ ދެކޮޅަށެވެ. މިދެ މެޗު ވެސް ފަށާނީ ރާއްޖެގަޑިން މިރޭ 11:45 ގައެވެ.