ދަރުމަވަންތަ ސުކޫލަކީ އަކިރިއާއި ލޮނުވެލިން މީގެ 26 އެއްހާ އަހަރު ކުރިން ހަދާފައިވާ އިމާރާތެކެވެ. ދަރުމަވަންތަ ސްކޫލުގެ އިމާރާތުގައި އެންމެ ފުރަތަމަ ރެނދުލާން ފެށީ ޓްރޭޑާސް ހޮޓެލް އިމާރާތް ކުރަމުންދިޔަ ދުވަސްރެވެ. އޭގެ ފަހުން އިމާރާތުގައި ސިމެންތި ޖަހައި މަރާމާރުކުރި ނަމަވެސް އިމާރާތުގެ ބައިތައް ވެއްޓެން ވަނީ ފަށާފައެވެ.
ދަރުމަވަންތަ ސްކޫލަށް ގިނަދުވަސްވެ ބައުވުމުގެ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވާން ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ބައެއް ކްލާސްތަކުގެ ފާރުގައި ރެނދުލައި ކުދިން ބައިތިއްބަން އެކަށީގެން ނުވާތީ ކުދިން ގެއަށް ފޮނުވާލަންވެސް ޖެހުނެވެ. އެދުވަސްވަރު ކްލާސްރޫމެއްގެ ޝީޓުން ބައެއް ނެއްޓި ސީލިން ފަޅައިގެންގޮސް ވެއްޓުނު ސިމެންތިގަނޑަކުން ޖެހި ކުއްޖަކަށް އަނިޔާވެސް ވިއެވެ. އަދި ވިއްސާރަ ވެއްޖެއްޔާ ބައެއް ކްލާސްތަކުގެ ޝީޓުން ފެން ވެސް ފޭބިއެވެ. މިކަންކަން ވެފައި އޮތީ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޓީޗަރުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ.
އެ ހާދިސާތަކަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނުގެ ހާލަތު ބެލުމަށް ދިރާސާއެއް ކޮށްފައެވެ. ދިރާސާ ކުރި މީހުން ލަފާދިނީ ވަކި މުއްދަތެއްގެ ފަހުން އިމާރާތް ބޭނުންނުކުރުމަށާއި އަދި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ނިމެންދެން މަރާމާތުކޮށްގެން އެތަން ބޭނުންކުރެވިދާނެ ކަމަށެވެ. އޭގެ ފަހުން ކޮންމެވެސް ވަރެއްގެ މަރާމާތަކާއެކު، 2015 ވަނަ އަހަރު ނިމެންދެން އެ ސްކޫލުގެ ދަރިވަރުން ހޭދަކުރީ އެ އިމާރާތުގައެވެ. އެކަމަކު އެހިސާބުން ފެށިގެން ވަގުތީގޮތުން ދަރިވަރުން ބަދަލުކުރާނެ ތަނެއް ހޯދުމުގެ މަސައްކަތް ފަށައި ވެލާނާގެއާ އިންވެގެން އޮތް ބިމުގައި އާ އިމާރާތެއް ހަދަން ވަނީ ފަށާފައެވެ. ރާވާލެވޭގޮތަށް ހަދާފައިވާ މި އިމާރާތަށް ބައު އިމާރާތުގައި ހުރި ތަކެތި ބަދަލުކޮށް މިއަހަރުގެ ދިރާސީ އަހަރާއެކު ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ކިޔަވަމުންދަނީ ވަގުތީ އިމާރާތުގައެވެ. ނަމަވެސް ސީއެޗުއެސްއީގެ ބައެއް ދަރިވަރުން މިހާރު ވަނީ ދަރުމަވަންތައިގެ ބައު އިމާރާތަށް ބަދަލުކޮށްފައެވެ.
ސީއެޗުއެސްއީގެ ދަރިވަރުން އެތަނަށް ވައްދަން ޖެހުނީ އެހެން އަހަރުތަކުގައި ޖޫން މަހު އޭލެވެލްގެ ކިޔެވުން ފެށި ނަމަވެސް މިއަހަރުން ފެށިގެން މާޗު މަހު އޭލެވެލްގެ ކިޔެވުން ފެށުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ދިމާވި ޖާގައިގެ ދަތިކަމާ ހުރެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެކްޒެކެޓިވް އިބްރާހީމް އިސްމާއީލް ވިދާޅުވީ ބައު ދަރުމަވަންތައިގައި ކިޔަވަމުންދަނީ ގްރޭޑް 11 އަށް މިއަހަރު ވަން 500 ދަރިވަރުން ކަމަށެވެ.
"އޭލެވެލަށް ކުދިން ނެގިއިރު ސީއެޗުއެސްއީއަށް ގާތްގަނޑަކަށް 500 އެއްހާ ކުދިން ނެގި. އެ ގާޖަ ނެތް ސީއެޗުއެސްއީގައި، މިހާރުވެސް 11 އާއި 12 އެތަނުގައި ހިނގަމުން ދަނިކޮށް އަނެއްކާ 11 އަށް 500 ކުދިން ނަގައިގެން ކިޔަވައިދޭނެ ޖާގައެއް އެތަނުގައި ނޯންނާނެ. އެހެންވެ އެ 500 ކުދިން މިހާރު ކިޔަވަނީ ކުރީގެ ދަރުމަވަންތައިގައި" އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.
އިބްރާހީމް އިސްމާއީލް ވިދާޅުވީ ސީއެޗުއެސްއީގެ ދަރިވަރުން ދަރުމަވަންތައިގެ ބައު އިމާރާތުގައި ތިއްބަސް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އެތަން ބޮލަށް ނުވެއްޓޭނެ ކަމަށެވެ. އަދި ފެންވަރު ވަރަށް ރަގަޅު ކްލާސްތައް ވެސް އެތާ އެބަހުރި ކަމަށާއި އެތަން ބޭނުންކުރަނީ މަރާމާތުވެސް ކޮށްގެން ކަަމަށެވެ. އެކުދިން އެތަނުގައި ތިބޭނީ ތިންމަސް ވަންދެން ކަަމަށް ވެސް ވިދާޅުވިއެވެ.
"މިހާރު ގްރޭޑް 12ގައި ތިބި ކުދިން އިމްތިހާނުގައި އިށީންނާނެ އޭޕްރީލްއިން ޖޫންއާ ހަމައަށް. އިމްތިހާން ނިމުމުން 12ގައި ތިބި ކުދިން ބޭރުވާނެ. މިހާރު 11 ގައި ތިބި ކުދިން 12އަށް އަންނާނެ. އަލަށް ވަން 11 ގެ ކުދިން އަންނާނެ އޭރުން ސީއެޗުއެސްއީއަށް. އޭރުން ބާ ދަރުމަވަންތަ ހުސްވާނެ" އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.
އިބްރާހިމް އިސްމާއީލް ވިދާޅުވީ ދަރުމަވަންތަ ސްކޫލް ހުސްވުމާއެކު އެތަން ތަޅައިލާނެ ކަމަށެވެ. އަދި މިއަހަރު ތެރޭ ދާއިމީ އިމާރާތުގެ ސާވޭތަކާއި ކުރެހުންތައް ހަދައި ނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ 2017 ވަނަ އަހަރު އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. މީގެ އިތުރަށް ދަރުމަވަންތައިގެ ދާއިމީ އިމާރާތް ނިމުމުން އެއީ ވަރަށް ބޮޑު ސްކޫލަކަށް ވާނެ ކަމަށާއި ރަގަޅު ފެންވަރުގެ ވަސީލަތްތައް ވެސް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.