ސިއްހީ ފަރުވާ ހޯދުމަށް މިވަގުތު ސިންގަޕޫރުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ސިއްހީ ފަރުވާގެ ކަންކަން ނިމުމުން ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެސް ހުއްދަ ލިބިގެން ކަމަށެވެ. އެހެންކަމުން ނާޒިމްގެ ސިއްހީ ފަރުވާ ނިމުނުހާ އަވަހަށް ނާޒިމް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ރާއްޖެ ވަޑައިނުގަތުމަށް ނާޒިމް އެއްވެސް އިރަކު ނިންމަވާފައި ނުވާ ކަމަށެވެ.

"ސިއްހީ ފަރުވާއަށް ބޭރަށް ދިޔައީ ރާއްޖެއިން ނުކުރެވޭ ފަރުވާއެއް ހޯދަން. ފަރުވާ ފުރިހަމަ ނުވަނީސް އެނބުރި އައީމަ ދެން ކިހިނެއްތޯ ވާނީ،" އާޒިމް ވިދާޅުވި އެވެ.

ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ. އޭނާ އަށް ދިނީ 21 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް މި މުއްދަތު ހަމަނުވަނީސް ކަރެކްޝަނުން ވަނީ އެނބުރި ރާއްޖެ ވަޑައިގަތުމަށް ނާޒިމަށް އަންގާފަ އެވެ. މިފަދަ އެންގުމެއް އެންގި ވަކި ސަބަބެއް ކަރެކްޝަންސް އިން ބުނެފައެއް ނުވެ އެވެ. ކަރެކްޝަންސް އިން މިގޮތަށް އަންގާފައިވަނިކޮށް ނާޒިމް ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ކަރެކްޝަންސްގައި އެދިފަ އެވެ. ނަމަވެސް ނާޒިމްގެ ހުށަހެޅުމާ މެދު ކަރެކްޝަންސް އިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

ނާޒިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަހުން މިދިޔަ އަހަރުގެ ތެރޭގައިވެސް ނާޒިމް ވަނީ 45 ދުވަހަށް ސިންގަޕޫރަށް ވަޑައިގެން ފަރުވާ ހޯއްދަވާފަ އެވެ.

ނާޒިމް ބޭރަށް ފުރުމާއި ބެހޭ ލިޔެކިޔުންތަކުގައި އާއިލާގެ ފަރާތުން ސޮއިކުރެެއްވީ ނާޒިމްގެ އަނބިކަނބަލުންނެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރެއްވީ މިދިޔަ މާޗް މަހުގެ 15 ވަަނަ ދުވަހު އެވެ. މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް އާއިލާ އިން ވަނީ ނިންމާފަ އެވެ.