ހަތަރު އިންޗީގެ ޑިސްޕްލޭ ހިމެނޭ ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ފޯނުކަމަށްވާ އެޕަލް އައިފޯން އެސްއީ އުރީދޫ އިން ދިވެހިރާއްޖޭގައި މިއަދު ލޯންޗުކޮށްފި އެވެ.

އުރީދޫ އިން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އައިފޯން އެސްއީގެ ޕްރީ އޯޑަރ ނަގަން ފަށާފައިވާއިރު، މިއަދު އުރީދޫ އެކްސްޕީރިއަންސް ސެންޓަރގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެންމެ ފުރަތަމަ ޕްރީއޯޑަރ ކުރެއްވި ކަސްޓަމަރުންނަށް، އެބޭފުޅުންގެ އައިފޯން އެސްއީ ވަނީ ހަވާލުކޮށްފައެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަގްވާމީ މަރކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ ކުރިން ބައްލަވައިގަންނަން އަބަދުވެސް ޝައުގުވެރިވާ ބައެއް ކަމަށެވެ.

" އެހެންކަމުން، ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތައްއުރީދޫގެ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކާ، ފަސޭހަ، އަގުހެޔޮ، އަދި ފްލެކްސިބަލް ޕެކޭޖްތަކެއް ތައާރަފްކޮށްދިނުމަކީ، އަޅުގަނޑުމެންވަރަށް އަހަމިއްޔަތުކަން ދޭ ކަމެއް." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ސައިޒުން ކުޑަ ނަމަވެސް،ނުހަނު ބާރުގަދަ އައިފޯން އެސްއީ، އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ބައްލަވައިގަތުމަށް އެހީތެރިވެދޭޚާއްޞަ ޕެކޭޖް ތަކުގެ ތެރޭގައި، ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލްޕޭމަންޓް އޮފަރއެއްވަނީ ތައާރަފްކޮށްފައެވެ. މި އޮފަރ މެދުވެރިކޮށް ރާއްޖޭގެ މަރކެޓްގެ އެންމެ ހެޔޮއަގުތަކުގައި އައިފޯން އެސްއީ ބައްލަވައިގަނެވޭއިރު، އައިފޯން އެސްއީގެ 16 ޖީބީގެ ފޯން ލިބިވަޑައިގަންނަވާނީ އެންމެ 7،849 ރުފިޔާ އަށެވެ. ހަމައެއާއި އެކު، އައިފޯން އެސްއީގެ 64 ޖީބީގެ ފޯން ބައްލަވައިގަނެވޭނީ 9،699 ރުފިޔާ އަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނީ، އައިފޯން އެސްއީ ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް، 12 މަހަށް ބަހާލެވިފައިވާ ވަރަށް ފަސޭހަ އިންސްޓޯލްމަންޓް ޕެކޭޖެއްވެސް ވަނީ ތައާރަފްކޮށްފައި ކަމަށެވެ. އަދި 1،999 ރުފިޔާގެ ޑައުންޕޭމަންޓެއް ހިމެނޭ އިންސްޓޯލްމަންޓް ޕެކްތައް މެދުވެރިކޮށް، އައިފޯން އެސްއީގެ 16 ޖީބީގެ ފޯން މަހަކު 499 ރުފިޔާ އަށް ލިބިގެންދާއިރު، އެމޮޑެލްގެ 64 ޖީބީގެ ފޯނު ލިބޭނީ މަހަކު 649 ރުފިޔާ އަށް ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

ޕޯސްޓްޕެއިޑް 499، ފޯސްޓްޕެއިޑް 549، ޕޯސްޓްޕެއިޑް 749 އަދި ޕޯސްޓްޕެއިޑް 999 ޕެކޭޖްއާއި އެކު. އިންސްޓޯލްމަންޓް ޕްލޭންމެދުވެރިކޮށް، އައިފޯން އެސްއީ ބައްލަވައިގަންނަ ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް، އަދި 10 ޖީބީ އާއި ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން، ވަރަށް ފުރިހަމަ އައިޑީޑީ އޮފަރތަކެއްވެސް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.