އެކި ގޮތްގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ދިވެހީންނާ ދެކޮޅަށް މި ފެށޭ ހަފްތާގައި ފިޔަވަޅު އަޅަން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިފަދަ މީހުންނާއި މެދު ފިޔަވަޅު އަޅަން ނިންމާފައިވަނީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު މެދުވެރިކޮށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއާ ދިމާލަށް ދިވެހީންނަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބައެކޭ ކިޔާ ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން އެނގޭތީ ކުރަމުންގެންދާ ކަމެއް ކަމަށާއި މިކަމުގެ އަޑިގައި ތިބީ ޔަހޫދީން ކަމަށެވެ. އަދި މި ކަމުގައި ސިޔާސީ ކުލަ ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ތުހުމަތުކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ހައްދުފަހަނަ އަޅާފައިވާ ވިސްނުމުގެ މީހުން އުޅޭނަމަ އެފަދަ މީހުންނަށް ދޭންޖެހޭ ކައުންސެލިން ދީ، ކުރަންޖެހޭ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ބަޔަކު ހައްދުފަހަނައަޅާފައިވާ ފަރާތްތަކާއެކު މަސައްކަތް ކުރާނަމަ އެކަން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހުއްޓުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު މެދުވެރިކޮށް މިފަދަ މައްސަލަތައް ބަލަން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މި ފަދަ މައްސަލަތައް ބެލުމަކީ މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން "ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ނަމުގައި އިދާރާއެއް ރައީސް ޔާމީން އުފެއްދެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ހިންގަމުން ގެންދަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުންނެވެ.