މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިލެކްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ކުރަންހުރި ކަންކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ މެމްބަރުން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފް އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި އިލެކްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން މަސައްކަތްކުރަންހުރި ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންގ އެއްގައި ސޮއިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ލޯކަލް ކައުންސިލް އިންތިހާބަކީ ދެފުށް ފެންނަ އަދި އަމާން އޮމާން އިންތިހާބަކަށް ހެދުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އާއި އެކޮމިޝަންގެ މެމްބަރުންނާއި ސެކްރަޓްރީ ޖެނެރަލް އާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ބައިވެރިވެލެއްވިއެވެ.