ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑް އަތުން 2-0 ލަނޑުން ވުލްފްސްބާގް މޮޅުވެއްޖެ އެވެ.

މިއީ 2004 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލް މެޗަކުން ރެއާލް ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވުލްފްސްބާގްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރެއާލް ކޮޅަށް އެޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން ރިކާޑޯ ރޮޑްރިގޭޒްއެވެ. އަދި ވުލްފްސްބާގްގެ ގެ ދެ ވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެކްސިމިލިއަން އާނޯލްޑެވެ.

މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، މޮޅަށް ކުޅުނު ރެއާލްއަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލްއަށް ލަނޑުޖަހަން ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

ޗެމްޕިއަންސް ލީގްގައި ފައިނަލްގައި މިހާތަނަށް 13 ފަހަރު ކުޅެ 10 ތަށި ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރެއާލް އަށް މިމުބާރާތުގައި ދެން ކުރިއަށް ދެވެން އޮތީ އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ތިން ލަނޑުގެ ތަފާތުން ކާމިޔާބު ކޮށްގެންނެވެ.