ނޫސްވެރިން މިއަދު ކުރިއަށްގެންދިޔަ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދޭނެކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގާފަައިވަނިކޮށް އެހިނގާލުން ކުރިޔަށް ގެންދަން މަސައްކަތް ކުރުމުން ފުލުހުން އެހިނގާލުން ހުއްޓުވައި ޝުޢޫރު ފާޅުކުރުމަށް ފުރުސަތުދީ، ހިނގާލުމުގައި ބައިވެރިވި މީހުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ނޫސްވެރިން މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމާއި ގުޅޭގޮތުން ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 16:30 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަޙައްދަށް ބައެއް މީޑިއާތަކުގައި މަސައްކަތްކުރާ ފަންސާހަކަށް މީހުން އެއްވެ މަޖީދީމަގުން ކުރިޔަށްދާން ހިނގައިގަތުމުން، އެމީހުން މަޖީދީމަގުން ހިނގާފައި ދިއުމުގެ ފުރުސަތު ފުލުހުން ދީފައި ނުވަނީ މިއަދަކީ ހަފްތާ ބަންދު ދުވަހަކަށް ވެފައި އާޓިފިޝަލް ބީޗްގައި ދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގަމުންދިޔަ ބޮޑު ޙަރަކާތެއް ކުރިޔަށް ދިއުމުގެ އިތުރުން ހެންވޭރު ބޯޅަ ދަނޑުގައި ކުޑަކުދިންގެ ފުޓުބޯޅަ މުބާރާތެއް ހިނގަމުން ދިއުމުގެ ސަބަބުން އެސަރަޙައްދަށް ގިނަ ބަޔަކު ޖަމާވަމުން ދިއުމާއި ގުޅިގެންކަމަށެވެ،

އަދި މިފަދަ ހިނގާލުމެއް ކުރިޔަށްދާއިރު މަޖީދީ މަގުން ބޮޑު ސަރަހައްދެއް ބަންދުކުރަން ޖެހުމުން އެތައް ބައެއްގެ މިނިވަންކަމަށް ހުރަސްއެޅި އާއްމު ދަތުރުފަތުރުގެ ނިޒާމަށް ދަތިތަކެއް ކުރިމަތި ވާނެތީކަމަށާ ހަމަ އެހެންމެ މާލޭގެ މަޖީދީމަގަކީ އެންމެ ކާރޫބާރު ބޮޑު މަގުކަމަށްވެފައި ގިނަ ވަގުތުތަކަކަށް އެ މަގު ބަންދުވުމުން ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކެއް ފޯރާނެތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދުގެ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދިން ނަމަވެސް ހިނގާލުމުގެ ބައިވެރިން މަޖީދީމަގު ހެންވޭރު ބޯޅަދަނޑު އިރުމަތީ ކަންމަތީގައި މަޑުކޮށް އެމީހުންގެ ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ފުލުހުން ވާނީ ދީފައިކަމަށާ މިއަދުގެ ހިނގާލުން އިންތިޒާމުކުރި ފަރާތުން ހިނގާލުން ނިންމާލަންދެން ފުލުހުންގެ ފަރާތުންވާނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން އެސަރަހައްދުން ދަތުރުކުރަމުންދިޔަ ތަކެތީގެ ސަބަބުން އެމީހުންނަށް ނުރައްކަލެއް ކުރިމަތިވިޔަނުދިނުމާއި އެސަރަހައްދަށް ޖަމާވި މީހުންގެ ފަރާތުންވެސް ހިނގާލުމުގެ ބައިވެރިއަކަށް ނުރައްކަލެއް ކުރިމަތިވެދާނެފަދަ ކަމެއް ނުހިނގާނެ ގޮތަކަށް ފުލުހުން ވާނީ ކަންކަން އިންތިޒާމުކޮށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކޮށްދެއްވައި މުޒާހިރާ ކުރުމާއި އިޙްތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް މިފުރުސަތުގައިވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސް ކުރަމެވެ.