ހޮލީވްޑްގެ މަޝްހޫރު ފިލްމް، ސްޓާ ވޯސްގެ މަންޒަރުތައް ރާއްޖޭގައި ނެގި ޚަބަރަކީ ހުރިހާ ދިވެހިންނަށްހެން އުފާވެރިކަން ގެނެސްދިން ޚަބަރެކެވެ. ސަބަބަކީ އެފިލްމުން ރާއްޖޭގެ ރީތިކަން ބައިނަލްއަގްވާމީ ދުނިޔޭގައި އިތުރަށް މަޝްހޫރުވުމެވެ. އެކަމުން ދިވެހިންނަށްވެސް މަންފާތަކެއް ކުރާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ސްޓާވޯސް ސީރީސްގެ އަލަށް ނިކުންނަ، ފިލް "ރޯގް ވަން"ގެ ޓްރެއިލާ މިމަހުގެ ހަތްވަނަ ދުވަހު ރިލީޒު ކޮށްފައިވާއިރު، މި ފިލްމަކީ ދިވެހިން އެ ފިލްމެއް ބަލާލުމުގެ އިންތިޒާރުގައި ތިބި ހާއްސަަ ފިލްމެކެވެ. މި ފިލްމުގެ މުހިއްމު މަންޒަރުތަކެއް ރާއްޖޭގައި ނެގުމަށް، ސްޓާ ވޯސް ސީރީސްގެ ފިލްމު އުފައްދާ "ލޫކަސް ފިލްމްސް" އެ ފިލްމުގެ މަސައްކަތަށް 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކްރޫއެއް ރާއްޖެ ގެނެސް ލ. އަތޮޅުގެ ދެ ރަށެއްގައި ވަނީ މަންޒަރުތައް ނަގާފަ އެވެ. އެ މަންޒަރުތައް ކުޅެފައިވަނީ ލ. ބަރެސްދޫ އާއި ލ. ކުނަހަންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ މާފުށީގަ އެވެ.