އަމީނީ މަގުގައި ހަދާފައިވާ ރެހެންދި ފްލެޓް ތިނަކުން ސަރުކާރަށް ލިބޭ ޖުމްލަ 10 ފްލެޓް ނީލަން ވިއްކައިފި އެވެ.

ސަރުކާރުން ފުރަތަމަ ހުޅުވާލީ ރެހެންދި ފްލެޓް ތިނަކުން 10 ފްލެޓް އަދި ރެހެންދި އެކަކުން އެއް ފްލެޓް ވިއްކުމަށާއި އެ ފްލެޓް ތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ފްލެޓް ވިއްކުމަށެވެ.

ރެހެންދި ތިނެއްގެ ފްލެޓްތައް ބީލަމުގައި ވިއްކުމަށް ނިންމާ ހައުސިން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މިއަދު ހެނދުނު 11:00 އަށް ދެ މިލިއަން ރުފިޔާ ހުށަހަޅުއްވާ ފަރާތްތަކުގެ މެދުގައި ބީލަމުގެ އުސޫލުން ހުޅުވާލައިގެން އެންމެމަތީ އަގެއް ހުށަހެޅުމުގެ އިތުރު ބުރެއް ބާއްވައި، ބަންދު ކުރެވިފައިވާ ސިޓީއުރައިގައި، ހުށަހަޅުއްވާ އެންމެމަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށް ފްލެޓް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ފްލެޓް ގަތުމަށް އެންމެމަތީ އަގެއް އެއްފަރާތަށްވުރެ ގިނަފަރާތުން ހުށަހަޅާފައިވާނަމަ އަދި އެ އަގަކީ އެއް އަގެއްނަމަ ފްލެޓް ވިއްކާނެ ފަރާތް ކަނޑައަޅާނީ އެންމެމަތީ އަގެއް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށްވެސް އިއުލާންގައިވެ އެވެ.

"ގުރުއަތުން ހޮވޭ ފަރާތަކަށް، އެފަރާތުން ހުށަހެޅި އަގަށްވާ ފައިސާ އެއްފަހަރާ ދެއްކުމަށް ދެވޭ މުއްދަތު ބަޔާންކޮށް މި މިނިސްޓްރީން ސިޓީއެއް ހަވާލު ކުރެވޭނެ އެވެ. މިގޮތުން ދެވޭ މުއްދަތުގެ ތެރޭގައި ފައިސާ އެއްފަހަރާ ނުދެއްކިއްޖެނަމަ، ގުރުއަތުލުމުގައި ބައިވެރިވީ ދެމީހުންނަމަ ދެވަނަ މީހާއަށް ފްލެޓްގަތުމުގެ ފުރުސަތު ދެވޭނެ އެވެ. ގުރުއަތުގައި ބައިވެރިވި މީހުންގެ އަދަދު ދެމީހުންނަށް ވުރެ އިތުރުނަމަ ކުރިން ދެންނެވުނު އުސޫލުން އެމީހުންގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ވިއްކުމަށް މީހަކު ހޮވާނީ އެވެ،" އިއުލާންގައި ބުނެފައިވެ އެވެ.

ރެހެންދި ފްލެޓްތަތަކަކީ އެފްޑަބްލިޔޫ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކެކެވެ.

ކޮންމެ މީހެއްގެ ނަމުގައި ގަތުމަށް ހުށަހެޅެނީ އެއް ފްލެޓަށެވެ.

ހައުސިން މިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފްލެޓް ގަތުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަލާއިރު ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތުގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލީ އަވަށުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ހުރެގެން ނުވާނެ ކަމަށެވެ.