އިތުރު 3 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓަރު ނިންމެވުމާ ގުޅިގެން އެ 3 މީހުންގެ މައްޗަށް މޮނިކޮން އަމުރު ދިވެހިރައްޖޭގެ ހައިކޯޓުން ނެރެ އޭގެ ތެރެއިން އެކެއްގެ ފައިގައި ޓެގް އަޅުވައި އަނެއް 2 މީހުންގެ ފައިގައި ޓެގް އެޅުވުމަށް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަހަރު މޮނިކޮން އަމުރު ނެރެފައިވާ 3 މީހުންނަކީ ގއ. ވިލިނގިލި، ހަނދުވަރުދޭގެ، އަޙްމަދު ފިރާޝް (32އ) އާއި، ސ. ހިތަދޫ، އުދާސް، އަޙްމަދު މުޙައްމަދު (30އ) ގެ އިތުރުން ގއ. ކޮނޑޭ، ދާރުލްޤަރާރު، ޢަބްދުﷲ ނާޞިޙް (20އ) އެވެ. މި މީހުންގެ ތެރެއިން ގއ. ކޮނޑޭ، ދާރުލްޤަރާރު، ޢަބްދުﷲ ނާޞިޙް (20އ) ގެ ފައިގައި މިހާރު ވަނީ ޓެގް އަޅުވާފައެވެ. އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މޮނިކޮން އަމުރުނެރެން ހޯމް މިނިސްޓަރު ނިންމެވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގެ ދަށުން މީގެ ކުރިން 11 މީހެއްގެ ފައިގައި ވަނީ ޓެގް އަޅުވާފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރު ނިންމަވައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރެފައިވާ 3 މީހުންނަކީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ބައެއްކަމަށް ފުލުހުން ބުނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ މޮނިކޮން އަމުރުގައި މި 3 މީހުން މޮނީޓަރކުރުމުގެ ގޮތުން ރޭގަނޑު 20:00 އާއި ހެނދުނު 06:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފިނަމަ މޮނިކޮން އަމުރު ނެރެފައިވާ ފަރާތް ދިރިއުޅޭ ތަނުގައި އުޅޭ މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދިނުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމަށް އަމުރުކުރައްވާފައިވެއެވެ.

މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ގާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެކަމަށް ފުލުހުން ބުނެއެވެ.