(5 އެޕްރިލް 2016 އާ ގުޅޭ)

...ޒޫރިންގެ ނަފްސު ހޭލީ ދެނެވެ. ތެޅި ފޮޅިގެންފައި ލޭސްފަރުދާގެ ބޭރުން ހުރި ބޯ ފަރުދާ ދަމާލުމާއެކު ފާޚާނާއަށް އައިސް އޭނާ ވަނެވެ.

ފަތިސް ނަމާދުން ފައިބައިގެން އައިސް ގެއަށް ވަންއިރު ވެސް އީތަންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އޭނާ ކަމަކާ ދެރަވެފައި ހުރި ކަމުގެ އަސަރުތަކެވެ. އިރުއިރުކޮޅާ އީތަންގެ މޫނަށް ސުފިޔާނު ބަލާލައެވެ. ހިމޭންކަން ހިޔާރުކޮށްގެން ހުރި އީތަން ބަހެއް ވެސް ނުބުނެ ގޭތެރެއަށް ވަން ގޮތަށް ހިނގައިގަތީ އެތެރެއަށެވެ. ސުފިޔާނު ވެސް ދަރިފުޅު ހުއްޓުވުމުގެ ބަދަލުގައި އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ.

"މާމާ... އަޅުގަނޑު..." ކޮޓަރިން ނުކުންނަން ވެގެން ނަމާދު ދޮޅި ނަގާފައި ރާބިއާ އަޅަން ގެންގުޅޭ ދެމޭފޮތީގެ ބޮޑު ވަށްބުރުގާ މޫނަށް ހެޔޮވަރުކޮށްލި ތަނާހެން އީތަންގެ އަޑު އިވުނެވެ. އެނބުރި ބަލާލިއިރު ދޮރުހުޅުވާލައިގެން ރާބިއާއަށް ބަލަން އީތަން ހުއްޓެވެ.

"ކިހިނެއްވީ، ހާދަ ބޮޑަކަށް މާޔޫސްވެފައި ހުރިހެން ހީވެޔޭ. އާދެބަލަ އެތެރެއަށް" ރާބިއާ އެނދުމަތީ ހުރި އޭނާ ކިޔަވަން ގެންގުޅޭ ދުޢާއާއި ޒިކުރުފޮތްތައް ނަގައި އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބަހައްޓާލި ގޮތުން ހީވީ އީތަން އިށީނުމަށް ތަން ހަދާލި ހެންނެވެ. އެތެރެއަށް ވަދެގެން އައި އީތަން އިށީނުމުގެ ބަދަލުގައި ރާބިއާގެ ކުރިމަތީ ހުއްޓިލިއެވެ. އަދި ރާބިއާގެ ދެއަތުގައި ހިފާލިއެވެ.

"މާމާ، އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވަނީ... ލަސްކުރަނިކޮށް ހީވަނީ ރީން ބީވެގެން ހިނގައިދާނޭހެން. އަޅުގަނޑަށް ދުވަހަކު ވެސް ދެން ރީން ނުލިބޭނެޔޭ ހިތަށް އަރަނީ. މާމާ!... މާމަ ދާންވީނޫންތޯ ރީންއާ ބައްދަލުކުރަން. ޕްލީޒް މާމާ... ރީން ހިޔެއްނުވޭ އަޅުގަނޑާ ދުވަހަކު ވެސް ބައްދަލުކުރަން ބޭނުންވާނެ ހެނެއް"

"އީތަން. ދަރިފުޅުގެ ހިތުގައިވާ ލޯތްބާއި މެދު ތިހާ އިތުބާރު ކުޑަ ނުކުރޭ..."

"ލޯތްބަށް ތަންދޭ ވަރަށްވުރެ ބޮޑަށް އަޅުގަނޑަށްވަނީ ރީންގެ ހިތުގައި ޖެއްސިފައި. ވިސްނާ ވިސްނާ އަޅުގަނޑު މޮޔަވެދާނެ"

"ތިޔަކަހަލަ ވާހަކަ ނުދައްކަބަލަ. ރީންއާ ބައްދަލުވެއްޖެނަމަ މާމައަށް އޭނާގެ ހިތް ދެނެގަންނާކަށް އުނދަގުލެއްނުވާނެ، ދެރައީ އެގެއަށް ދިޔަ ފަހަރު ރީންއާ ބައްދަލުނުވެ އަންނަން ޖެހުނީމާ... ތިހާ ވަރަށް ފިކުރުނުކުރޭ... މާމަ ހިނގައިދާނަން ރީންއާ ބައްދަލުކުރަން..."

"މާމައަށް ނޫން މީހަކަށް އަޅުގަނޑުގެ ރީން ހޯދައެއް ނުދެވޭނެ... ކޮންއިރަކުންތޯ މާމަ އެގެއަށް ދުރުވާނީ" އީތަންގެ ކެތްތެރިކަން ކުޑަވެފައި ހުރިވަރު ފެނިފައި ރާބިއާ ހައިރާންވިއެވެ. އަނެއްކޮޅުން އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ހަޔާތުގެ ހިސާބަކުން އީތަންއާ ލޯބި ބައްދަލުކޮށްފިއެވެ. އެ ލޯބީގެ އަޅަކަށް އޭނާ އެވަނީ ވެފައެވެ. އަންހެންކުއްޖަކަށް ޓަކައި އޭނާ މިއަދު އެ ހުރީ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. ރާބިއާ އޭނާގެ މާމަ ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލަފައި ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

"ވީ އެންމެ އަވަހަކަށް މާމަ ދާނަން. އެންމެ ރަނގަޅެއްނު" ރާބިއާގެ ހިނިތުންވުމާއެކު އީތަން ފުންނޭވާއެއް ލަމުން ދެ ލޯ މަރާލާފައި ބޯޖަހާލިއެވެ.

"ދެން ހިނގާ މާމައާއެކު އެ ފަރާތަށް ދަމާ..." އީތަންގެ އަތުގައި ހިފާލަމުން ރާބިއާ ހިނގައިގަތެވެ. އޭގެ ދެމީހުން ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް އައެވެ.

އުދަރެސްމުޅިން އަލިވެ ޓެރެސްއަށް އަވި އަރައިފިއެވެ. ސަރަންފީތައް ލާއްޕާލަފައި އެއްފަރާތު ފާރުކައިރީ ލައްކޮށްލާފައި ހުއްޓެވެ. ކޮފީ ތަށި ހިފައިގެން ޓެރެސްގެ ފާރުބުރި ކައިރީ ތަހުސީނު ހުއްޓިލައިގެން ހުއްޓެވެ. އެތަނަށް ނުކުންނަން އައި ޒޫރިންއަށް ތަހުސީނު ފެނުމާއެކު އެނބުރި އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. އެހިނދު ތަހުސީނު ވެސް އެނބުރިލިއެވެ. އޭނާއަށް ޒޫރިން ދާން ހިނގައިގަތް ތަން ފެނި ނިކަން ބާރަށް ގޮވާލިއެވެ. މިފަހަރު ތަހުސީނުގެ އަޑަށް ނުހުއްޓި ދާން ޒޫރިންއަކަށް ނުކެރުނެވެ.

"އާދެބަލަ މިކޮޅަށް..." ތަހުސީނުގެ އޯގާތެރި އަޑު އަނެއްކާ ވެސް އިވިގެން ދިޔައެވެ.

ޒޫރިން އައިސް ޓެރެސްގެ ފާރުބުރީގެ ވަށައިގެންވާ ދަގަނޑު ހޮޅިމަތީ ދެއަތްތިލަ ބާއްވާލަމުން ތިރިއަށް ބަލަންފެށިއެވެ. އޭނާގެ މޫނަށް ތަހުސީނު ނިކަން ރަނގަޅަށް ބަލާލިއެވެ. އަދި ޒޫރިންއަށް ހައިރާންކަން ލިބިގެން ދިޔައީ އޭނާގެ ގާތަށް ތަހުސީނު ޖެހިލާ ޒޫރިންގެ ކޮނޑުގެ ވަށައިގެން އޭނާގެ ކަނާތުން ހިފަހައްޓާލުމާއެކު ގަޔާ ކައިރިކޮށްލީމައެވެ. ޒޫރިންގެ ބޮލުގައި ބޮސްދީފައި ތަހުސީނުގެ ކޯތާފަތް ޖައްސާލަމުން ޒޫރިންގެ ކޮނޑުގައި ފިރުމާލިއެވެ.

"ބައްޕަގެ ވާހަކައިން ދަރިފުޅުގެ ހިތުގައި ޖެއްސުނީތީ މާފުކުރޭ" ތަހުސީނު ބުނެލިއެވެ. އެއާއެކު ޒޫރިންގެ ހަށިގަނޑުގައި ހުރި ހަރުކަށިކަން ކެނޑި ތަހުސީނުގެ ގައިގާ އޭނާގެ ބޯ ޖައްސާލަމުން ދެ ލޯ މަރާލިއެވެ.

އިތުރަށް ތަހުސީނު އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ދަރިފުޅު ގާތްކޮށްލައިގެން ހުރެ ކޮފީތަށި ހުސްކޮށްލާފައި ދުރަށް ޖެހިލިއެވެ. އަދި ޒޫރިންގެ އަތަށް ތަށި ދީފައި ރޭޝްމާއަށް ގެންގޮސްދޭން ބުނަމުން ޝަމްޢާނު އުޅެނީ ހޭލާތޯ ސުވާލުކޮށްލިއެވެ. ތަހުސީނުގެ ހުންނަ އެ ސިފަ ޒޫރިންއަށް ކަމުދެއެވެ. ޒޫރިންގެ ހިތަށް ދަތިކަމެއް ލިބިދާނޭ ވާހަކައެއް އޭނާ ތަކުރާރުކޮށް ނުދައްކާނެއެވެ. އެހެންނަމަވެސް ތަހުސީނު އެހެން ހެދުމުން އެކަމަކާ ވިސްނަން ޒޫރިންއަށް މަޖުބޫރުވެއެވެ. ޝަމްޢާނު ކުޑައެނދުގައި ހޭލާ އެބައޮތް ކަމުގައި ބުނެފައި ތަހުސީނަށްވުރެ ކުރިން އެތެރެއަށް ވަނުމަށް ޒޫރިން ހިނގައިގަތެވެ.

ހެނދުނުގެ ސައިބޮމުން ޒޫރިން ދިޔައިރު މޭޒު ދޮށުގައި ރޭޝްމާ އިނީ ޝަމްޢާނު އުރާލައިގެންނެވެ. އޭރު ތަހުސީނު ސައިބޮއެގެން ނުވައެއް ޖަހަންވާއިރަށް އޭނާގެ މަސައްކަތަށް ހިނގައްޖެއެވެ. ގޭގައި ދެމައިން އެކަނިވީއެވެ. ރޭޝްމާ ވެސް ފެންނަނީ ހިމޭންކޮށެވެ. ޒޫރިންއާ މާގިނަ ވާހަކައެއް ނުދައްކައެވެ. އެކަމުން ޒޫރިންއަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. މަންމަ ހުރީ އޭނާ ދެކެ ހިތްހަމަނުޖެހިފައި ހެން ހީވަނީއެވެ. ދުރުދުރުން ޒޫރިން ވާހަކައެއް ފެށިއެވެ. ނަމަވެސް ރޭޝްމާގެ ޖަވާބުތައް އާން ހޫނއަކުން ނިންމާލަނީއެވެ.

ހެނދުނުގެ ނާސްތާފަހު އިރުއިރުކޮޅާ ރާބިއާގެ ކޮޓަރިއަށް އީތަން އައިސް ވަދެލައެވެ. އޭނާ ޒޫރިންގެ ގާތަށް ދަނޭ އިރަކަށް އީތަން އިންތިޒާރު ކުރަމުން ދިޔައެވެ. އީތަންގެ މި ހަރަކާތްތައް ރާބިއާއަށް ފާހަގަކުރެވުނެވެ. ދިހައެއް ޖެހިފަހުން ރާބިއާ ރީތިވެލައިގެން ނުކުތެވެ. ގޭތެރޭގެ އެކި ދިމާއަށް ނަޒަރު ހިންގާލުމުން ވެސް އީތަން ލޮލުގައި އަޅައިނުގަތުމުން ރާބިއާ އައިސް ވަނީ އީތަންގެ ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އީތަންގެ ސަމާލުކަން ދޮރު ހުޅުވާލި ރާބިއާއަށް ހުއްޓުނެވެ.

"ދުރުވަނީތޯ މާމާ" ނިކަން އަވަހަށް އީތަން އަހާލިއެވެ.

"އާން! ހިނގާބަލަ އެގެއަށް މާމަ ގެންގޮސްދޭން" ރާބިއާ ބުންޏެވެ.

"އަޅުގަނޑު ވެސް މާމައާއެކު އެގެއަށް ވަންނާނަން"

އީތަންގެ ޚިޔާލަކީ ރަނގަޅު ޚިޔާލަކަށް ނުވިޔަސް އޭނާ ދެނެއް ނުހިފެއްޓޭނޭކަން ރާބިއާއަށް ވިސްނުނެވެ. އެހެންވެ އީތަންގެ ޚިޔާލާ ދެކޮޅެއް ރާބިއާ ނުހެދިއެވެ. ސިޓިންރޫމުގައި އިން ހަމްރާ އީތަންއަށް ހިތްވަރު ދިނެވެ. ޒޫރިން ރުއްސައި ކައިވެންޏަށް އާންބަސް ބުނުވައިގެން އައުމަށް އީތަން ގާތުގައި ހަމްރާ ބުނެލިއެވެ. އަދި ދަރިފުޅުގެ ކުރިމަތިލުމަށް ކާމިޔާބު ދެއްވާ ޒޫރިންގެ ރުހުން ދެއްވާތޯ ހަމްރާ ދުޢާކޮށްލިއެވެ.

ހާސްވެފައި ހުރި އީތަން އޭނާގެ ސައިކަލު ފަހަތަށް ރާބިއާ އަރުވައިގެން ޒޫރިންމެންގެއަށް ދިއުމަށް ދުއްވާލިއެވެ. މަންޒިލާ ހަމައަށް ދެވެން ދެން ވެސް އީތަން އިނީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. އޭނާ ވިސްނަނީއެވެ. ޒޫރިންއަށް ބައްދަލުވެއްޖެނަމަ ހަމްރާ އެދުނު ފަދައިން އޭނާ އެނބުރި އަންނާނީ ޒޫރިން ރުއްސުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފައެވެ. މިއަދު އޭނާ ޒޫރިންދެކެ ވާ ލޯބި ސާބިތުކޮށްދޭނެއެވެ.

"ދަރިފުޅާ މަޑުމަޑުން..." ސައިކަލުގައި އީތަންގެ ކޮނޑުގައި ހިފަހައްޓާލައިގެން އިން ރާބިއާ ބުނެލިއެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިން އީތަންއަށް ސައިކަލުގެ ދުވެލި ބާރުވެއްޖެކަން އިހުސާސް ކުރެވުނީ ދެނެވެ. އޭރު ޒޫރިންމެންގެއާ ވަރަށް ކައިރިއަށް އާދެވިއްޖެއެވެ. ބާރަށް ދުއްވުމަކީ ރާބިއާ ބިރުގަންނަކަމެކެވެ. މަދު ފަހަރަކު ނޫނީ އޭނާ ސައިކަލަށް ވެސް ނާރާނެއެވެ. އީތަން އަވަހަށް ސައިކަލުގެ ދުވެލި މަޑުކޮށްލުމާއެކު ހ.ބުލޫމޫންގޭގެ ދޮރޯށި ކައިރީ ސައިކަލު މަޑުކޮށްލިއެވެ. އަދި ރާބިއާ ފައިބަންދެން މަޑުކޮށްލާފައި ފާރުކައިރީ ސައިކަލު ޕާކުކޮށްލިއެވެ.

"އައްސަލާމް އަލައިކުމް" ރޭޝްމާ ދޮރޯށި ހުޅުވާލުމާއެކު ހިނިތުންވެލި ރާބިއާ ބުނެލިއެވެ.

"ވައިލައިކުމުއްސަލާމް..." އަންގާ ވެސް ނުލާ ރާބިއާ އާއި އީތަން އައިސް ތިބިތަން ފެނިފައި ރޭޝްމާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އުމުރުން ދުވަސްވެފައި ހުރި ރާބިއާގެ ވާހަކަތަކުގައި ހުންނަ މަޑުމައިތިރިކަން އޭނާއަށް ލިބިފައިވާ ތަޖުރިބާ ހާމަކޮށްދެއެވެ. އެހެންވެ އޭނާގެ މައްޗަށް ވަރަށް ބޮޑު ޤަދަރަކާއި އިހުތިރާމެއް ރޭޝްމާގެ ހިތުގައި އުފެދިފައި ވެއެވެ.

"ވާހަކަދައްކާލަންވެގެން" ހިތްހެޔޮކަމާއެކު ރާބިއާ ބުނެލިއެވެ. ތިރީތުންފަތުގައި ދައިގަތްގޮތަށް އީތަން ހުރީ ރޭޝްމާ ދޭނޭ ޖަވާބެއްގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާ އަނގައިން ނުބުނެ ދޮރޯށި ހުޅުވާލާފައި އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ.

"އިށީންނަވާ" ސޯފާ ދައްކާލާފައި ރޭޝްމާ ބުނެލިއެވެ.

"ކުއްލިއަކަށް އައުމުން އުނދަގޫވާނޭކަން އެނގޭ، އެހެންނަމަވެސް މި މަޖުބޫރީއަށް މާފުކުރައްވާ... އަޅުގަނޑުގެ މާމަ ދަރިފުޅުދެކެވާ ކަނު ލޯތްބެއް ބޮޑުކަމުން އެކުއްޖާގެ އާދޭސްތައް ހިފައިގެން އަންނަން ޖެހުނީ..." ރާބިއާ ވާހަކަދެއްކިއެވެ.

"އަޅުގަނޑު އަންނާނަން ފިނި އެއްޗެއް ހިފައިގެން. ވަރަށް ހޫނު ދުވަހެއް ނޫންތޯ" ކަންބޮޑުވުމުގެ ހިންދިރުވާލުމާއެކު ރޭޝްމާ ބުނެލިއެވެ.

"ނޫނޭ... ވަރަށް ބޮޑަށް ޝުކުރިއްޔާ. މިގެއިން އަޅުގަނޑު ބޭނުންވަނީ ހަމަ އެންމެކަމެއް، އަޅުގަނޑު މިއައީ ރީންއާ ބައްދަލުކުރަން. ގިނަ ދުވަސްތަކަކަށް މިކަން ނުދަންމާ އެކުއްޖާގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވާލާ ހިތުން..."

"އީތަންއާއި އޭނާއާ ގުޅުން ހުރި މީހަކާ ވެސް ރީން ބައްދަލުކުރާކަށް ބޭނުމެއްނުވޭ. އޭނާ ހިތްހަމަނުޖެހޭ ކަމެއް ކުރުވަން މަޖުބޫރު ކުރާކަށް އަޅުގަނޑަކަށް ނުކެރޭނެ"

"ރީންގެ މަންމައަށްވީތީ ދަރިފުޅުގެ ހިތްހަމަޖެހުން ވަރަށް މުހިންމުވާނޭކަން އެނގޭ. އެކަމަކު އެއްފަހަރު ނަމަވެސް އަޅުގަނޑު ރީންއާ ބައްދަލުކޮށްލަން ބޭނުން. ފަހަރެއްގައި އަޅުގަނޑުގެ ވާހަކަ ރީން ޤަބޫލުކުރުމަކީ ވެސް ވެދާނޭ ގޮތެއް... ލިބުނު ހިތްދަތިކަމުގައި ރީން ބަނދެވިފައި އެވަނީ މާބޮޑަށްކަމަށް ވުމަކީ ވެސް ވެދާނޭ ގޮތެއް... އެހެންވެ ކަންނޭނގެ އީތަން ބަދަލުވެދާނޭކަމަށް ރީންއަށް ޤަބޫލުނުކުރެވިގެން އެ އުޅެނީ" ރާބިއާގެ ވާހަކަތަކާ މެދު ރޭޝްމާ ވިސްނިއެވެ. ޚުދު އޭނާ ވެސް ޒޫރިން އެ ކުރާ ހިތާމައިގައި ނިމިގެންދާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް މިހާރު އޭނާ ކަންބޮޑުވާ ދަރަޖައަށް ޒޫރިންގެ ހާލު ހިނގައްޖެއެވެ. ކޮންމެވެސް ގޮތަކުން އެކުއްޖާ އަލުން ދިރިއުޅުން ދެކެ ލޯބިވާނޭ ގޮތެއް މެދުވެރިވާން ރޭޝްމާ ނުހަނު އުންމީދުކުރެއެވެ.

"ރީން މިވަގުތީ ކޮޓަރީގައި. މަތީގައި ކޮޓަރި ހުންނާނީ..." ރޭޝްމާ މިހެން ބުނެ ސޯފާއިން ތެދުވެ ރާބިއާއަށް ބަލަންހުރެ ސިޑިއާ ދިމާއަށް އިޝާރާތްކޮށްލިއެވެ.

"އަޅުގަނޑު ވެސް ދާނަން" އީތަން ނިކަން އަވަހަށް ބުނެލިއެވެ. އޭނާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ރޭޝްމާ ބޯޖަހާލީ ހުއްދަ ދިނުމުގެ ގޮތުންނެވެ.

ޒޫރިންގެ ކޮޓަރިއާ އަރާ ހަމަވެފައި ރޭޝްމާ އަތްހިއްލާލުމާއެކު ހުއްޓެން އަންގާލިއެވެ. ރާބިއާ އާއި އީތަން އެކަކު އަނެކަކަށް ބަލާލާފައި އެއްފަރާތުގައި މަޑުކޮށްލިއެވެ. އެއާއެކު ދޮރުހުޅުވާލާފައި ރޭޝްމާ އެތެރެއަށް ވަނެވެ. އޭރު އެނދުމަތީ ކޮފީކުލައަކަށްދާ ލޭސް ފޮތީގެ ދިގު ޕާޓީ ހެދުމެއް ފަތުރާލައިގެން އެއަށް ބަލަހައްޓައިގެން ޒޫރިން ހުއްޓެވެ. އަލަމާރީގެ ދޮރުފަތް ވެސް ހުޅުވާލާފައި ހުރި ގޮތަށް ހުއްޓެވެ.

"ރީން... ކީއްކޮށްލަނީ؟" ރޭޝްމާ އަހާލިއެވެ.

"ކަމެއް ނުކުރަން" ޒޫރިން އެނދުގައި އޮތް ހެނދުން އެއްފަރާތްކޮށްލިއެވެ. އަދި ހުޅުވާފައި ހުރި އަލަމާރީގެ ދޮރުފަތް ލައްޕާލިއެވެ.

"ތީ ނާޒިލުބެއާއެކު ޕާޓީއަކަށް ދާން ރީން ލީ ހެދުމެއްނު. ކިހިނެއްވީ މިހާރު ތި ހެދުން ނަގައިގެން ތިވަރަށް ތި ބަލަނީ. އަނެއްކާ އެއްލާލަންތަ ތިއުޅެނީ"

"ނޫން މަންމާ. މި ދެން ހަމަ ބަލާލަން ނެގީ. މަންމަ ކަމަކުތަ ތިއައީ. ޝަމްޢާނު ބަލާ ދޯ" ޒޫރިން ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރިއެވެ.

"ދަރިފުޅާ ބައްދަލުކުރަން އެބަހުރި މީހަކު އައިސް. ކޮޓަރިއަށް ވައްދަން އިނގޭ އެބަ" ރޭޝްމާ މިހެންބުނެފައި ޒޫރިންއަށް ޖަވާބުދޭން ފުރުޞަތެއް ނުދިނެވެ. ދޮރުހުޅުވާލާފައި ރާބިއާއަށް އަންގާލިއެވެ.

"ދަރިފުޅު އިހަށް މަޑުކުރޭ" ރާބިއާ ނިކަން އަވަހަށް އީތަންގެ އަތުގައި ހިފާލާފައި ބުނެލިއެވެ. އެހެންވެ ކުރިއަށް އަޅާލަން އަޅަން ނެގި ފިޔަވަޅު އަނެއްކާ ވެސް މަޑުކޮށްލީއެވެ.

ރާބިއާ ކޮޓަރިއަށް ވަނުމުން އޭނާއަށް ޒޫރިން ބަލަހައްޓައިގެން ހުރި ހައިރާންވެފައެވެ. ދޮން އަލި މޫނެކެވެ. ފެހި ކުލައިގެ ބޮޑު ބުރުގާއެއް އަޅާފައި ހުރިއިރު ލާފައި ހުރީ ގަޔަށްދޫކޮށް ފަހާފައިހުރި ދިގު ހެދުމެކެވެ. މުސްކުޅިވެފައި ހުއްޓެއްކަމަކު ޒުވާން އުމުރުގައި އޭނާއަކީ ރީތި އަންހެނެއްކަން ޒޫރިންއަށް ނަގައިގަނެވުނެވެ. ތުންފަތުގައިވާ ހިނިތުންވުމާއި ބަލަން ހުރި ގޮތުން ހިތްހެޔޮކަން އިހުސާސްވެގެން ދިޔައެވެ. އެހެންނަމަވެސް ރާބިއާގެ ހިތަށް ފުން އަސަރުތަކެއް ކުރެވިގެން ދިޔައެވެ. ހިނިތުންވެލައިގެން ހުއްޓެއްކަމަކު ބަލަބަލާ ހުއްޓާ އޭނާގެ ދެ ލޯ ފެންކަޅިވެގެން ދިޔައެވެ. މަޑުމަޑުން ކަނާތުން ދެ ލޯ ފުހެލާފައި ކުރިއަށް ޖެހިލާ ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ.

"ރީން ދުށުމުގެ ފުރުޞަތު ލިބުނީތީ ﷲއަށް ޙަމްދުކުރަން. މީ އީތަންގެ މާމަ. މިއައީ ރީންއާ އެކަނި ބައްދަލުކޮށްލަން ބޭނުންވެގެން" މަޑުމައިތިރިކަމާއެކު ރާބިއާ ވާހަކަދެއްކިއެވެ. އީތަންގެ ނަން އިވުމުން ވެސް ޒޫރިންއަށް ގޮތްތަކެއް ވެއްޖެކަން ރާބިއާއަށް ނަގައިގަނެވުނެވެ.

"މަންމަ މި ދަނީ ކޮޓަރިއަށް...." ޖެހިލުންވެފައި ހުރެ ރޭޝްމާ ބުނެލިއެވެ. އޭރު ޒޫރިންގެ ލޮލުން އޭނާ އެ ކޮޓަރިން ނުދިއުމަށް އެދި އާދޭސްކުރާ ކަހަލައެވެ. އެހެންނަމަވެސް އެކަން ދެނެހުރި ކަމަށް ނުހަދާ ރޭޝްމާ އެ ކޮޓަރިން ނުކުތެވެ.

ކުޑައެނދުގައި އޮތް ޝަމްޢާނު އަޑުލައްވާލުމާއެކު ރާބިއާ އެ ދިމާއަށް ޖެހިލިއެވެ. އަދި ކުޑައެނދުގައި އޮތް ކުއްޖާއަށް ބަލަން ހުރެ އޭނާއަށް ހީނލެވުނެވެ.

"މާޝާﷲ، ރީންއާއި އީތަންގެ ފުރިހަމަވެގެންވާ ހަދިޔާއެއް. މާމަ އުރާލަންތަ؟" ރާބިއާ މިހެން އަހާލަމުން ޒޫރިންއަށް ބަލާލިއެވެ. ހާސްވެފައި ހުރެގެން ޒޫރިން ބޯޖަހާލިއެވެ. އެއާއެކު ރާބިއާ ތުއްތު ޝަމްޢާނު ނަގާ އުރާލިއެވެ. އެކުއްޖާގެ ކޮލުގައި ވަސްގަނެލާފައި ނިތުގައި ބޮސްދިނެވެ. އަދި ލޯބިކޮށްލާފައި ޒޫރިންއަށް ބަލަންފެށިއެވެ.

"ދަރިފުޅު ބައްޕައެއްނެތްކަން ދުނިޔެ ކަނޑައެޅި، ރީން ވެސް ނިންމީ ހަމަ އެގޮތައްތަ؟ މި ދަރިފުޅުގެ ބައްޕައަކަށް ބޭނުމެއްނުވާނެތަ؟ މި ދަރިފުޅުގެ ބައްޕަދެކެ ރީންވީ ލޯބި ނެތިގެން ދިޔައީތަ؟ ޔަޤީނުން ވެސް މި ދަރިފުޅަކީ ރީން އެމީހަކަށް ކުރި ފުރިހަމަ އިތުބާރުގެ މިސާލެއް. އެ މީހަކަށްޓަކައި ރީންގެ ހުރިހާ އެއްޗެއް ޤުރުބާންކުރިކަމުގެ ނިޝާނެއް.... މާމަ ޤަބޫލުކުރަން"

"އީތަންގެ ވާހަކަދައްކާކަށް އަޅުގަނޑު ބޭނުމެއްނޫން" ދެއަތްދެއަތާ މޮޑެލަމުން ޒޫރިން ރާބިއާއަށް ފުރަގަސްދިނެވެ. އެހިނދު ރާބިއާ ކުޑައެނދުގައި ޝަމްޢާނު ބާއްވާލާފައި އައިސް ޒޫރިންގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. (ނުނިމޭ)