ރާއްޖޭގެ ބައެއްގެ ގޮތުގައި މިއަދު ހަމަޖެހިފައި ނެތް ނަމަވެސް ދިވެހިރާއްޖެއާއި ދާދި ގާތުގައި އޮތް މަލިކުގެ ރައްޔިތުންނަކީ މިއަދުވެސް ދިވެހިންނާ އެއްބަނޑު އެއްބަފާކަމުގެ ގުޅުން އޮތް ރައްޔިތެކެވެ. މަލިކުގެ ރައްޔިތުން ދެކެ ދިވެހި ރައްޔިތުން ލޯބިވާ ފަދައިން މަލިކުގެ ރައްޔިތުންވެސް ދިވެހި ރައްޔިތުން ދެކެ ލޯބިވެ އެވެ. ނަމަވެސް މީގެ އެތަށް އަހަރެއް ކުރިން ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތް އޮތުން ނިމުމަކަށް އައި ފަހުން ދިވެހިންނަށް މަލިކަށް ދަތުރުކުރުމަކީ އުދަގޫ އަދި ދަތިކަމެކެވެ. އަދި މަލިކުގެ ރައްޔިތުންވެސް ދިވެހިރާއްޖެއަށް އައިސް އުޅުމަކީ ފަސޭހަކަމެއް ނޫނެވެ.
ދިވެހި ތާރީހުގެ ފުނަށް ފީނާލައިފިނަމަ ފެންނަން އޮތީ މަލިކަކީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ރަށެއްގެ ގޮތުގަ އެވެ. ތާރީހު ބުނާ ގޮތުން، މަލިކަކީ އެކި ދުވަސްވަރު އެކި ފަރާތްތަކުގެ އަޅުވެތިކަން ދެކެފައިވާ ރައްޔިތަކު ދިރިއުޅެފައިވާ ރަށެކެވެ. އިނގިރޭސިންނާއި އިންޑިއާ އާއި ޕޯޗުގީޒުންނާއި މާލާބާރުންވެސް ވަނީ މަލިކަށް ގަދަވެގެންފަ އެވެ. އެހެންނަމަވެސް ރަސްމީކޮށް މަލިކު އިންޑިއާގެ ރަށެއްގެ ގޮތުގައި، ނުވަތަ އިންޑިއާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1956 ވަނަ އަހަރު އެ ރަށުގައި ނެގި ވޯޓަކަށް ފަހު އެވެ.
މަލިކު ދިވެހިންނާ ވަކިވި ނަމަވެސް މަލިކާ ދިވެހިންނާ ދެމެދު ޒަމާންވީ އެކުވެރި ބަދަހި ގުޅުމެއް އަބަދުވެސް އޮތެވެ. މިގުޅުން އިތުރަށް ބަދަހިކުރުމަށް މަލިކުގެ ރައްޔިތަކު މުހިއްމު ދައުރެއް އަދާކުރި އެވެ. އެމީހަކީ ގިނަ ދިވެހިން ވެސް ދަންނަ މުހައްމަދެވެ. ގިނަ ބައެއްގެ ނަމުންނަމަ މަލިކު މުހައްމަދެވެ. މީގެ 26 އަހަރު ކުރިން ރާއްޖެއަށް އައިސް ރާއްޖޭގައި ދިރިއުޅެމުންދިޔަ މުހައްމަދަކީ ނަމޫނާ އެކެވެ. ހިތްހެޔޮ ކަމާއި މެހްމާންދާރީ އަދާކުރުމުގައި މިސާލެކެވެ. އެކަމަކު މިއަދު ދިވެހިންނަށާއި މަލިކު ރައްޔިތުންނަށްވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އެބައޮތެވެ. ދިވެހިންގެ ތެރޭގައި 26 އަހަރު ދިރިއުޅުނު މުހައްމަދު ރާއްޖެ ދޫކޮށް ދިޔައީ އެވެ. އޭނާ މިވަގުތު ހުރީ އިންޑިއާގެ ކޮޗިންގަ އެވެ.