ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެނޫންވެސް ސިޔާސީ ހައްޔަރީންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމެރިކާގެ ސެނެޓުގެ އިއްތިފާގުން ގަރާރު ފާސްކުރީ ކަމުގެ ހަގީގަތް ނޭނގި ތިބެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ތިބި މީހުންނަށް ހުކުމް ކުރެވިފައިވާ ގޮތަށް ބަލާލުމުން ރާއްޖޭގައި ސިޔާސީ ގޮތުން ހައްޔަރުކުރެވިފައިވާ މީހަކު ނެތް ކަން އިނގޭނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ޖަލަށް ލެވިފައިވަނީ ސިފައިންނަށް އަމުރުކޮށްގެން ގާޒީ އަކު ހައްޔަރުކުރުމުން ކަމަށާއި އެއީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ކޯޓުތަކުގެ ހުކުމްތަކަށް ނުފޫޒު ފޯރުވައި ހުކުމްތަކަށް ގޮންޖެހުމަކީ ގާނޫނު ފުނޑާލުން. އެފަދަ އަމަލެއް ހިންގުމަކީ ޑިމޮކްރަސީވެސް ހަލާކުކޮށްލުން،" ބަޔާނުގައިވެ އެވެެ.

ރާއްޖޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނެތް ކަމަށް ސެނެޓުގެ ގަރާރުގައި ބުނެފައިވާތީ ފޮރިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެގޮތުން އެމިނިސްޓްރީން ބުނީ އިދިކޮޅު މެންބަރުންނަށް ވެސް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ކޮންމެ ޑިމޮކްރަސީ އެއްގައިވެސް މުހިއްމު ކަމަށް ދެކޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބުނެފައިވަނީ ވަކި މީހަކަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ސަލާމަތްވާން ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ އަސްލުތަކާ ހިލާފު ކަމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ތަކުރާރުކޮށް ދައުވަތު ދިފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މަޝްވަރާ ހާޒިރުވެފައި ނުވާ ކަންވެސް ބަޔާނުގައި ފާހަަގަކޮށްފައިވެ އެވެ.

ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކަށް މަރުހަބާ ނުކިޔާނެ ކަމަށާއި ރާއްޖޭގެ ޖަލުތަކުގައި ސިޔާސީ ކުށްވެރިންތަކެއް ތިބި ކަމަށް ބުނެ ކިޔާ އަދަދަކީ ރާއްޖޭގެ ޖަލުތަކުގެ ޖުމްލަ އާބާދީއާ ނުބައްދަލު އަދަދެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.